ރަށްރަށުގައި ތިބި މުވައްޒަފުން ރިސޯޓްތަކަށް ދިޔުން މަނާވެއްޖެ

ރާއްޖޭގެ ރިސޯޓެއް: ރަށްރަށުން ރިސޯޓުތަކަށް މީހުން އެރުން ވަނީ މަނާކޮށްފައި -- ފައިލް ފޮޓޯ

ރަށްރަށުގައި ތިބި ރިސޯޓްތަކުގެ މުވައްޒަފުންނަށް ވެސް، އަނބުރާ ރިސޯޓްތަކަށް ދިޔުން ހެލްތް، ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު ސާކިއުލާއަކާ އެކު މަނާވެއްޖެ އެވެ.

އެޗްޕީއޭ އިން މި މަހު 14 ވަނަ ދުވަހު ވަނީ، ރިސޯޓުތަކުން މިހުން ފޭބުން 14 ދުވަހަށް މަނާކޮށްފަ އެވެ. ނަމަވެސް ރިސޯޓުުތަކުގެ މުވައްޒަފުން އަނބުރާ ރިސޯޓަށް ދިޔުމުގައި ހުރަހެއް ނެތް ކަމަށް އޭރު އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ، މިރޭ 9:00 އިން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް ރާއްޖޭގެ އެއްވެސް ރަށަކުން ރިސޯޓަކަށް މީހުންނަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. އެ 10 ދުވަހުގެ މުއްދަތުގައި، ރިސޯޓްތަކުން، މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރު ނުކުރެވޭނެ ކަމަށާއި އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށްވެސް ދަތުރު ކުރުން މަނާވާނެ ކަމަށް އެ އެންގުމުގައި ބުނެފައިވެ އެވެ.

އެހެން ކަމުން މި އެންގުމަށް އަމަލުކުރުން ނިމޭނީ މިމަހު 28 ވަނަ ދުވަހަށެވެ. އަދި މި އެންގުމާއެކު ކުރިން މިމަހު 14 ވަނަ ދުވަހު ނެރުނު އެންގުން ބާތިލުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި އެންގުމުގައި އިސްތިސްނާވާނެ މީހުންވެސް އެންގުމުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ފަތުރުވެރިން ފުރުވަން އެއާޕޯޓަށް ގެންދަން ޖެހޭ ހާލަތްތަކުގައި އެކަމަށް ދާ މުވައްޒަފުން އިސްތިނާވާނެ ކަމށް ބުނެފައިވެ އެވެެ. އަދި އެކަމުގައި އުޅޭ މުވައްޒަފުން ދަތުރުކުރާ ގޮތުގެ މައުލޫމާތު ރިސޯޓުތަކުން ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް އެނގުމުގައި ބުނެ އެވެ.

މީގެ އިތުރުން ރިސޯޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސޯޓުތަކުގެ ޖެޓީއަށް ފޭބުމުގެ ހުއްދަ ލިބިގެންވާކަމަށް އެންގުމުގައި ބުނެފައިވެ އެވެ. ނަމަވެސް އެ މަސައްކަތުގައި އުޅޭ މީހަކު ރިސޯޓަކަށް އެތެރެއަށް ގޮސްފި ނަމަ، އެމީހަކަށް ރިސޯޓުން ފޭބުމުގެ ހުއްދަ ނޯންނާނެއެވެ.

މައިމުނާ އެންގުންތައް އަންގާފައިވަނީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރާއްޖެއަށް ސިއްހި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ގާނޫނުން އޭނާއަށް ލިބިދޭ ބރުގެ ދަށުންނެވެ.

ގާނޫނުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކަށް ބޯނުލަބައިފި ނަމަ، އެ މީހުންގެ ނަން ހާމަކޮށް، 5،000 ރުފިޔާއަށްވުރެ، ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް މިއަދު އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފާރީއަކުން 13 ބިދޭސީއަކު މިހާތަނަށް ވައިރަހަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް