މަ ލޯތްބެއް ދެން ނުވާނަމޭ... -30

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

އެންމެ ފަހުން ކެތް ނުކުރެވުމުން އޭނާ ލެޕްޓޮޕް ނިއްވާލާފައި ގެއަށް ދާން ވެގެން އަވަސްވެގަތެވެ. ކާރަށް އަރާ ދުއްވާލިއިރުވެސް ހިޔާލުގައި އައިރީން ނޫން ނަމެއް ނުވެއެވެ. އެހެންކަމުން އާދައިގެ ވަރަށް ވުރެވެސް ބާރަށް ދުވެލި ބަހައްޓައިގެން އޭނާ ކާރު ދުއްވަމުން ދިޔައެވެ. އޭރު ކޮންމެވެސް ވަރަކަސް ވާރޭ ކަނިވެސް ތަޅަމުން ދިޔައެވެ. އުޑުމަތި ބަނައެވެ. މަގުމަތީގައި ދުއްވާއެއްޗެހި ވެސް އެހާ މަދީ އެހެންވީމަ ކަންނޭގެއެވެ. އިޔާން އަށް ގެއަށް އާދެވުނީ ދިހަވަރަކަށް މިނިޓް ފަހުންނެވެ. އޭނާ ކާރުން ފައިބައިގެން ދުވެލާފައި ގޮތް ގޭތެރެއަށް ވަނީ ތުނިކޮށް ވެހެމުން ދިޔަ ވާރޭން ސަލާމަތް ވާންވެގެންނެވެ. އޭރު ގޭތެރޭގައި އެއްވެސް މީހަކު ނެތެވެ. ސިޑިން މައްޗަށް އަރައިގެން ގޮސް ބެލްކަންޏަށް ނުކުމެލިއިރު ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވި ފައެވެ. އޭނާ ބޮލުގައި ހަރުލާފައި ހުރި ފެންތައް ދެފަރާތަށް ފޮޅާލަމުން ގޮސް ކޮޓަރިދޮރު ހުޅުވާލާފައި އެތެރެއަށް ވަނެއެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވިއެވެ.

އައިރީން ފެންނާކަށް ނެތެވެ. ކޮޓަރިތެރެ އޮތީ އެ ފުށް މިފުށައް ޖަހާލާފައެވެ. އިޔާން އެތެރެއަށް ވަދެލާފައި ދެފަހަރަކު އައިރީންއަށް ގޮވާލިއެވެ. ހަބަރެއް ނުވިއެވެ. ކަންބޮޑުވެފައި ހާލު އިޔާން ގޮސް ފާހާނާ ތެރެ ބެލިއެވެ. ފެންނާކަށް ނެތެވެ. ވީ ގޮތް ނޭނގުނެއްކަމަކު ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމުގައި އޭނާގެ ސިކުނޑި ގޮވަން ފެށިއެވެ. ވަށައިގެން ބަލާލުމާއެކު އެ ލޮލުގައި އުކާލާފައިވާ ކަރުދާސްތައް އަޅައިގަތެވެ. ދެން ފެނުނީ ސޯފާމަތީގައި ހުރި ލެޕްޓޮޕެވެ. މަޑުމަޑުން އެ ދިމާލަށް ގޮސް އޭނާ ލެޕްޓޮޕަށް ބަލާލިއެވެ.

އޭގައި ޖަހާފައިވާ ޕެން ފެނި ލިބުނު ހައިރާން ކަމަކުން އިށީނދެލިއެވެ. ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހުއްޓާލުމާއެކު ނިތުގައި އަތް ޖައްސާލެވުނެވެ. ބޮލުގެ އިސްތަށިގަނޑު ތެ ތެރެއަށް އަތް މަހާލެވުނެވެ. ދެން ބަލާލެވުނީއުކާލެވިފައިވާ ކަރުދާސް ތަކަށެވެ. މަޑުމަޑުން ތެދުވެގެން ގޮސް އެ ކަރުދާސްތައް ނެގިއެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ ހަދާނެ ގޮތް ހުސްވުމުންނެވެ. ބައްޕަ ގާތު ވެސް ނުބުނެވި އުޅެނިކޮށް އަނެއްކާ އައިރީންއަށް ހަޤީގަތް އެނގުނީއެވެ. އިޔާން މުޅި ގޭގެ ބިއްދޮށްވެސް ބެލިއެވެ. އޭރު އެގާރަ ޖަހަނީއެވެ. އޭނާ ގޮތް ހުސްވެގެން އެންމެ ފަހުން ގުޅާލީ ޒަލަފްއަށެވެ. ޒަލަފް ބުނީ މަންމަމެންނާއެކު ރަޔާ ކައިރީގައި ހުރެފައި ގެއަށް ދާން ކާރަށް އެރީ ކަމުގައެވެ.

"ޒެލް... ވަރަށް ބޮޑު ކަމެއްވެއްޖެ... ވީ އެންމެ އަވަހަކަށް ގެއަށް އާދެބަލަ... އޭރުން ކިޔައިދޭނަން" އިޔާން ފޯނު ކަނޑާލިއެވެ.

އޭނާ މައްޗަށް އަރާ އަރިރީންއަށް ގުޅަން މަސައްކަތްކުރިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. އެއްލި ކަޅިއަކުން އޭނާއަށް ހަލާކުވެފައިވާ ފޯނު ފެނުނެވެ. އެއަށްބަލަން ހުރެފައި އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. އައިރީން ދާނީ ކޮންތާކަށް ހެއްޔެވެ؟ އައިރީންގެ ހާލަކީ ކޮބައިކަމެއްވެސް ނޭނގެއެވެ. ކޮޓަރިއަށް ބަލާލުމުން ވަރަށް ހާލަތު ގޯސްވާނެ ކަމަށް އޭނާއަށް ލަފާކޮށްލެވުނެވެ. އެހެންނަމަވެސް ސިކުނޑިއަށް ވެފައި ހުރި އުނދަގުލެއްގެ ސަބަބުން އައިރީންދާނެ ތަނަކާ މެދު ވެސް އޭނާއަށް ވިސްނައިލަން އުނދަގޫވިއެވެ.

ޒަލަފް އައުން ލަސްވެގެން އެންމެ ފަހުން އޭނާ އަނެއްކާވެސް ޒަލަފްއަށް ގުޅާލިއެވެ. މިހާރަކު ފޯނެއް ނުނަގައެވެ. ދެކޮޅަށް ހިނގަމުން އޭނާ އައިރީން ދާނެ ތަނަކާ މެދު ވިސްނަމުން ދިޔައެވެ. އެންމެ ފަހުން އޭނާ ގަސްތުކުރީ އެކަނި މަގުމައްޗަށް ނުކުތުމަށެވެ. އޭރު ވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. އައިރީޏް ފަހަރެއްގައި ބައްޕަމެންގެއަށް ގޮސްދާނެހެން ހީވުމާއެކު އޭނާ އެގެއަށް ދާން ކާރު ދުއްވާލިއެވެ. އެ ގޭގެ ގޭޓޫ ދޮށަށް ކާރު ހުއްޓާލާފައި އިޔާން ދުވެލާފައި ގޮސް ގޭޓްގެ ކޯޑު ޖަހާލާފައި އެތެރެއަށް ވަނެވެ. ތަނބާ ދިމާލަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު ހުރެވުނީ މީގެ ކުރީގެ ހަދާނެއް އާވީތީއެވެ. އެހެން ހުރެލާފައި ކުރިއަށް ހިނގައިގަތެވެ. ގޭގެ ދޮރު ފަތް ހުރީ ލައްޕާފައެވެ. މީހާ ތެމި ފޯވަމުން ދިޔަ ނަމަވެސް އިޔާންގެ ފަރުވާލެއް ނެތެވެ. އައިރީން އެތަނުގައި ނެތުމުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްތަކެއް ވެރިވިއެވެ. އާދަޔާ ހިލާފަށް އޭނާގެ ހިތް ތެޅިލިއެވެ. އައިރީން އަނެއްކާ އަމިއްލަ ނަފްސަށް.... ހިތަށް އައި ހިޔާލާއެކު އިޔާންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

ގޭގެ މައިދޮރަށް ނަޒަރު ހުއްޓާލުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ޖަހާފައި އިން ތަޅުދަނޑިއެވެ. އެގޭގެ ދެ ތަޅުދަނޑި ކުރެން އެއް ތަޅުދަނޑި އޮންނަނީ އައިރީން އަތުގައެވެ. އިޔާން ފުން ނޭވާއެއް ދޫކޮށްލަމުން ގޭގެ ދޮރު ކޮށްޕާލިއެވެ.

"އައިރީން" އިޔާން އައިރީންއަށް ގޮވާލިއެވެ. އެހެންނަމަވެސް އައިރީންގެ އެއްވެސް ހިލަމެއް ނުވިއެވެ. ގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީ ކަނު އަނދިކިކަމެވެ. ބައްޕަ މެން ނިޔާވުމާއެކު އެ ގެ ބަނދުކުރިގޮތަށް އަދިވެސް ބޭނުމެއް ނުކުރެއެވެ. އެގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ބޭނުންކުރުމަށް އިޔާން ލަފާ ދިނުމުންވެސް އައިރީން ގަބޫލު ނުވީއެވެ. އިޔާން ފޯނު ދިއްލާލިއެވެ. ވަށައިގެން ބަލަމުން ދިޔައެވެ.

*****

ސޯފާގެ ފުރަގަހުގައި އިށީނދެގެން ރޯން އިން އައިރީންގެ ކަންފަތުގައި އެންމެ ފުރަތަމަ އިޔާންގެ އަޑު ޖެހުމާއެކު އޭނާ ތެދުވިއެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް މަޑުކޮށްލީ ތަނބެއްގެ ފުރަގަހުގައެވެ. އަނގަމަތީގައި އަތް އަޅާލީ ގިސްލުމުގެ އަޑު އެކީ ކަނޑުވާލުމުގެ ބޭނުމު ގައެވެ.

"ރީން" އިޔާންގެ އަޑު އަނެއްކާވެސް އިވުނެވެ. އައިރީންގެ އަތުގެ ބަޔެއް ތަނބުގެ އެއްފަރާތުން އިޔާންއަށް ފެނުނެވެ. އެނާ މޭގައި އަތް އަޅާލިއެވެ. ހެޔޮ ހާލުގައި އައިރީން ހުރިކަމުގެ ޔަޤީން ކަން ލިބުމާވެސް އެކުގައެވެ. ފޯނުގެ އަލި އެހެން ފަރާތަކަށް އަނބުރާލުމާއެކު އިޔާން ވާހަކަ ދެއްކިއެވެ.

"އަހަންނަށް އެނގޭ ރީން މިތާ ހުރިކަން... " އިޔާން ބުނެލިއެވެ. އޭނާ ގެ މިސްރާބުހުރީ ތަނބާ ކައިރިއަށެވެ. އިޔާންގެ އަޑަށް އައިރީން ދެލޯ މަރާލިއެވެ. މި ވަގުތު އޭނާ ބޭނުންވަނީ އެކަނި ވެލާށެވެ. އެއްވެސް މީހެއްގެ ކުރިމައްޗަށް އަދި އަމްދުން އިޔާންގެ ކުރިމައްޗަށް އަރާކަށް އޭނާ ބޭނުމެއް ނޫނެވެ. ހަޤީގަތް ކުރިމައްޗަށް އައުމާއެކު އަމިއްލަ ނަފްސުދެކެވެސް ރުޅިއާދެވިއްޖެއެވެ. އެހެނެއްކަމަކު އިޔާންއަށްޓަކައި އެ ހިތުގައި އޮތް ލޯބި އިތުރުވެއްޖެއެވެ. ހުރިހާ ހަޤީގަތެއް އެނގި ހުރެ އިޔާން އޭނާއަށް އެ ދިން ލޯބީގެ އަގު ވަޒަން ކުރާނީ ކިހިނަކުންހެއްޔެވެ؟ އިޔާންވެސް ވީ ޤުރުބާނީއެކެވެ. ހަޤީގަތް އޭނާގެ ކުރިމައްޗަށް އަރާފާނެތީ ޒާނާބުނި ހާ ގޮތެއް ހެދީއެވެ. އެހެންނަމަވެސް.....

އައިރީންގެ އަނގައިން ވޭނީ އާހެއް ބޭރުވެގެން ދިޔައެވެ.

"ރީން" ދާދި ގާތުން އިޔާންގެ އަޑު އިވުމާއެކު އައިރީންއަށް ދެލޯ މަރާލެވުނެވެ. އިޔާންގެ ފޯނުން އައިރީންގެ މޫނަށް ލައިޓް އަޅުވާލިއެވެ. އެއާއެކު އޭނާއަށް ވެސް ސިހުންލިބުނެވެ. އައިރީންގެ މުޅީ މޫނުވަނީ ދުޅަވެފައެވެ. ދެލޯ ކައިރިވެސް މެއެވެ. އޭރުވެސް ގިސްލެވެމުން ދިޔައެވެ. އައިރީންގެ އަތުގައި ހިފާ ގާތް ކޮށްލަން މަސައްކަތް ކުރިނަމަވެސް އައިރީން އެކަމަށް ފުރުސަތެއް ނުދިނެވެ. ފޯނު އަތުން ދުރަށް ޖައްސާލަމުން އޭނާ ވާހަކަ ދެއްކި އެވެ.

"އިޔާންއަށް ހަޤީގަތް އެނގި ކުރެ ސިއްރުކުރީ" ބުނެވުނީ ހަމައެކަނި އެހެންނެވެ. ބާރަށް ރޮވެން ފެށުމާއެކު އޭނާ ފަހަތަށް އެނބުރިލިއެވެ.

"ރީން" އަތުގައި ހިފާ އަނެއްކާވެސް އިޔާން އައިރީން ގާތް ކޮށްލިއެވެ.

"ޖަސްޓް ލީވް މީ" އައިރީން ބުނެލިއެވެ.

"ކޮންމެހެން އަހަންނާމެދު ހަމްދަރުދީ ވާނެކަމެއް ނެތް" އައިރީން އިޔާންގެ އަތް ފޮޅުވާލިއެވެ.

އައިރީންގެ އެ ބަސްތަކުން އިޔާންގެ ހިތަށް ވެސް ތަދުވިއެވެ.

"އަހަރެންގެ ދެލޮލުން އައިރީންއަށް ފެންނަނީ ހަމައެކަނި ހަމްދަރުދީ އެކަނިތަ؟ އަހަރެންގެ ދެލޮލުގެ ތެރެއިން ލޯބި ނުފެނޭތަ؟" އިޔާން އަށް ބުނެވުނެވެ. ހާލަތުގެ ގޮތުން އެހެން ބުނުން އެހާ މުނާސަބު ނޫން ވި ކަމުގައި ވިނަމަވެސް އޭނާއަށް ކެތް ނުކުރެވުނީއެވެ.

އިޔާން އައިރީންގެ ފަހަތުން އައިސް ބައްދާލުމާއެކު އައިރީން އިޔާން ކޮށްޕާލާފައި ދުއްވައިގަންނަން މަސައްކަތް ކުރިއެވެ.

"ނޫން" އިޔާން ބުނެލިއެވެ. އައިރީން އުނދަގުލުން އިޔާން ދުރަށް ކޮށްޕާލާފައި ދުއްވައިގަތްތަނާ އެތަނުގައި ހުރި ގޮނޑިއެއްގައި އަޅައިގަނެފައި އައިރީން ވެއްޓުނެވެ. ވެއްޓުނު ގޮތަށް ޖެހުނީ ބަނޑެވެ. ތަދުވީ ވަރުން އައިރީންއަށް ހަޅޭއްލަވައިގަނެވުނެވެ. ބަނޑުގައި ރިއްސައިގަތް ގޮތަށް އިތުރަށް ރޮވެން ފެށުނެވެ. އިޔާންވެސް ދުވެފައި އައިސް އައިރީންގެ ގާތުގައި ކުޑަ ކަކޫ ޖަހާލިއެވެ.

އޭރު ބަނޑުގައި ރިއްސާތީ އައިރީން ބަނޑުގައި އަތް ޖައްސައިގެން އޮވެ ހަމަ ރޮނީއެވެ. އިޔާން އައިރީންގެ ކަރުނަތައް ފުހެދިނެވެ. އަތް ދަނޑި މައްޗަށް އައިރީން އުފުލާލައިގެން އޭނާ ގޭން ނުކުންނަން ހިނގައިގަތް އިރު އޭނާގެ ހިތްވެސް ބާރަށް ތެޅެމުން ދިޔައެވެ.

ކާރުގައި އައިރީން ބާއްވާލާފައި ކެތް ކޮށްލަން ބުނުމަށްފަހު އިޔާން އައިސް ކުރިއަށް އެރިއެވެ. އޭރު އަނެއް ސީޓް މަތީގައި އޮތް އޭނާގެ ފޯނަށް ޒަލަފް ގުޅަނީއެވެ. ފޯނު ނެގުން މުހިންމު ކަމަކަށް ނުބަލާ އޭނާ ބެލީ ވީހާވެސް އަވަހަށް ހޮސްޕިޓަލާ ހިސާބަށް ފޯރާތޯއެވެ. ހޮސްޕިޓަލަށް ދެވުމާއެކު ވަގުތުން އެމަރޖެންސީ ފަރުވާ ފެށުނެވެ. އިޔާން ބޭރުގައި މަޑުކޮށްލައިގެން ހުރި އިރު އޭނާގެ ހިތްވެސް ބާރަށް ދިޔައީ ތެޅެމުންނެވެ. ކައުންޓަރ ކައިރިއަށް ގޮސް އޭނާ މުހިންމު ކޯލެއް ކޮށްލަން ފޯނު ދިނުމަށް އެދުނީ އޭނާގެ ފޯނު ކާރުގައި ބާއްވާފައި އާދެވުމުންނެވެ. ގުޅާލީ ޒަލަފްއަށެވެ.

"އޭތް ބްރޯ ހާދަ ހާސްވެފަ؟ ކިހިނެތްވީ؟" ޒަލަފް އެކޮޅުން އަހާލިއެވެ.

"މިވަގުތު ދި ގްރޭންޑް ހޮސްޕިޓަލަށް އާދެބަ! އެއްވެސް މީހަކަށް ނޭނގި" އިޔާން ބުނެލިއެވެ. ޒަލަފް ފޯނު ބޭއްވިއެވެ.

*****

އިޔާންގެ އަޑުގައި ހުރި ނުތަނަވަސްކަން ހުދު ޒަލަފް ވެސް ހާސްވިއެވެ. އޭނާ އަވަސްވެގަތީ ހޮސްޕިޓަލަށް ދާށެވެ. ގޭން ނުކުމެ ކާރަށް އަރާ ދުއްވާލުމާއެކު އޭނާ އިޔާން އަށް ގުޅިއެވެ. ވީ ގޮތް ނޭނގި އޭނާވެސް ހުރީ ވަރަށް ކަންބޮޑުވެފައެވެ. ހޮސްޕިޓަލަށް ވަދެފައި އަނެއްކާވެސް އިޔާންއަށް ގުޅާލިއެވެ. ދެ ވިސްނުމެއްގައި ހުރެފައި ޒަލަފް ހިނގައިގަތީ އެމަރޖެންސީ ރޫމާ ދިމާލަށެވެ. އެ ހިސާބަށް ގޮސް ހުއްޓެވުމާއެކު އޭނާއަށް އިޔާން ފެނިއްޖެއެވެ. އޭރު އައިރީން ބާއްވާފައި އޮތް ކޮޓަރިއަށް އިތުރު ޑޮކްޓަރަކު އައިސް ވަންނަނީއެވެ.

"ބްރޯ ކިހިނެތްވީ؟" އިޔާން ހުރި ގޮތުން ހާސްކަމާއެކު ޒަލަފްއަށް އަހާލެވުނެވެ.

"ރީން" ދެލޯ މަރާލާ ފުންނޭވާއެއް ލުމާއެކު އިޔާންއަށް ބުނެވުނެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ޑޮކްޓަރު ދިން ހަބަރާއެކު އިޔާންގެ ދެފައި ދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދައެވެ. އޭނާއަށް ކޮޅަށްހުންނަން އުނދަގޫވެ އެންމެ ފަހުން ގޮނޑީގައި އިށީނެވެ. ޒަލަފްއަށް ވެސް ލިބުނީ ޝޮކެކެވެ. ވީ ގޮތް ނޭނގި ހުއްޓާ އަނެއްކާ މި ލިބުނީ ކޮންފަދަ ހިތާމަވެރި ހަބަރެއް ހެއްޔެވެ؟

"ދޮންބޭ" ޒަލަފް އިޔާންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އިޔާން އޭނާގެ އަތުގެތެރޭގައި މޫނު ފޮރުވާލައިގެން އިނުމަށްފަހު އަތް ދުރުކޮށްލިއެވެ. ދެން ބަލާލީ ޒަލަފް އަށެވެ. ޒަލަފްވެސް ހުރީ އިޔާން އާ މެދު ކަންބޮޑުވެފައެވެ. އިޔާން ހުރީ ތެމި ފޯވެފައެވެ. ހިނގައިގަތް މިއުޅެނީ ކޮން ކަންތައް ގަނޑެއްކަން އެނގެން ޒަލަފް ބޭނުންވިނަމަވެސް މި ވަގުތު އޭނާ މަޑުކޮށްލީ އިޔާން ހަމައަކަށް އެޅެންދެނެވެ. އޭގެ ފަނަރަ މިނިޓް ފަހުން ޑޮކްޓަރު ނުކުމެ އައިރީންގެ ހާލަތު ރަނގަޅު ކަމަށް ބުނުމުން އިޔާންއަށް ﷲ އަށް ޙަމްދު ކުރެވުނެވެ. އޭނާ އައިރީން ޕްރައިވެޓް ކޮޓަރިއަކަށް ބަދަލުކުރުމުގެ އިންތިޒާމް ޒަލަފް ލައްވާ ހަމަޖެއްސުވިއެވެ. މާ ގިނަ އިރެއްނުވެ އައިރީން ބަދަލުކުރެވުނެވެ. އޭރު އައިރީންއަށް އޮތީ ނިދިފައެވެ. އައިރީންއަށް ވަރަށް ފުންކޮށް ބަލާލިއެވެ. ޒަލަފް ސުވާލުކުރީ ދެނެވެ. އިޔާން ކުރު ގޮތަކަށް ވީ ގޮތް ކިޔައިދިނެވެ.

"މަންމަމެންނަށް ޖެހޭނެއެއްނު އެނގެން" ޒަލަފް ބުނެލިއެވެ.

"އަހަރެން ބުނާނަން... އެކަމަކު އެންމެ ފުރަތަމަ ބޭނުމީ ރީން އާ ވާހަކަ ދައްކަން" އިޔާން ބުނެލިއެވެ.

"އޯކޭ... ބޭސް ސިޓީ ދީބަލަ... އަންނާނަން ބޭސް ނަގައިގަން" ޒަލަފް ބުނެލިއެވެ. އޭނާ ބޭނުންވީ އިޔާން އަށް އެކަނި ވަގުތު ކޮޅެއް ދޭށެވެ. ޒަލަފް ނުކުތުމާއެކު އިޔާން އައިރީންގެ ނިތަށް ބޮސްދީފައި ގޮނޑީގައި އިށީނދެ އެނދުގެ އެއްފަރާތުގައި ބޯ ޖައްސާލިއެވެ. ވަރުބަލިކަން އިޙްސާސްކުރެވި ތަނެއްގައި އޮށޯވެލަން ބޭނުންވި ކަމުގައި ވިނަމަވެސް އައިރީން އެކަނި ދޫކޮށްލާކަށް އޭނާގެ ހިތް އެއްބަހެއް ނުވިއެވެ.

"ދޮންބޭ... މަންމަމެންގާތު ބުނަން ވާނެ އެއްނު" ޒަލަފް އެދުނެވެ.

"ޒެލް ގޮސް ބުނަންވީނު... އޭރުން މާ ރަނގަޅުވާނެ... އަހަރެން ބުނާނަން ހުރިހާ ކަމެއްވެސް ވީ ލެއް އަވަސްކަމުން ގުޅަން ވަގުތު ނުވިއްޔޭ" އިޔާން އެއްވެސް މީހަކާ ވާހަކަ ދއްކާކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ އެކަނިވެލާށެވެ. ޒަލަފް ވެސް އަވަސް އަވަހަށް ބޯ ޖަހާލީ އެކަން ވިސްނިގެންނެވެ.

"ރީން" އިޔާން އަށް ގޮވާލެވުނެވެ. އޭނާ އެ އޮތް ގޮތަށް އޮވެގެން ގޮވާލިއެވެ. އެއްފިޔަތަށް ދުރުކޮށްލަމުން އައިރީން ދެލޯ ހުޅުވާލިއެވެ. ފެނުނީ ހުރު ސީލިންގެކެވެ. އޮވެވުނު ތަނާ މެދު ވިސްނާލުމަށް ކުޑަ ވަގުތު ކޮޅެއް ނެގިއެވެ. އަތަށް ގުޅާފައި އޮތް އައިވީ އަށް ބަލާލުމަށްފަހު ގާތުގައި އިން އިޔާންއަށް ބަލާލިއެވެ. ކަންތައް ހިނގާ ދިޔަ ގޮތް ހަނދާނަށް އަންނަމުން ދިޔަ ވަރަކަށް އައިރީންގެ ދެލޯ ފެން ކަޅިވެގެން ދިޔައެވެ. އަނެއްކާވެސް ރޮވެން ފެށުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އިޔާންގެ އަތުގެ ތެރެއަށް ލާފައިވާ އޭނާގެ އަތަށްބަލާލުމާއެކު އައިރީންއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ދެލޯ މަރާލައިގެން އޮތުމަށްފަހު ހުޅުވާލާ އިޔާންއަށް ބަލާލި އިރު އިޔާންވެސް އޮތީ އައިރީންއަށް ބަލަހައްޓައިގެންނެވެ. (ނުނިމޭ)

comment ކޮމެންޓް