ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސް އޮފީހުން މިއަދު އަންގައިފި އެވެ.
ކޮރޯނާއާ ގުޅިގެން ސަރުކާރުން އަޅާ ހާއްސަ ފިޔަވަޅުތަކާ ގުޅޭގޮތުން އެ އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ، ސަރުކާރު ބަންދުކުރާ މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި ސަރުކާރު ބަންދުކުރާ ދުވަސްތަކުގައި، ސަރުކާރުގެ މުވައްޒަފުން ކޮންމެހެން ކުރަން ޖެހޭ ކަމެއްގައި ނޫން ގޮތަކަށް ބޭރުގައި ނޫޅުމަށް ވެސް އަންގާ ކަމަށް ބުންޏެވެ.
"ސަރުކާރު ބަންދުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮރޯނާ ކޮންޓްރޯލް ކުރުން ކަމަށްވާތީ، އިޖުތިމާއި ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިން ތަންފީޒުކުރުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް އެދެން،" ރައީސް އޮފީން ބުންޏެވެ.
ސަރުކާރުގެ އޮފީސްތައް މާދަމާއިން ފެށިގެން، މި މަހުގެ 26 ވަނަދުވަހަށް ބަންދު ކުރަން ވަނީ ނިންމައިފަ އެވެ. ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، މި މަހުގެ 29ވާ އާދިއްތަ ދުވަހު އެވެ.
ރައީސް އޮފީހުގެ ދެންނެވުމުގައި އިތުރަށް ބުނީ ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުނުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެއޮފީހުން ނިންމާފައިވާ ކަމަށެވެ.
ސަރުކާރު ބަންދު ކުރަން ނިންމި ނަމަވެސް، ސަރުކާރު ބަންދުވާ މުއްދަތުގައި ރައްޔިތުންނަށް ބޭނުންވާ ބައެއް ހިދުމަތްތައް މެދުނުކެނޑިރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުންޏެވެ.
މެދުނުކެނޑޭނެ ހިދުމަތްތައް:
- ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ހިދުމަތްތައް ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތް
- ބްރޯޑްކާސްޓިންގެ ހިދުމަތް
- ފޯނާއި އިންޓަނެޓުގެ ހިދުމަތް
- ބޭންކުތަކުން ދޭ ހިދުމަތް
- ކައްކާ ގޭހާއި ފިޔުލްގެ ހިދުމަތް
- ވައިގެ ދަތުރުފަތުރުގެ ހިދުމަތްތަކާއި ވިޔަފާރި
- ބަނދަރުތަކުގެ ހިދުމަތް
- ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ހިދުމަތް
- ސިފައިންނާއި ފުލުހުންގެ ހިދުމަތް
- ފަޔާ އެންޑް ރެސްކިއުގެ ހިދުމަތް
- އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް
- ހާރިޖީ ގުޅުންތަކާބެހޭ ހިދުމަތް
- އިޖުތިމާއީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް
- ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި
- ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ހިދުމަތް
- ޖަލުތަކުގެ ހިދުމަތް
- ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ހިދުމަތް
- މޫސުމާބެހޭ ހިދުމަތް
ރައީސް އޮފީހުން ބުނީ މި ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ދައުލަތުގެ އިދާރާތަކުން ކޮންމެހެން މަސައްކަތަށް ނެރޭ މުވައްޒަފުންނާއި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެހާލަތުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުމަށް އެދޭ ކަމަށެވެ.
ރާއްޖެއިން ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު މިހާތަނަށް ފެނިފައިވާއިރު، ކުންފުނިތަކުން ދޭ ހިދުމަތްތައް ވެސް ވަނީ އޮންލައިންކޮށްފައެވެ.