ގޮންޖެހުންތަކާ އެކުވެސް ފަތުރުވެރިޔާ ފުރި މައްސަލައިގެ ތަހުގީގު ކުރިއަށް އެބަދޭ: ޕީޖީ

ފެބްރުއަރީ 12، 2020: ޕީޖީ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހިފައިވާ ފަތުރުވެރިއަކު ރާއްޖެއިން ފުރައިގެން ދިޔުމުގައި، އިހުމާލުވެފައިވާ ކަމަށް ތުހުމަތުވާ މައްސަލައިގައި މައުލޫމާތު އެއްކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަމުރުކުރެއްވީ ޕީޖީ ޝަމީމް އެވެ.

ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިންވެސްޓިގޭޓަރުންނާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އަދި މިވަގުތު ކުރިއަށް ދަނީ ކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވުމަށް މައްސަލައާ ގުޅުންހުރި ހުރިހާ ފަރާތަކުން މައުލޫމާތު ސާފުކުރުން ކަމަށެވެ.

ޕީޖީ ވިދާޅުވީ ކުރެއްދޫ ކޭސް ތަހުގީގު ކުރުމުގައި ފުލުހުންނަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ މައުލޫމާތު އެނގޭނެ ފަރާތްތައް ކަމުގައިވާ ފަތުރުވެރިޔާއާ ބައްދަލުވި މީހުން މިހާރު ބައްޔަށް ޕޮޒިޓިވްވެ، ނުވަތަ ކަރަންޓީނުގައި ތިބުން ކަމަށެވެ.

އަދި ޖިނާއީ ތަހުގީގަކަށް ބަަޔާން ނަގަން ޖެހޭނެ ކަމަށާއި ނަމަވެސް މިވަގުތު ކަރަންޓީނުގައި ތިބި ބައެއްގެ ބަޔާން ނަގަން ފުލުހުން ފޮނުވައިގެން، އެ އޮފިސަރުން ނުރައްކަލަށް ހުށަހެޅިދާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.

ޕީޖީ ވިދާޅުވީ އެ މަސައްކަތް ކުރުމަށް ފުލުހުންނަށް ގޮންޖެހުންތަކެއް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ލިބުމާއެކު ގޮތެއް ނިންމަވާނެ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

މިދިޔަ މަހު 23 ވަނަ ދުވަހު ރާއްޖެ އައިސް، ޅ.ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުނެވެ.

ނަމަވެސް އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތުން، އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ވަނީ ފުރައިގެންގޮސްފައެވެ.

ފަތުރުވެރިޔާ އެނބުރި ގައުމަށް ދިޔަފަހުން ކޮރޯނާއަށް ޕޮޒިޓިވްވެފައެވެ. އޭނާގެ ފަރާތުން ކުރެއްދޫ ރިސޯޓުން އޭނާ ބެލި ޑޮކްޓަރާ އެކު ޖުމްލަ ހަތަރު މީހަކު ވަނީ އެ ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އެކަމާ ގުޅިގެން އެ ބަލި ރާއްޖޭގައި ފެތުރި، އިތުރު ފަރާތްތަކުގެ ސިއްހަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުއާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވެފައިވޭތޯ ބެލުމަށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް