ކޮރޯނާވައިރަސް: އެމްޓީސީސީ އިންވެސް ހާއްސަ ފިޔަވަޅުތަކެއް

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގައި ވެސް ފެތުރެން ފަށައިފައިވާތީ، ބަލި ފެތުރުން ކުޑަކުރުމަށާއި، އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ ފަސިންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެގޮތުން ސަރުކާރުގެ ވުޒާރާތަކާއި، ހެލްތް ޕްރޮޓެކްޝަން އޭޖަންސީ އެޗްޕީއޭ އަދި އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ކުންފުނީގެ މަސައްކަތް ބައްޓަން ކުރާނެ "ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ" ކަރުދާހެއް ތައްޔާރުކޮށް އެ ކަރުދާހަށް
އަމަލުކުރަން ވަނީ ފަށާފައިވެއެވެ.

މިމަހުގެ 13 ވަނަ ދުވަހު އެޗްޕީއޭ އިން ޓުއަރިސްޓް އެކްސްކާޝަންސް އާ ގުޅިގެން ނެރުނު ސާކިޔުލާ އާއެކު ކުންފުނީގެ ދަތުރު ފަތުރުގެ ހިދުމަތްތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން ރަށްތަކަށް ޓުއަރިސްޓް އެކްސްކާޝަންސް އަށް ދިޔުމަށް އެމްޓީސީސީގެ ދަތުރު ފަތުރުގެ ހިދުމަތް ބޭނުންކުރުން ހުއްޓާލާ،
ކޮމްޕްރިހެންސިވް ޓްރާންސްޕޯޓް ނެޓްވޯކް ބޭނުންކުރާ ރާއްޖޭގައި މަސައްކަތްކުރާ އެހެން ގައުމުތަކުގެ ފަރާތްތަކުން ހިދުމަތުގެ ބޭނުންކުރުމައްޓަކައި ވޯކް ޕާމިޓް ހުށަހަޅަން ޖެހޭގޮތަށް ވަނީ ހަދައިފައެވެ.

މި ހިދުމަތްތަކަށް އިތުރު ބަދަލެއް ގެނެވޭނަމަ ކުންފުނީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާއި
ހިއްސާކުރާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ދަތުރުފަތުރުގެ ހިދުމަތަކީ ރާއްޖޭގެ އާބާދީގެ 85 ޕަސެންޓަށް ފޯރުކޮށްދޭ ހިދުމަތެއް ކަމަށާއި ކޮރޯނާ އާ ގުޅިގެން އެ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް މާޗް މަހުން ފެށިގެން އެ ކުންފުނީގެ އެސްއޯޕީގެ ދަށުން ގަވާއިދުން ބަސް އަދި ފެރީ ޓާމިނަލް އަދި އެހެން އުޅަނދުތައް ޑިސްއިންފެކްޓް ކުރަން ފަށާފައިވާ ކަމަށެވެ.

އަދި ޓިކެޓް ކައުންޓަރުތަކާއި ބަސް އަދި ފެރީ ތަކުގައި ހޭންޑް ސެނިޓައިޒަރ ބަހައްޓައި، ފެރީ ޓާމިނަލް ތަކުގެ ފާހަނާތަކުގައި ސައިބޯނި ބަހައްޓާފައިވާނެ ކަމަށާއި ފަސިންޖަރުންނާ
މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ އިން ނިންމަވާފައިވާ ނިންމުންތަކާއި، އެޗްޕީއޭ އިން ނެރެފައި ވާ ގަވާއިތުތަކާއި އިރުޝާރުތަކަށް އަމަލުކުރުމަށް ފަސިންޖަރުންނަށް އިލްތިމާސްކޮށް، މުވައްޒަފުންނަށް އެންގުމައްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.

އެގޮތުން ކޮރޯނާ އާއި ގުޅިގެން ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ އަދި އެޗްޕީއޭގެ އެންގުންތަކާއި އިރުޝާރުތައް ދަތުރު
ފަތުރުގެ ހިދުމަތްތައް ގާއިމްކޮށްފައިވާ ހުރިހާ އަތޮޅަކާއި ރައްތަކަށް ދުވަހުން ދުވަހަށް ހިއްސާކޮށް ބައްޔަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް މާލެ، ހުޅުމާލެ، ވިލިނގިލި ފެރީ ޔުނިޓް ސްޓާފުންނާއި އަދި ބަސް އޮޕްރޭޓަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ބައްޔަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފޯނުގެ ޒަރިއްޔާއިން ދަތުރު ފަތުރުގެ ހިދުމަތްތައް ގާއިމްކޮށްފައިވާ ހުރިހާ އަތޮޅަކާއި ރައްތަކަށް އަމާޒުކޮށް ކުރިއަށް ގެންގޮސްފައި ވާއިރު ފެރީ އަދި ބަސް ޓާމިނަލް ތަކުގެ ސާފުތާހިރުކަން އިންސްޕެކްޓްކޮށް، ސާފުތާހިރުކަން އިތުރުކުރުމައްޓަކައިވެސް އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

comment ކޮމެންޓް