އިޓަލީގައި އަދިވެސް މަރުތައް އިތުރުވަނީ، އެއް ދުވަސް ތެރޭ 475 މަރު

އިޓަލީގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު ވަނީ އަޅާފަ -- ފޮޓޯ: ގެޓީ

ރޯމް (މާޗް 19): އިޓަލީގައި ކޮރޯނާވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވަމުންދާ ކަމަށާއި އިއްޔެ އެކަނިވެސް އެގައުމުން 475 މީހަކު މަރުވެފައިވާ ކަމަށް އިޓަލީގެ ސިއްހީ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަސް ފުރަތަމަ ފެތުރުނު ޗައިނާއަށް ފަހު އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިޓަލީގައި މިހާރު މަރުވި މީހުންގެ އަދަދު ވަނީ 2،978 އަށް އަރާފައެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 35،700 އަށްވުރެ އިތުރުވެފައެވެ.

އިޓަލީގައި މިހާތަނަށް 4،025 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، 2،250 މީހުންނަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

އިޓަލީގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުން ވަނީ މިމަހުގެ ނުވައެއްގައި މުޅި ގައުމު ކަރަންޓީނުކޮށްފައެވެ. އަދި އެގައުމަށް ވަދެ ނުކުމެ އުޅުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ބޭރަށް ނުކުމެ އުޅުން ހުއްޓުވާ، އަސާސީ ހިދުމަތްތައް ދޭ ތަންތަން ނޫން ހުރިހާ ތަނެއް ބަންދުކޮށްފައެވެ.

އެފަދަ ހަރުކަށި ފިޔަވަޅުތަކާއެކުވެސް އިޓަލީގައި މީހުން މަރުވާ މިންވަރު އިތުރުވަމުންދާ އެގައުމުގެ ގިނަ އަދަދެއްގެ ސިއްހީ އޮފިޝަލުންނަށްވެސް ބަލި ޖެހެމުން ދިޔުމުންނާއި އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ އަދަދު ގިނަވުމުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުންޏެވެ.

ދުނިޔޭގައި މިހާތަނަށް 200،000 އަށްވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 80 ޕަސެންޓު މީހުން ތިބީ ޔޫރަޕާއި ވެސްޓަން ޕެސިފިކް ސަރަހައްދުގައެވެ.

ޔޫރަޕްގައި ވައިރަސް ފެތުރުން ކޮންޓްރޯލުކުރުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަންއިން ވަނީ އެ އިއްތިހާދުގައި ނުހިމެނޭ ގައުމުތަކަށް، އެ އިއްތިހާދުގެ ބޯޑަރުތައް 30 ދުވަހަށް ބަންދުކޮށްފަ އެވެ. ނަމަވެސް އީޔޫގެ އެތެރޭގައި އަދިވެސް މީހުންނަށް މިނިވަންކަމާއެކު ދަތުރު ކުރެވޭ ގޮތް ހަދަން އީޔޫގެ ލީޑަރުން ވަނީ އެއްބަސްވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް ދުނިޔެއިން 8,810 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް