މިސްރަށް ދާ ދިވެހިން ސަމާލުވާން އެދެފި

މާދަމާ އިން ފެށިގެން މިސްރުގެ ހުރިހާ އެއާޕޯޓަކުން ފުލައިޓެއް ދަތުރުކުން ހުއްޓާލާފައިވާތީ، އެގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ބަލިމަޑުކަން، ކޮވިޑް-19އާ ގުޅިގެން، މިސްރުގެ ސަރުކާރުން ވަނީ މާދަމާ މެންދުރު 12:00 އިން ފެށިގެން މިމަހުގެ 31ގެ ނިޔަލަށް، އެ ގައުމުގެ އެއްވެސް އެއާޕޯޓަކުން އެއްވެސް ފްލައިޓެއް ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލާފަ އެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ، މި ދުވަސްތަކުގެ ތެރޭގައި މިސްރަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި މިސްރުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވެލެއްވުމަށް ދަންނަވަން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރީ ކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިހާތަނަށް ދުނިޔޭގެ 170 ގައުމަކުން ކޮރޯނާވައިރަސް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ގައުމުތަކާއި ދިވެހިން ދަތުރުކުރާ ގައުމުތައްވެސް ހިމެނެ އެވެ.

comment ކޮމެންޓް