ޔޫރަޕިއަން ޔޫނިއަންއިން، ބޭރުގެ ގިނަ ގައުމުތަކަށް ބޯޑަރު ބަންދުކޮށްފި

ބާލިންގެ އެއާޕޯޓެއް. އީޔޫއިން ވަނީ ބޭރުގެ ގައުމުތަކަށް ބޯޑަރު ބަންދުކޮށްފަ -- ފޮޓޯ: ނިއު ޔޯކް ޓައިމްސް

އީޔޫ (މާޗް 18): ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގައި ހިމެނޭ ގައުމުތަކަށް ބޭރުގެ ގިނަ ގައުމުތަކުން ޒަރޫރީ ބޭނުމަކާ ނުލައި މީހުންނަށް ނުވަދެވޭ ގޮތަށް، 30 ދުވަހަށް ބޯޑަރުތައް ބަންދުކޮށްފި އެވެ.

އެ ބޯޑަރުތައް ބަންދު ކުރުމުން، އީޔޫގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނާއި އީޔޫ މީހުންގެ އާއިލާގެ މެމްބަރުންނާއި ޑިޕްލޮމެޓުންނާއި ހެލްތުކެޔާ ވޯކަރުންނާއި މުދާ ގެންދާ މީހުން ފިޔަވާ އިތުރު މީހުންނަށް އީޔޫގެ 26 ގައުމާއި އައިސްލޭންޑާއި ލިކްޓެންސްޓެއިން އާއި ނޯވޭ އާއި ސްވިޒަލޭންޑަށް ދެން ނުވަދެވޭނެ އެވެ.

އެ 26 ގައުމަކީ، އޮސްޓްރިއާ، ބެލްޖިއަމް، ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، ޗެކް ރިޕަބްލިކް، ޑެންމާކް، އެސްޓޯނިއާ، ފިންލޭންޑް، ފްރާންސް، ޖަރުމަނު، ގްރީސް، ހަންގޭރީ، އިޓަލީ، ލަޓްވިއާ، ލިތުއޭނިއާ، ލަގްޒެމްބާގް، މަލްޓާ، ނެދަލޭންޑްސް، ޕޮލޭންޑް، ޕޯޗުގަލް، ރޯމޭނިއާ، ސްލޮވޭކިއާ، ސްލޮވީނިއާ، ސްޕެއިން އަދި ސްވިޑެން އެވެ.

އީޔޫއިން އެފަދައިން ނިންމާފައި ވަނީ އެ އިއްތިހާދުގެ ލީޑަރުން އިއްޔެ ބައިވެރިވެވަޑައިގެންނެވި ވީޑިއޯ ސަމިޓެއްގަ އެވެ. އެ ގަވާއިދުތަކާ އެކުވެސް އީޔޫގެ އެތެރޭގައި ދަތުރު ކުރުމުގެ ހުއްދަ މީހުންނަށް އޮންނާނެ އެވެ. ނަމަވެސް މީގެ ކުރިން ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ ބޭރު ގައުމުތަކުގެ މީހުންނަށް އެގައުމުތަކަށް ނުވަދެވޭ ގޮތަށް އެއްކޮށް ނުވަތަ ކޮންމެވެސް ވަރަކަށް ބޯޑަރުތައް ބަންދުކޮށްފަ އެވެ.

ޔޫރަޕްގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 70،000އަށް ވުރެ އިތުރުވެ، އޭގެ ސަބަބުން އެސަރަހައްދުގައި މަރުވި މީހުންގެ އަދަދު ވަނީ 3،300އަށް އަރާފަ އެވެ.

ޔޫރަޕްގައި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީގައި 31،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 2،503 މީހަކު ވަނީ މަރުވެފަ އެވެ. އަދި ސްޕެއިންގައި 11,826 މީހަކަށް ބަލި ޖެހި، 533 މީހަކު މަރުވެފައިވާ އިރު ޖަރުމަނުގައި 9،877 މީހުންނަށް ބަލި ޖެހި، 26 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް