މެލޭޝިއާއިން ސިންގަޕޫރުގެ ބޯޑަރު ބަންދުކޮށްފި

މެލޭޝިއާއިން ވަނީ ސިންގަޕޫރު ބޯޑަރު ބަންދުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (މާޗް 18): މެލޭޝިއާއިން އެގައުމާއި ސިންގަޕޫރާ ދެމެދު އޮންނަ ބޯޑަރު 14 ދުވަހަށް ބަންދުކޮށްފި އެވެ.

މެލޭޝިއާއިން އެ ބޯޑަރު ބަންދު ކުރީ އެގައުމުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުންނެވެ. އެގޮތުން އެގައުމުން ވަނީ މިއަދުން ފެށިގެން މިމަހުގެ 31އާ ހަމަޔަށް ބޭރުގެ ގައުމުތަކުން އެގައުމަށް މީހުން ދިޔުން ހުއްޓުވާ، މެލޭޝިއާގެ ރައްޔިތުން ގައުމުން ބޭރަށް ދިޔުން މަނާކޮށްފަ އެވެ. އަދި ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށް، އާއްމުން އެއްވެ އުޅުން މަނާކޮށްފަ އެވެ.

ސިންގަޕޫރަކީ މެލޭޝިއާގެ މަސައްކަތްތެރިންނާއި ކާނާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއްކަމުން، މެލޭޝިއާގެ ބޯޑަރު ބަންދު ކުރުމުން ދެ ގައުމުގެވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ސިންގަޕޫރުގެ ޓްރޭޑް މިނިސްޓްރީން ވަނީ ބޯޑަރު ބަންދު ކުރި ނަމަވެސް އެގައުމަށް ބޭނުންވާ ވަރަށް ކާނާ ރައްކާކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި އެގައުމުގެ ސަރުކާރުން ދަނީ އެގައުމުގައި މަސައްކަތް ކުރާ މެލޭޝިއާގެ މުވައްޒަފުންނަށް މި މަސް ނިމެންދެން ސިންގަޕޫރުގައި ތިބެވޭނެ ގޮތްތައް ހަމަޖެއްސުމަށް ކުންފުނިތަކާ އެކު މަސައްކަތް ކުރަމުން ކަމަށް ބުނެފަ އެވެ.

މެލޭޝިއާގައި މިހާތަނަށް 790 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި ސިންގަޕޫރުގައި 266 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު 114 މީހެއްގެ ބަލި ރަނގަޅުވެފައިވާ ކަމަށް އެގައުމުން ބުންޏެވެ.

މުޅި ދުނިޔޭގައި މިހާތަނަށް 201،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 8،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ބަލި ޖެހުނު 82,071 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

comment ކޮމެންޓް