މަސް ގަންނަ ފަރާތްތަކުގެ ސްޓޯރޭޖް އިތުރު ކުރުމަށް ސަރުކާރުން އެހީވަނީ

ދިވެހި މަސްވެރިއަކު ބޮޑު ރީނދޫ އުރަހަ ކަންނެއްޔެއް ކޮނޑަށް ލައިގެން -- ފޮޓޯ/ ދިވެހި މަސްވެރިން

މަސްވެރިކަން ރަނގަޅު ވަމުން އަންނަ މި ދުވަސްވަރުގައި މަސްގަންނަ ފަރާތްތަކުގެ ސްޓޯރޭޖް އިތުރު ކުރުމަށް ސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މަސް ރައްކާ ކުރާ ކޮންޓެއިނަރުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މި ދުވަސްވަރަކީ ބޮޑު ކަންނެލީގެ މަސްވެރިކަން ރަނގަޅުވަމުން އަންނަ ދުވަސްވަރު ކަމަށާއި ނަމަވެސް މި ވަގުތަކީ ރާއްޖެ އިން ބޭރުން މަހުގެ ޑިމާންޑް ކުޑަ ދުވަސްކޮޅެއް ކަމަށެވެ. އެހެން ކަމުން މަސްބޭރުކުރުން މަޑު ޖެހުމުގެ ސަބަބުން މަސް ގަންނަ ފަރާތްތަކުގެ ސްޓޯރޭޖްތައް ފުލްވެ އިތުރަށް މަސްވެރިން ބާނާ މަސް ގަތުމަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ގިނަ އަދަދެއްގެ ރީފާ ކޮންޓެއިނާސް ގެނައުމުގެ މަސައްކަތް އެސްޑީއެފްސީން ކުރަމުން ދާކަން. އަދި މި އެއްޗިހި ހެޔޮ އަގެއްގައި މަސް ގަންނަ ފަރާތްތަކަށް ލިބޭނެ ގޮތެއް ހަދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި،" މަބްރޫކް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުންތަކަށް ހައްލު ހޯދައިދިނުމަށް ފިޝަރީޒް މިނިސްޓްރީ އިން މިހާރު ވަނީ އޮޑިދޯނިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ދޫކޮށްފައިވާ ލޯނުތަކަށް ލުޔެއް ދިނުމަށް ނިންމާފަ އެވެ.

އެގޮތުން ގަންނަ ކުންފުނިތަކަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް