ޓޫރިޒަމްގެ ޓްރަސްޓު ފަންޑުން ގެންނަން ނިންމި ބޭރުގެ މެޑިކަލް ޓީމް ރާއްޖެ އައިސްފި

--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓުއަރިޒަމް ޓްރަސްޓު ފަންޑުން ގެންނަން ނިންމި ބޭރުގެ މެޑިކަލް ޓީމް މިއަދު ރާއްޖެ އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓީން ބުނެފި އެވެ.

ޓޫރިޒަމް ދާއިރާގެ ޓްރަސްޓު ފަންޑުން ހަރަދުކޮށްގެން ރާއްޖެއިން ބޭރުގެ މެޑިކަލް ޓީމެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިމަހުގެ 14 ވަނަ ދުވަހު ހާމަކުރެއްވިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ދުނިޔޭގެ ފެންވަރުގެ އިމަޖެންސީ ރެސްޕޮންސް އެންޑް ކޯޑިނޭޝަން ޓީމް މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެ ޓީމްގައި ހިމެނެނީ ހަ މީހުންނެވެ.

އެގޮތުން އޭގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ ވައިރަހުގެ އެޑްވައިޒަރީ ގުރޫޕަށް އެހީތެރެވެދޭނެ ދެ ޑޮކްޓަރުންނާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ވައިރަހާ ގުޅޭގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ވިލަރެސްކޮށްދިނުމުގައި އެފަދަ އޮޕަރޭޝަންތަކުގައި ތަޖުރިބާ ލިބިފައިވާ ކޯޑިނޭޓަރަކާއި، ކަރަންޓީން ރަށްތަކުގައި މަސައްކަތް ކުރާނެ ދެ ނަރުހުންނާއި އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިލިވަރުގައި ގައިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަކީވެސް ޓްރަސްޓު ފަންޑުން ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ ކަރަންޓީން ފެސިލިޓީއެކެވެ.

ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފާރީއަކުން 13 ބިދޭސީއަކު މިހާތަނަށް ވައިރަހަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް