މަރަދޫ އާއި ގުރައިދޫން ތިން ދިވެއްސެއްގެ ސާމްޕަލް ނަގައިފި

ތ. ގުރައިދޫ

އައްޑޫ، މަރަދޫ އާއި ތ. ގުރައިދޫ އިން ކޮރޯނާވައިރަހަށް އަށް ޝައްކުވާ އަލާމާތްތަކެއް ހުރި ތިން ދިވެއްސެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ބަލީގެ އަލާމާތްތަކެއް ފެނިގެން އައްޑޫ، މަރަދޫ އިން ދެ މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މެލޭޝިޔާއިން ރާއްޖެ އައި ދިވެއްސަކު ހިމެނެއެވެ. މަބްރޫކް ވިދާޅުވީ އޭނާ ރާއްޖެ އައިސްފައި ވަނީ މެލޭޝިޔާ އިން ރާއްޖެއަށް މީހުން އައުން މަނާކުރުމުގެ ކުރިން ކަމަށެވެ.

ބަލީގެ އަލާމާތްތަކެއް ހުރެގެން މަރަދޫއިން ދެން ސާމްޕަލް ނަގާފައި ވަނީ އިންޑިއާއިން އައި ދިވެއްސެއްގެއެވެ. މަބްރޫކް ވިދާޅުވީ ތ. ގުރައިދޫ އިން ވެސް ބަލީގެ އަލާމާތްތަކެއް ފެނިގެން ސާމްޕަލް ނަގާފައި ވަނީ އިންޑިއާ އިން އައި ދިވެއްސެއްގެ ކަމަށެވެ.

ވައިރަހުން އަރައިގަތުމަށްޓަކައި އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން، ކިރިޔާވެސް ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ފެންނަ މީހެއް ނަމަ ޓެސްޓުކުރަން މިހާރު ވަނީ ފަށައިފައެވެ.

އެގޮތުން ބޭރު ގައުމުތަކަށް ދަތުރުކޮށްފައި އައި އިތުރު ހަތް ދިވެއްސަކު ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން، ޓެސްޓް ހެދުމަށް ސާމްޕަލް ނަގައި ގޭގައި މިހާރު ވަނީ އެކަހެރިކޮށްފައެވެ.

އެ ހަތް މީހުންގެ ތެރެއިން ފަސް މީހަކު އައިސްފައިވަނީ މިހާރު ހަލުވިކަމާއެކު ވައިރަސް ފެތުރެމުން އަންނަ އިންޑިއާއިންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ޓްރިވިންޑްރަމް އިން އައި ދެމީހަކާއި ކޮޗިން އިން އައި ދެ މީހަކު އަދި ބެންގަލޫރުން އައި މީހެކެވެ. ބާކީ ތިބި ދެ މީހުން އައީ ލަންކާއިންނެވެ.

ޝައްކުވާ ހަތް ކޭސްއެއްގެ ތަފްސީލް:

  • ސ ހިތަދޫ - ކޮޗިން އިން އައި މީހެއް.
  • ރ. ފައިނު - ކޮޗިން އިން އައި މީހެއް.
  • ދ. ކުޑަހުވަދޫ - ޓްވިންޑްރަމް އިން އައި މީހެއް.
  • އއ. އުކުޅަސް - ޓްރިންވިންޑްރަމް އިން އައި މީހެއް.
  • މާލެ - ބެންގަލޫރުން އައި މީހެއް.
  • މާލެ - ލަންކާއިން އައި މީހެއް.
  • ޅ. ހިންނަވަރު - ލަންކާއިން އައި މީހެއް.

މަބްރޫކް ވިދާޅުވީ މިހާރު ސާމްޕަލް ނެގުން ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާގައި ވެސް ސާމްޕަލްތައް ނެގުން އިތުރުކުރާނެ ކަމަށެވެ.

comment ކޮމެންޓް