ޖެންޑާގެ މަރުކަޒުތަކުގެ އާއިލީ ބައްދަލުވުންތައް މެދުކަނޑާލައި އައިސޮލޭޝަން ރޫމްތަކެއް ހަދަނީ

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" -- ސަން ފައިލް ފޮޓޯ

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ކޮރޯނާވައިރަހުން ރައްކާތެރިކުރުމުގެ ގޮތުން މަރުކަޒުތަކުގައި ތިބި ކުދިންނާއި މީހުންގެ އާއިލީ ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލައި، މަރުކަޒުތަކުގައި އައިސޮލޭޝަން ރޫމްތަކެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ ހިޔާތަކާއި ބޮޑެތި މީހުން ބައިތިއްބާ މަރުކަޒުތަކުގައި ތިބި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން މަރުކަޒުތަކުގައި ތިބި ކުދިންނާއި މީހުންގެ އާއިލީ ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެއިން ފަރާތަކަށް ރޯގާ ޖެހިއްޖެނަމަ އަދި ހުން އަތުވެއްޖަނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ފަރުވާ ކުރުމަށް ގެންދިއުމާއި އަދި އެފަރާތްތަކުގެ ޓެމްޕަރޭޗާ ގަވާއިދުން ބެލޭނެ އިންތިޒާމު މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.

ޖެންޑާއިން ބުނީ ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ހިޔާތަކުގައި ތިބި ކުދިން އެކަހެރިކުރުމަށް ކުޑަކުދިންގެ ހިޔާގައި އައިސޮލޭޝަން ދެ ރޫމް، އަދި ފިވަވަތީގައި އައިސޮލޭޝަން ތިން ރޫމް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަމައެއާއެކު ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި އައިސޮލޭޝަން ދެ ރޫމާއި، އެމަޖެންސީ ހާލަތެއްގައި ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ފެސިލިޓީއެއް ގާއިމުކުރުމުގެ އެންމެހާ ތައްޔާރީތައްވެސް ވަމުން އަންނަ ކަމަށެވެ.

އަތޮޅުތެރޭގައި ނަމަ، އެކަހެރިކޮށް ބެހެއްޓޭނެ ތަނެއް ހަމަޖައްސައި، ބޭނުންވާ ސިއްހީ ހިދުމަތްތައް ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ޖެންޑާއިން ބުންޏެވެ.

މީގެ އިތުރުން މަރުކަޒުތަކުގެ ވަދެ ނުކުމެވާ ހުރިހާ ދޮރެއްގެ ކައިރީގައި ހޭންޑް ސެނިޓައިޒާ ހަރުކޮށް، ބޭނުންވާ ފަރާތްތަކަށް މާސްކާއި އަންގި ފޯރުކޮށްދޭނެ ކަމަށް ވެސް ޖެންޑާއިން ބުންޏެވެ.

އިތުރު ފިޔަވަޅުތައް:

  • އިމާރާތްތައް ގަވާއިދުން ސާފުކުރަމުން ދިއުން
  • އެޗްޕީއޭއާ މުއާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކޮންމެ މަރުކަޒެއްގައި ކަނޑައެޅުން
  • މިނިސްޓްރީއާ މުއާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކޮންމެ ސެންޓަރަކުން ކަނޑައެޅުން
  • ޖެންޑާއަށް ހުށަހެޅޭ މައްސަލަތަކުގައި ހޯމް ވިޒިޓް ހެދުމާ، ކޭސްތަކުގައި ކުރަންޖެހޭ ދަތުރުތައް ކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް މަސައްކަތް ކުރަން މަދުވެގެން އެއް ސޯޝަލް ވޯކަރު ކޮންމެ ދުވަހަކު މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  • ނޭވާލާ ނިޒާމުގެ އެއްވެސް ބައްޔެއް މުވައްޒަފުންގެ ފަރާތުން ފެނިއްޖެނަމަ ގޭގައި މަޑުކުރަން އެންގުން
  • ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން
  • ފިންގަޕްރިންޓު ޖެހުމުގެ ބަދަލުގައި، ކާޑު މެޝިން ބޭނުންކުރަން
comment ކޮމެންޓް