އައިޝާ ނަސީމްގެ ނިރުބަވެރިޔާ--

"ހޫމް އެހެން ބުނީމަ ހަދާންވި. ސޭމް ކުޑައިރުވެސް އަމިއްލަ އެއްޗެއް ނޫނީ ބޭނުން ނުކުރާ އުސޫލެއް ހުރޭ.އެގޮތަށް ފަޚާނާ އެހެން ތަނަކަށް ވަނުން ހަމަ މުޅިން މަނާ. އެއްފަހަރު ފެމިލީ އެއްކޮށް ދިޔައީ މޯލްއަކަށް. މޯލް ތެރޭ ހުއްާޓާ ބުނެފި ޑެޑީ ޕީވަނީއެ....ބުނެގެން ޓޮއިލެޓަކަށް ގެންދިޔައީ. ސާފުކަމުން އޮފްއަރާ އާ ތަނެއްފަދަ ތަނެއް. ފައި ޖައްސާނުލި..ގަދަކަމުން ވެސް އެކަން ނުކުރެވިގެން ގޮވައިގެން ނުކުތީ. ކާރާއި ހަމަޔަށް ދެވުނުއިރު ސޯޓުކޮޅުން ވާރޭ ވެހެން ފެށީ....." މައިމޫން ބުނުއްވި އެވެ. އަރްސަންގެ މޫނު ރަތްވި އެވެ. ދެއަތުން މޫނުގައި އަތް އެޅިއިރު އެހެން އެންމެން ބާރަށް ހޭންފެށި އެވެ.

"ޕުއާ ޑާލިން ސޭމް. ހީ ހޭޒް އެ ޝައި ޕާސެނެލިޓީ ޓްރެއިޓް އިން ހިމް........." ސުކައިނާ ބުނެލި އެވެ.

"ތީ އަދި ސޭމްގެ ލިޓްލް ސިކްރެޓެއް." އަދާވެސް ބާރަށް ހޭންފެށި އެވެ.

ރައްޔިތުންގެ ކުރިމަތީގައި ތަންކޮޅެއް ސީރިޔަސްވިޔަސް އާއިލާއާ އެކު ވަގުތު ހޭދަކުަރައްވާއިރު މައިމޫންގެ އެހެން ފަރާތެއް ފެނެ އެވެ. ކުދިންދެކެ އިންތިހާއަށް ލޯބިވާ އެކުވެރިއެއް ފަދައިންނެވެ. މާޒީގެ މަޖާ ހަދާންތަކެއް އާކުރުމުގެ ތެރޭ އަލްބަމްތައް ގެނެސްގެން ވެސް ބެލި އެވެ. އެ އުފާވެރި ވަގުތުތަކުގައި ވެސް އެންމެ ހިމޭނުން އިނީ ރާހިލް އެވެ. އޭނަ މައިންބަފައިން ގާތު ކޮންމެ ވެސް ވާހަކައެއް ބުނަން ބޭނުންވާފަދަ އެވެ. ނަމަވެސް ޖެހިލުންވަނީ އެވެ. ރާހިލްގެ މިޒާޖަށް އައި ބަަދަލުގެ ސަބަބު އެންމެ ފާހަގަކުރެވުނީ ޖިބްރީލްއަށެވެ. އެނގެން ބޭނުންވިޔަސް އަދި އެކަމެއް ނޭނގެ އެވެ. ދެން ހުރީ ލޯބީގެ ހިތާމައިގާ ކުރިއަށް ވުރެ މަޑުމައިތިރިވެފައިވާ މާޒިން އެވެ. އެންމެ އުފާވެރިކޮށް އަދި ވެސް ފެންނަނީ އަރްސަންއެވެ. ޖިބްރީލްގެ ހިތް ޒަޚަމްވިޔަސް އެކަން ބޭރުފުށުން ދައްކާނުލަނީ ކެތްގަދަ ކަމުންނެވެ.

***

މާޒިން ކައިގެން ގޮސް އެނދަށް އެރިއެވެ. ފޯނުން އިނގިރޭސި ލަވައެއް އަޑުއަހަމުން ބަލަމުން ދިޔައީ މީރާގެ ފޮޓޯތަކެވެ. އިންސްޓަގްރާމާއި އެފްބީއަށް ލާފައި ހުރި ފޮޓޯތައް ފެންނާން ފެށުމުން ކުރީގެ ރީތި ހަދާންތައް ހިތަށް އުދަގޫކުރުވާ ދެލޯ ތެންމާލަން ގިން ވަގުތުތަކެއް ނުނެގި އެވެ. މޫނުގައި ބާލީސް އަޅާ ބާރުކޮށްލައިގެން އިރުކޮޅެއްވާންދެން ހިމޭން ކަރުނަތަކުގައި ޣަރަގުވެފައި އޮވެވުނެވެ. ހުރިހާ އުދަގުލާއި ވޭނަކުން ސަލާމަތްކޮށްދޭ އެކުވެރިޔަކީ ނިންޖެވެ. ނިދުމުގެ އަރާމު ހޯދަންވެގެން އެކިގޮތްގޮތަށް އޮތުމުންވެސް ނޭވާ ނުލެވޭހެން ހީވި އެވެ. ނަމާދު ކުރާކަމަށް ހެދެން މިސްކިތަށް ދިޔަ ދުވަސްކޮޅަކަށް ފަހު ގޭގަައި އޮންނަންވުމުން އުނދަގޫވީ އެވެ.

"މިސްކިތަށް ދާންވީ ކަން ނޭގެ..."

މާޒިން ޓީޝާޓާއި ހަރުވާޅު ގަޔާއި ވަކިކޮށްލާފައި ޝަވަރަށް ދޫކޮށްލި އެވެ. ފަސް ވަރަކަށް މިނިޓްގެ ފިނިފިނި ފެންވަރައިލުމަކަށް ފަހު އިސްތަށިގަނޑު ވެސް ނުހިއްކާ އަލަމާރިން ޓީޝާޓަކާއި ޖިންސެއްނެގި އެވެ. ލުއިލުއި މީރުވަހެއް ދުވާ ސެންޓެއް ގަޔަށް ބުރުއްސާލުމަށް ފަހު މިސްކިތާއި ހަމަވީ އިރު އިޝާކޮށްގެން މިސްކިތް އޮތީ ފަޅުވެފަ އެވެ. މުޅި މިސްކިތުގައި ލުއި މީރުވަހެއް ހިފާލައިފި އެވެ.

މިސްކިތަށް ވަނުމާ އެކު އަބަދު އޭނަ ވަށައިލާ އެ ފިނިކަމާއި ހިތްހަމަޖެހުން މިފަހަރު ވެސް ލިބުނެވެ.

ނަމާދުގައި ކިޔާނެ އެއްޗެއް ނޭގުނަސް ނަމާދުކުރާ ހިތުން ނަމާދުކުރި އެވެ. އޭނަ ސަޖިދައަށް ތިރިވި އެވެ.

"ގޯޑް. ހޭވް މާސީ އޮން މީ...." ހިތުގައިވާ ހިތާމަތަކުން ދުރުކުރެއްވުމަށް އެދި ދުޢާ އެއް އުމުރުގައި ފުރަތަމަ ފަހަރަށް ކުރެވުނެވެ.

***

އަރްސަން ޝައްކުކުރަން ބޭނުމެއް ނޫނެވެ. ނަމަވެސް މިންކާގެ ނަޒަރުގައި ތަފާތު ގޮތެއް ހުންނަކަން އޭނައަށް ފާހަގަކުރެވެން ފެށި އެވެ. ކުރީގައި އެއޮންނަ އެކުވެރިކަމުގެ ގުޅުން ކިލަބުވެ އެދޭތެރޭގައި ނުފެންނަ ފާރެއް ލެވިއްޖެ އެވެ. އެކަމުގެ ސަބަބުން އޭނައަށް މިންކާއާއި ސަމާސާކުރުން އުނދަގޫވެއްޖެ އެވެ. އަދާގެ ހިތް ކިލަބު ކުރަން ބޭނުންނުވާތީ އަރްސަން އެކަން ހިއްސާނުކޮށް މަޑުޖައްސައިލީ ޔަގީން ކުރަންވެގެންނެވެ. އަންހެންކުދިން އޭނައަށް ހިތް ކިޔާކަމީ އޭނައަށް ސިއްރުވެފައިވާކަމެއް ނޫނެވެ. ފާޅުގަޔާއި ސިއްރުން ވެސް އަންހެންކުދިން އޭނައައި ހެދި އުޅޭކަމީ ހަގީގަތެވެ. ނަމަވެސް އޭނައަކީ އެންމެ މީހެއް ނޫންހެއްޔެވެ؟ އޭނައާއި އަދާގެ އޮތް ގުޅުން މުޅި ކާއިނާތު ދަނެއެވެ. ވީއިރު އެހެން އަންހެންކުދިންނަށް އެ ފުުރުސަތު ގެއްލިއްޖެކަން ދަންނަން ޖެހޭނެ އެވެ. އޭނަ ފަޅިކޮށްފައެއް ބަހާ ނުލެވޭނެ އެވެ.

އަރްސަންއާއި އަދާ ކުރު ޗުއްޓީއަކަށް އެމެރިކާއަށް ގޮސްފައި އައިއިރު އަރްސަން ކުޑަކޮަށް ތުނބުޅި ދިގުކޮށްލާފައި ހުރިތަން ފެނުމުން ސުކައިނާއަށް އަނގަމަތީ އަތް އަޅާލެވުނެވެ.

"ދަރިފުޅާ ސޭމް. އަސްލު މަންމައަށް ރީތީ ހަމަ ކްލީން ޝޭވެންކޮށް ހުރީމަ...." ސުކައިނާ ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

"މިއީ މިހާރު އެމެރިކާގައި ވެސް އޮތް ޓްރެންޑެއްނު މަންމާ..........." އަރްސަން ހީލިއެވެ. އަދާއަށް ކަމުދަނީ ތުނިކޮށް ތުނބުޅި ބެހެއްޓީމައެވެ. އެމެރިކާއަށް ފުރިއިރު ތުނިކޮށް ހުރި ތުނބުޅި ކޮށާނުލުމުން ތަންކޮޅެއް ބޯވީ އެވެ. ނަމަވެސް އަންހެންކުދިންގެ ނަޒަރު ކުރިއަށްވުރެ ބޮަޑަށް ހުއްޓުނެވެ. މާ ފިރިހެންވަންތަކަމަށް ދެކުނެވެ. ކަމުނުދިޔައީ މަންމައަށެވެ. އަރްސަންއަށް ސަބަބު އެނގުނެވެ. މަންމަ ގަބޫލުކުރަނީ މިއީ ދީނީގޮތުން ހައްދު ފަހަނަޅާފައިވާ މީހުންގެ ސިފައެއްގެ ގޮތުގަ އެވެ. އެ ވިސްނުން ބަދަލުކުރާން މަންމަވެސް އެބަޖެހެ އެވެ. އޭނައަކީ ދީނީ މީހެއްނޫނެވެ. މާޒިން އާއި ޖިބްރީލް މިސްކިތަށް ދޭތެރެއަކުން ވަދެލާއިރުވެސް އޭނަ އެކަމުގައި ބައިވެރި ނުވަނީ ކަންދައްކަން އެއްވެސް ކަމެއް ކުރަން އޭނަގެ މިޒާޖު ތަންނުދޭތީ އެވެ. ވީއިރު އޭނަ އެފަދަ މީހަކަށް ނުވާނެކަމުގެ ޔަގީންކަން އަމިއްލަ ނަފުސަށް އޮތެވެ.

އަރްސަން ފެންވަރާލައިގެން ސިޑިން ތިރިއަށް ފައިބައިގެން އައެވެ. ލޮލާއި ގުޅޭ ކުލައެއްގެ ޓީޝާޓަކާއި ކަޅުކުލައިގެ ދިގު ސޯޓެއްގައި ފެންނަނީ ތާޒާކޮށެވެ. ރާހިލްއާއި މާޒިން ސިޑިބަރި ކައިރީ ކޮންމެ ވެސް ވާހަކައެއްގައި ތިއްބެވެ.

"ހާދަ ސީރިއަސް މީޓިން އެކޭ..ކިހިނެއްވަނީ އެއްކަލަ ގޮލާ ދުނިޔެއާއި މުޑިއަރަނީތަ؟ " އަރްސަން ސިޑިބަރިމަތީގައި އިށީނެވެ. އޭނަ އިޝާރަތް އެކުރީ ކުރީ ދުވަހެއްގައި ގިނިހިލައެއް ދުނިޔެއާއި މުޑިއަރާފަނެ ކަމަށް ލަފާކޮށް ސައިންޓިސްޓުން ބުނި ވާހަކަައާއި ގުޅުވައިގެންނެވެ.

"ނޫނޭ ތިއްތި ވެގެން އުޅޭގޮތަކީ އަޅުގަނޑު އެހެން އެޕާޓްމެންޓަކަށް ބަދަލުވާން އުޅުނީ. އެހެން ތަނަކަށް މޫވްކުރަން މަންމަ ވަގުތުން ދެކޮޅުހެދި. ބައްޕަ އަށް އޯކޭ. ބައްޕަ ވެސް އެއް އިރެއްގައި އެެހެން އުޅުނީމޯ. ބައްޕަގެ އެކްސްޕީރިއެންސްތައް ކިޔައިދެއްވީމަ ވަރަށް މަޖާވި. ދުވަސްކޮޅަކަށް އެކަނި މިނިވަންކޮށް އުޅެލަން ބޭނުމީ. ބައްޕަގެ ފިޔަވަޅުމަތީ ހިނގަން ފެށީމަ ބައްޕަހާ މަޝްހޫރު ކާމިޔާބު އިންސާނަކަށް ވެދާނެ....." ރާހިލް އެއްމިޔަކަނުން ހީލި އެވެ.

"އެ ދޮގެކޭ ތިއްތި. ގަބޫލުނުކުރައްޗޭ. ކުކީއަށް ވަން ގާލް އިޒް ނޮޓް އިނަފް ސޯ މަންމަ އެއްޗެކޭ ބުނެފާނެތީ . ކުކީ ބުނާ މިނިވަން އެކަނިވެރި މާހައުލެއް މާނަ ކުރެވެނީ ހަމަ އެގޮތަށް......" މާޒިން ހިނިގަނޑެއް ޖަަހައިލި އެވެ.

އަރްސަން ރާހިލްގެ ގައިގާ ހިފަހައްޓާލާފަ ތަޅުވައިގަތީ ޗަސްކޮށްލަން އުޅޭފަދަ ގޮތަކަށެވެ. އެންމެ ކުޑަ ކޮއްކޮކަމުން އެގޮަތަށް ލޯބިން ގޯނާކޮށް ޖެއްސުންކުރުމަކީ ކުރިއްސުރެ އެންމެންގެ އާދައެކެވެ.

"ތެދެއްތަ؟ ކުކީ ހާދަ ބޯލްޑް ސްޓެޕެކޭ ތިނެގީ....."

"އާއެކޭ. ޑޯންޓް އަންޑައެސްޓިމޭޓް މީ...ވަރަށް އަންޕްރެޑިކްޓަބްލް ވާނެ އިނގޭ.................."ރާހިލް ހިނިގަނޑެއްޖަހައިލި އެވެ. ރާހިލްއަށް ފޯނެއް އައުމުން އެއްފަރާތަަކަށް ހިނގައިގެންފި އެވެ.

"ޒިން....ކައިސް ޑޮޓަކާއެކު އުޅެނިކޮށް ދެކުނިން. ކުރުތާއެއް ލާފައި ފައިކުރި ކުރުކޮށްލާފައި ހުރި ހަރުވާޅެއްލައިގެން....ކިހިނެއްވީ؟ ދެން ޒިންގެ ސިކުނޑިކަން ނޭގެއެއްނު ދޮވެލާނީ. ބީ ކެއަފުލް އިނގޭ. އެމީހުން ވަރަށް މަކަރުވެރިވާނެ. ރާއްޖޭގެ އެންމެން އެހެން ވިޔަސް ކައިސް އެހެންވާނެ ކަމަކަށް ހީނުކުރަން.................................." އަރްސަން އިނީ ކައިސްގެ ޚަބަރު އަހަން ޝައުގުވެރިވެފައެވެ.

މާޒިންއަށް އަރްސަންގެ ހިތް އެނގެއެވެ. ބޭބެއެއްކަމުގައިވިޔަސް ދެބެންގެ ޚާއްސަގުޅުމެއް އޮވެއެވެ. ހުރިހާސިއްރުތަކެއް ހިއްސާކުރެއެވެ. މާޒިން އެހެން އިންސާނަކަށް ނުކުރާ އިތުބާރު އަރްސަންއަށް ކުރެއެވެ. ކައިސްގެ ހަގީގަތް ކިޔައިދިނެވެ. ކައިސް އެ ޖަމާއަތާ ގުޅުނީ އެމިހުން އުޅޭލެއް ރަގަޅުވެގެން ނޫންކަމަށާއި ޖާސޫސްކުރަން ކަމުގައި ބުނުމުން އަރްސަންއަށް މަޖާވިއެވެ.

"ކުކީ ވަރަށް ލައިކްވާނެ މަސައްކަތެއް. ކުކީއާއި ހަވާލުކޮށްލަންވީނު..."

"ނޫން އެ ކަމަށް ކުކީ އެކަށީގެނެއްނުވޭ. ޕްރެޒިޑެންޓްގެ ދަރިއެއް. ބައްޕައާއި ދެކޮޅު ދުޝްމިނުންނާއެކު އެކްޓްކުރަންވެސް ފަސޭހައެއްނުވާނެ. ކައިސްއަކީ އެކަމަށް އެންމެ އެކަށީގެންވާ މީހާ. ޑޮޓުންނަށް ދެން އިނގިލި ކުރި ހަލުވައިލެވޭނީ ވެސް އަހަރެމެންނަށް އެނގިގެން...." މާޒިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. ދެމީހުން އެކަމާ ބެހޭ ގޮތުން މަޝްވަރާކުރަން ސިޑިބަރިމަތީގައި އިށީދެލައިގެން އެތައް އިރެއްވާންދެން ތިއްބެވެ. ދެން އޮތީ އާލިއާ މައިތިރިކޮށްލުމެވެ. ހަމައެކަނި އާލިއާއެއް ނޫނެވެ. މަލްހާވެސް މެއެވެ. ކައިސްއަށް މަލްހާ ދޭނީ އެވެ.

***

އާލިއާ މާމަ ނަމާދު ދޮޅި ލައްވައިގެން ގެނެސް ގޮނޑީގައި ބޭންދި އެވެ. ކުރިން ނަމާދުގެ ރަކުއަތްތައް އޮޅުވާނުލާ ކުރިޔަސް މިއަދު މާމަ ހަށަން ބަދެފައި ކޮންމެ ފަހަރަކު މޮހެލިއެވެ. އެންމެ ރަކުއަތެއްކޮށްފައި ސަލާމްދިނެވެ. ދެވަނަފަހަރަށް ނަމާދުކުރިއިރު ތަރުތީބު ވެސް އޮޅުވާލައިފި އެވެ. މާމައަށް ނަމާދުކުރަން ނޭގުމުން ވީ ދެރައިންގޮސް އާލިޔާގެ ލޯ ކަރުނުން ތެންމާލައިފި އެވެ.

ކޮޓަރިއަށް ވަން އަޔާޒުއަށް އާލިއާގެ ކަރުނަތައް ފެނުމުން ސުވާލުކުރިއެވެ.

"ދޮންބޭ. މާމަ ހައްތާ ގޯސްވަނީ. މިއަދު ނަމާދުކުރަންވެސް ނޭގުނު...."

"މާތްﷲ ރަހުމަތްލައްވާނެ. މާމަގެ ބުއްދި ސަލާމަތުން ހުރިއިރު މާމަ ކިހާ އަޅުވެރި. ސުންނަތް ނަމާދެއް ދޫކޮށްނުލާ. ގުރުއާނަކީ މާމަގެ އެންމެ ގާތްއެކުވެރިޔާ. ނިދެނީ ތަސްބީހަ ހިފަހައްޓައިގެން އޮތްވާ. ބަލި މުނިމާމައާއި އަޅާލަމުން ދަނިކޮށް ނިޔާވީ. ކާފަ ޕްރެލައިޒްވުމަށް ފަހު ނިޔާވަންދެން ކާފަ ބެލެހެއްޓީ ވެސް މި ހިތްވަރުގަދަ މާމަ. މިއަދު މާމަވަނީ ކޮއްކޮމެންގެ ލޯތްބާ އަޅާލުމަށް ބޭނުންވެ ނިކަމެތިވެފައި. މިބަލި ޖެހުމުން މަޑުމަޑުންގޮސް ހަދާން ނެތިދާނެ. މާމައަށް ދޮންބެމެން ވެސް އަދި އޮޅުންނުފިލާނެ...." އަޔާޒް މާމަގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލަމުން މާމަގެ އުނގުގައި ބޯ އަޅާލި އެވެ. ކިތަންމެ ކެތް ކުރިޔަސް އަޔާޒްއަށް ވެސް ރޮވޭގޮތްވި އެވެ. އޭނަގެ މަންމައަކީ ހިތްވަރުގަަދަ އަންހެނެކެވެ. އެތައްކުދިންނަށް އަކުރު އުގަންނާ ކިޔަވައިދިން މުދައްރިސެކެވެ. އަވަށްޓެރިންނާއި އަޅާލާ އެހީތެރިކަން ފޯރުކޮށްދިނެވެ. އޭނަ ނަމާދަށްފަހު ކޮންމެ ފަހަރަކު މަންމައާއި ބައްޕައަށް ރަހުމަތްލައްވާ އެކީގައި ސުވަރުގޭގައި ލެއްވުމަށް އެދި ދުޢާކުރެ އެވެ.

އަޔާޒްއަކީ މާމަގެ އެންމެ ހަނގު ދަރިއެވެ. އާލިޔާގެ ބޮޑުބޭބެއެވެ. އަޔާޒްގެ ނިޔާވެފައިވާ ދައްތަގެ ހުރި ހަމައެކަނި ނިޝާންކަމުން އަޔާޒް އާލިއާއަށް ޚާއްސަގޮތެއް ބަހައްޓައެވެ. މާމަގެ އެހެން ދަރިން ތިއްބަސް މީހުނާއި އިނދެގެން އެހެން އާއިލާތައް ފެށުމަށް ފަހު ދުނިޔޭގެ އެތަން މިތަނަށް ހިޖުރަކުރީ ދަރިންނަށް ތައުލީމް ހޯދާދިނުމަށެވެ. އަމިއްލަ މަންމައަށް ޒިޔާރަތްކުރުމަށް ވެސް ދަރިން ހަދާނެއް ނުހުރެއެވެ. ފޯނުން ގުޅާ ހާލު އަހާލާނީ ވެސް ހާލަކުން އެއްފަހަރުއެވެ. އެހެންވެ ހީރާއާއި އަޔާޒް ފިޔަވާ އެހެން ދަރިންނެއްގެ މަތިން މަންމަވެސް ހަނދާން ނެތުނީއެވެ. އެދަރިން މަންމަ ހަދާން ނައްތައިލި ފަދައިންނެވެ.

***

އާލިއާ ދައުވަތުދީގެން މިއަދުވެސް އެގެއަށް މިންކާ އައެވެ. ސިޑިން ތިރިއަށް އައި އަޔާޒް ފެނުމުން މިންކާ ހާސްވާގޮތްވި އެވެ. ކުރީ ދުވަހު ހޮސްޕިޓަލުގައި އޭނަ އަޔާޒްއާއި ދިމާލަށް ބުނެލި ބަސްތައް ހަނދާންވެ ލަދުވެތިވާގޮތްވި އެވެ. އަޔާޒްގެ ހުރި ވަރުގަދަ ޝަޚުސިއްޔަތާއި ސީރިޔަސްކަމުން ހިތަށް އެރިގޮތަކަށް ދިމާކޮށްލާކަށް ދެން ނުކެރޭނެއެވެ. އެހެންނޫނަސް އެއީ އާލިޔާގެ ބޭބެއެވެ. އަޔާޒް ފެނުމުން ލައިގެން ހުރި ކުރު ޓީޝާޓުގައި ދެއަތުން ހިފާ ތިރިއަށް ދަމާލެވުނެވެ. މިއަދު މޫނު ބުރުގާ މާ އަވަހަށް ނެގުނީ އެވެ. އާލިއާގެ ކޮޓަރިއާއި ހަމައަށް ދެވެންދެން އަޅައިގެން ހުރެވުނު ނަމައެވެ. ނަސީބަކުން އަޔާޒު ބަލާނުލާ ދިޔައީ އެވެ.

"ޝިޓް..ހަމަ ކިރިޔާ......" މިންކާ އާލިއާގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނެވެ. މަޑުމަޑުން ޓަކިދިނެވެ.

އާލިޔާ ދޮރު ހުޅުވައިލިއިރު ހުދުކުލައިގެ ދޮޅި އަޅައިގެން ހުރުމުން ވަކިން ދޮންކަމަށް ދައްކައެވެ. އަޅި ދެލޮލާއި ހަތަރުކަޅިހަމަވުމުން ވަކިން ބޮޑަށް އަރްސަން މަތިން ހަދާންވެ މިންކާއަށް ނުބައި ގޮތެއް ވެއްޖެ އެވެ. ހިތުގައި ވި ހަސަދައިގެ ކަށިތައް އެކި ދިމާލުން ތުނޑު ތުނޑަށް ވަންނަން ފެށީ ގޮތެއް ބަލާފައެއް ނޫނެވެ.

"ނަމާދުގަޑިއަށް ތިއައީ. އަވަހަށް ނަމާދުކުރަމާ...." އާލިއާ ދައުވަތު ދިނެވެ.

މިއަދު ދައްކާނެ ބަހަނާއެއް ނެތެވެ.

"ފަރުޝު ނަމާދުކުރާއިރު ތެދުމަގުގައި ލެއްވުމަށް އެދި ދުވާލަކު ސަތާރަ ފަހަރު ދުޢާކުރެވޭކަން މިންކާއަށް އެނގޭތަ؟ ކޮންމެ ފަހަރަކު އަލްހަމަދު ކިޔާއިރު އެ ދުޢާ އެބަކުރެވޭ. އެއީ އިންސާނާގެ އެންމެ ބޮޑު ނަސީބު. ސިރާތުލް މުސްތަގީމްގައި ލެއްވުން......" އާލިއާ ބުނެލިއެވެ.

"ކޮންމެ ދުޢާއެއްވެސް އިޖާބަކުރައްވާނެތަ؟ " މިންކާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ކަނި ޖަހައިލި އެވެ. އޭނަ ދުނިޔެއިން ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް ލިޔަންވެއްޖެއްޔާ އެތައް ސަފުހާތަކެއް ފުރޭނެއެވެ. އެ އާލިއާއަށް ފެންނާކަށް ވެސް އޭނަ ނޭދެ އެވެ. އެލިސްޓުގެ އެންމެ ކުރީގައި އޮތީ އަރްސަން ލިބުމެވެ. އޭނަގެ ހަޔާތުގައި އަދި ދުވަހަކު ވެސް ދުޢާއެއް ކޮށްފައެއް ނުވެ އެވެ.

"އިންޝާﷲ....ދުޢާއާ ބެހޭ ގޮތުން އާޓިކަލްއެއް ދައްކާނަން. ނޫނީ މާ ޝައުގުވެރިވާނެ ދަރުހެއް ބަލައިލީމަ. ކޮންމެ ކަމެއްގައި މާތްﷲއަށް ދުއާކުރަންވާނެ. ހީ އިޒް ދަ ކްރިއޭޓާ. ކުރާ ކޮންމެ ދުޢާއެއް އިޖާބަ ކުރައްވާނެ ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ދުވަހަކުން. ނޫނީ އެއަށްވުރެ ރަގަޅުކަމެއް ދެއްވާނެ. ދުއާއަކީ އަޅުކަމެއް. ފަހުންވެސް ސަވާބު ލިބޭނެ...." އާލިއާ ހިނިތުންވެލިއެވެ. މިންކާ ގާތު ވުޟޫކުރަން ބުނެފައި އާލިއާ ގުރުއާންގެ ރަހުމާން ސޫރަތް ކިޔަވަންފެށުމުން މިންކާއަށް ރީތިވީވަރުން ގައިން ހީބިހި ނަގާގޮތްވިއެވެ. އާލިއާގެ އަޑުގެ ޖާދޫހެއްޔެވެ؟ ފާޚާނާތެރޭގައި ހުރެ ދޮރުގައި ކަންފަތް ޖަހައިގެން އިރުކޮޅަކުން ހިމޭނުން ހުރެވުނެވެ. މިއީ ހަމަ ރަގަޅަށް ވެސް ސިހުރުވެރި އަންހެންކުއްޖެއް ހެއްޔެވެ؟ ރުޅި އަންނައިރު ވެސް މިކުއްޖާގެ ގައިގާ ދަމާ ބާރެއް އެބަހުއްޓެވެ. އޭނަ ދުރަށް ދާން ބޭނުންވިޔަސް މިގެއަށް އެބަ ދަމައިގަނެއެވެ. އެކީގައި އުޅުމުން އޭނަގެ ސިކުނޑިއަށް ބައެއްފަހަރު ލުއިވެ އުފާވެރި އިހުސާސްތަކެއް ކުރެވެއެވެ. އަމިއްލަ ގެއަށްވުރެ މިގެއިން އަމިއްލަވަންތަކަމާއި އެކު ހިތްހަމަޖެހުން އެބަ ލިބެއެވެ.

ނަމާދުކޮށްގެން ސަޖިދައަށް ތިރިވިގޮތަށް ތަކުރާރުކޮށް ކުރެވުނީ އެންމެ ދުޢާއެކެވެ. އަރްސަންއާއި އަދާ ވަކިވެ އެ ހިތުގައި އޭނަގެ ލޯބި ލެއްވުމަށެވެ.

***

މާޒިން އާދައިގެ މަތިން މޫނު ބުރުގާ އެޅިކުއްޖާގެ ފަހަތުން އަޅުވައިލީ އެކުއްޖާއަށް ޝައްކެއްވެސް ނުވާހާ ދުރުގައި ހުރެގެންނެވެ.

"މިހާ އަޅުވެރިކުދިން މިގަޑީގައި އެކަނި ހިނގަން ބިރެއްވެސް ނުގަންނަނީތަ؟ އެހެންވެސް ވާނެތާ ބިރެއް ޖެހިލުމެއްނެތި ފިރިހެނުންގެ ގައިގާ ތަޅައިގަނެ އަދި ބަރުއަޑުން ވާހަކަދައްކަން ޕްރެކްޓިސްކޮށްގެން ވިއްޔަ...." މާޒިން ހިތާހިތުން ކިޔާލައިފިއެވެ. "ރަގަޅުކަަމަށް ހެދިގެން ބުރުގާ ލައިގެން ކޮންމެފަދަ ނުބައިކަމެއް ވެސް ކޮށްފާނެކަން ނޭނގޭ. ފަހަރެއްގައި ޓެރަރިސްޓުންގެ ހާއްޔެއްގެ ރާނީއެއް ކަން ނޭނގޭ....."

ނުނިމޭ

comment ކޮމެންޓް