ހާލަތުން ލިބުނު ތިން ހަތަރު ފިލާވަޅު

ހުޅުމާލެގައި ގާއިމްކޮށްފައިވާ ބަސް ސްޓޭންޑުތައް ޑިސް އިންފެކްޓު ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެޗްޑީސީ

މިއަދު ދުނިޔެ ދެކެމުން މި ދަނީ ފަހަކަށް އައިސް އިންސާނިއްޔަތާ ކުރިމަތި ވި އެންމެ ޚުތޫރަތްތެރި އެއް ދަނޑިވަޅެވެ. ދުނިޔޭގެ ގާތްގަނޑަކަށް ހުރިހައި ގައުމެއް ވެސް މި ދަނީ މި ހާލަތުގެ ނުރައްކައުތެރިކަމާއި ބިރުވެރިކަން އެންމެ މަތީ ދަރަޖައިގައި އިހުސާސް ކުރަމުންނެވެ. މިފަދަ ވަގުތުތަކުގައި ކުރާން ޖެހޭ ބައިވަރު ކަންކަން ހުރެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ތަޖުރިބާ ކުރާން ޖެހިފައި ވާ ހާލަތުގެ ސަބަބުން ލިބޭ ފިލާވަޅުތަކަކީ ކޮބައިކަން ދެނެގަތުމެވެ. އެކަންކަމާ މެދު ވިސްނުމެވެ. އަމަލީ މައިދާނުގައި އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމެވެ.

ދުނިޔެއާއި މުޅި އިންސާނިއްޔަތުގެ މަންޒޫރު އިހަށް ބާއްވަމާ ހިންގަވާށެވެ. މި ވަގުތަށް ހަމައެކަނި ދިވެހި ގައުމުގެ ސިޔާގުގައި، ދިވެހި މުވާތިނުންގެ ހައިސިއްޔަތުން ވިސްނަމާ ހިންގަވާށެވެ. ލައްކަ ގިނަ ކަންކަން އަޅުގަނޑުމެންނަށް ގޯސްކޮށް އެބަ ކުރެވޭކަން މި ހާލަތުގައި ވަކީން ބޮޑަށް އެބަ ފާހަގަ ކުރެވެއެވެ. އެ ހުރިހައި ކަމަކާ މެދު ވާހަކަ ދެއްކުމުގެ ބަދަލުގައި، މައިގަނޑު ތިންހަތަރު ކަމެއް ފާހަގަ ކޮށްލާނަމެވެ.

އެންމެ ފުރަތަމަ ކަމަކީ އެންމެ އަސާސީ މާއްދީ ބޭނުންތަކުގައި އަމިއްލަ ފުދުންތެރިކަމެއް ނެތުމުގެ ސަބަބުން ލިބޭން އަންނަ ބޮޑު ދެރައެވެ. އަޅުގަނޑުގެ ވެސް އުއްމީދަކީ އަދި ދުޢާޔަކީ ކޮވިޑް ނަވާރައިގެ ސަބަބުން ކުރިމަތި ވެފައި ވާ މުސީބާތުގެ ދުވަސްތައް އަވަހަށް ނިމުމަކަށް އައުމެވެ. އެހެން ނަމަވެސް، މި ހާލަތު ނުވަތަ މިފަދަ އެހެން ބައްޔެއް ފެތުރިގެން ކުރިމަތި ވާ ހާލަތެއް ވިޔަސް ދެމިގެން ގޮސް، ގައުމުން ބޭރުން އެތެރެ ކުރާ ކާނާ އާއި ބޭހާއި އަންނައުނު ފަދަ ތަކެތި އަޅުގަނޑުމެން ބޭނުން ވާ މިންވަރަށް ނުލިބޭތަން އަތުވެއްޖެ ނަމަ ހަދާނީ ކިހިނެއްތޯއެވެ؟ ދިވެހި ގައުމަކީ ކާބޯތަކެތި ވެސް، ބޭހާއި ބޭސްވެރިކަމުގެ ތަކެތި ވެސް، އަދި އުނުފޭރާން ވެސް މުޅީން ކަހަލަ ގޮތަކަށް ރާއްޖެއިން ބޭރުން އެތެރެ ކުރާ ގައުމެކެވެ. ރަނގަޅެވެ. އަޅުގަނޑުމެންގެ ގައުމުގައި، އަޅުގަނޑުމެންނަށް ބޭނުންވާ ހުރިހައި ކާބޯތަކެއްޗަކާއި، ބޭހާއި، ބޭސްވެރިކަމުގެ އާލަތްތަކާއި، ފޭރާން އުފެއްދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މި އެއްޗެތީގެ ތެރެއިން ބޮޑު މިންވަރެއް ރާއްޖެއިން ބޭރުން ގަނެގެން އެތެރެ ކުރުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނެތެވެ. އެހެން ނަމަވެސް، އުފެއްދޭނޭ މިންވަރެއް އޮންނާނެ ނޫންތޯއެވެ؟ އެ މިންވަރު ނުއުފެއްދެނީ ކީއްވެގެންތޯއެވެ؟ ދިވެހި ބިމާއި ކަނޑުފަޅުތަކުން ނެރެވޭނެ ތަކެތި ނުނެރެ މި ތިބެނީ ކީއްވެގެންތޯއެވެ؟ ދިވެހިރާއްޖޭގައި ދަނޑުބިން ކުރެވޭނެ ކިހައި ބިމެއް ބޭނުން ނުކޮށް އެބައޮތްކަން އެނގިވަޑައިގަންނަވާތޯއެވެ؟ ގައުމީ ވިސްނުމަކުން ވިސްނައިގެން، ދުރު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއްގެ ތެރެއިން، މި މައްސަލަޔަށް ސަމާލުކަން ދޭން އެބަޖެހެއެވެ. ދިވެހީންނަށް ބޭނުންވާ ކާނާޔާއި ބޭހާއި ފޭރާމުގެ ތެރެއިން، ރާއްޖޭގައި އުފެއްދޭނެ އެންމެ ބޮޑު މިންވަރެއް ރާއްޖޭގައި އުފެއްދުމަށް ޓަކައި ކުރާން ޖެހޭ ކަންކަން މިއަދު ވެސް ފަށާން ވީއެވެ. ލަސް ކޮށްގެން ވާކަށެއް ނެތެވެ.

މި ހާލަތުން އަޅުގަނޑުމެންނަށް ލިބޭ ދެވަނަ ފިލާވަޅަކީ މުނިފޫހި ފިލުވައި މަޖާ ކުރާން އަންނަ ފަތުރުވެރީން ދިވެހި ރައްޔިތުންނާ ވީހައި ވެސް ދުރުގައި ބެއިތިއްބުމުގެ މުހިއްމުކަމުގެ ފިލާވަޅެވެ. މިހައިތަނަށް މި ވާހަކަ ދައްކާ ބަޔަކު ދައްކަމުން އަންނަނީ، ޚާއްސަކޮށް ޔޫރަޕު ފަދަ ތަންތަނުގެ ފަތުރުވެރީން އައިސް ދިވެހީންގެ ތެރޭގައި ނިވައިކަން ކުޑަ ހެދުން އަޅައިގެން، އިސްލާމީ އަޚްލާގާއި އިޖުތިމާއީ އުސޫލުތަކާ ޚިލާފު ގޮތްގޮތަށް ނާޗަރަންގީ ކުޅެ، ބަނގުރަލާއި އޫރުމަސް ފަދަ ތަކެތި ކައިބޮއި ހެދުމުގެ ސަބަބުން، ދިވެހީންގެ އަޚްލާގާއި އިޖުތިމާއީ ގިޔަމުތަކަށް ކުރިމަތި ވަމުންދާ ބިރުވެރިކަމެއްގެ ވާހަކައިގެ ގޮތުގައެވެ. އެއީ ވަރަށް ރަނގަޅު ވާހަކައެކެވެ. ނަމަވެސް ކޮވިޑް ނަވާރައިގެ އާލަމީވަބާޔާ އެކު، ފާހަގަ ކުރެވިގެން މި ދަނީ ދުނިޔޭގެ އެތަންމިތަނުން އަންނަ މީހުން އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ހުރަހެއް، އެއްވެސް ދުރުމިނެއް ނެތި އުޅުމުގެ ސަބަބުން އުފެދޭ ސިއްހީ ހިރާސްތަކެވެ. ތަފާސްހިސާބުތަކުން އެނގޭ ފަދައިން، ދިވެހިރާއްޖެޔަށް ކޮވިޑް ނަވާރަ އައީ ފަތުރުވެރީންގެ ވަސީލަތުންނެވެ. މިހައިތަނަށް އެއްވެސް ދިވެއްސަކަށް ފަތުރުވެރިޔެއްގެ ކިބައިން ވިޔަސް މި ވައިރަސް އަރައިފައި ނެތްކަމާ މެދު މާތްރަސްކަލާނގެ ރަސްކަންފުޅަށް ޙަމްދާއި ޝުކުރެވެ. އެހެން ނަމަވެސް، އިބުރަތް ހޯދުމުގެ ވިސްނުމުން ވިސްނަމާ ހިންގަވާށެވެ. މި ފަހަރު، ނުވަތަ ކުރިމަގުގައި މިފަދަ އެހެން ބައްޔެއް، ފަތުރުވެރީންގެ ކިބައިން ދިވެހީންގެ ބަޔަކަށް ޖެހި، ދިވެހީންގެ ތެރޭގައި އެ ބަލި ފެތުރިގެން ހިނގައިދާނެ ކަމަށް ވިސްނަމާ ހިންގަވާށެވެ. އަޅުގަނޑު ވެސް އެއްބަހެވެ. ދުނިޔޭގައި ފެތުރޭ ބައްޔެއް އަޅުގަނޑުމެންގެ ގައުމަށް އަތުވެދާނޭ ހަމައެކަނި ގޮތަކީ ފަތުރުވެރީންނެއް ނޫނެވެ. ފަތުރުވެރީން އާއްމު މުޖުތަމައާ ދުރުގައި ގެންގުޅުނަސް، އެއީ އެފަދަ ހާލަތްތަކުގައި ރައްކައުތެރިކަން ލިބޭނޭކަމުގެ ގަރަންޓީއެއް ނޫނެވެ. އެހެން ނަމަވެސް އެއީ ވެސް ބަލިތައް ފެތުރޭ މައިގަނޑު އެއް ގޮތްކަން މިހާރު އެބަ ފެނޭ ނޫންތޯއެވެ؟ ފަތުރުވެރީން އާއްމު މުޖުތަމައާ ތަންކޮޅެއް ދުރުގައި ގެންގުޅުމަކީ ބަލިތައް ފެތުރުން ކޮންމެވެސް މިންވަރަކަށް ކުޑަ ކުރެވި، ހިރާސް ވެސް ކުޑަ ކުރެވޭނެ ކަމެއްކަން ޔަގީނެވެ.

ތިންވަނަ ފިލާވަޅަކީ ދިވެހި އިގުތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާ ވެފައި އޮތުމުގެ ބިރުވެރިކަމާއި ނުރައްކައުތެރިކަމުގެ ފިލާވަޅެވެ. މިހާރު މި ފެންނަނީ ކޮންމެ އަހަރަކު އެތައް ރަށެއް ރިސޯޓުތައް ހަދާން ދޫ ކުރަމުން ގޮސް، މުޅި ގައުމު އެކަށް ފަތުރުވެރިކަމުގެ ދާއިރާޔަށް ހުސް ކުރެވޭ މަންޒަރެވެ. އެވަރުން ނުފުދިގެން، މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިކަން ގެންގޮސް، ރަށްރަށުގައި ވެސް އެނޫން އެހެން ކަމެއް ނުކުރާ ދަރަޖަޔަށް އެކަން ފުޅާ ކުރާތަނެވެ. އެކިއެކި ދާއިރާތަކުން ހުނަރާއި ތައުލީމާއި ތަމްރީނު ދީގެން، ބޮޑު އާމްދަނީތައް ހޯދުމުގެ ގާބިލުކަން ހުރި އެތައް ޒުވާނުންނެއް، ކުޑަކުޑަ މުސާރަޔަކަށް ރިސޯޓުތަކުގައި ލޭބަރުންގެ ގޮތުގައި އެދަނީ މަސައްކަތް ކުރަމުންނެވެ. މިވަރުން ދަންޏާ، ގައުމުގެ ނުހަނު ކުޑަކުޑަ އިންސާނީ ވަސީލަތްތަކުގެ "ޕޫލު"ގެ އައްޑިހަ ނުވަދިހަ އިންސައްތަޔަކީ ރިސޯޓުތަކުގެ މުވައްޒަފުން ކަމުގައި ވެދާނެއެވެ. އެއިރުން އެހެން ސިނާއަތްތައް ތަރައްގީ ކުރެވޭނެ ގޮތަކީ ކޮބައިތޯއެވެ؟ ދިވެހިރާއްޖެޔަށް ބޭނުންވާ ދަނޑުވެރިކަން ކުރާނީ ކޮން ބައެއްތޯއެވެ؟ ދުނިޔޭގެ ފެންވަރުގެ ޝިޕިންގ ސިނާއަތެއް ދިވެހީންނަށް ބިނާ ކުރެވޭނެއެވެ. އައިޓީ އާއި ސޮފްޓްވެއަރގެ ދާއިރާއިން އެތައް ބިލިޔަން ޑޮލަރެއްގެ އާމުދަނީ ދިވެހިރާއްޖެޔަށް ހޯދޭނެއެވެ. ދިވެހީންގެ ގައުމީ އެއަރލައިން ތަރައްގީ ކޮށް ދުނިޔޭގެ ފެންވަރުގެ އެއަރލައިނަކަށް ހެދޭނެއެވެ. ދުނިޔޭގެ ބާޒާރުގައި އެންމެ އަގުހުރި އެއް މަހަކީ ދިވެހި ކަނޑުމަސް ކަމުގައި ހެދޭނެއެވެ. އިންޑިޔާ ކަނޑުގައި ދަތުރު ކުރާ މުދާ އުފުލާ ބޯޓުފަހަރުތަކަށް ޚިދުމަތް ދީގެން އަހަރަކު އެތައް ސަތޭކަ ބިލިޔަން ޑޮލަރު ހޯދޭ ވަރުގެ ޓްރާންސްޝިޕްމަންޓް ބަނދަރުތައް ދިވެހީންނަށް ހެދޭނެއެވެ. ދިވެހީންނަށް ބޭނުން ވާ އަންނައުނާއި ބޭސް ފަދަ ތަކެތި ކޮންމެވެސް މިންވަރަކަށް ނަމަވެސް ދިވެހިރާއްޖޭގައި އުފެއްދޭނެއެވެ. ނަމަވެސް މި ކަންކަން ކުރެވޭނީ ވަރަށް ހިކުމަތްތެރިކަމާއި ކެތްތެރިކަމާ އެކު، ގައުމީ މަސްލަހަތަށް ވިސްނައިގެން ކުރާ މަސައްކަތުންނެވެ. ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާ ވުމުގެ ވިސްނުން، ނުވަތަ އާދަ ދޫ ކޮށްލައިގެންނެވެ. ގައުމުގެ ބިމާއި އިންސާނީ ވަސީލަތްތައް އެހެން ސިނާއަތްތަކަށް ވެސް ކޮންމެވެސް ވަރަކަށް ދޫ ކޮށްގެންނެވެ. އިގުތިސާދީ ސިޔާސަތުގެ އެއް އަސާސަކީ "ޑައިވަރސިފިކޭޝަން" ކަމުގައި ހެދިގެންނެވެ. އެއިއްޔަކީ މިހާރު އަޅުގަނޑުމެންގެ ލީޑަރުންގެ ކިބައިން މި ފެންނަ ސިޔާސީ ކަންކަމަށް ދެވި ހިފައި އެހެން ކަމެއްގެ ވިސްނުން ނެތުމާއި، ކަންނެތްކަމާއި، އަމިއްލަ އެދުންވެރިކަމާ ހެދި ހެސް ގަތުން ފަދަ ކަންކަން އޮތްހައި ހިނދަކު ކުރެވޭނެ ކަމެއް ނޫނެވެ.

ދެން އޮތީ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނާއި، ޚާއްސަކޮށް ސިޔާސީ ލީޑަރުން، އެ ފިލާވަޅަކާ މެދު ފުންކޮށް ވިސްނާން ޖެހޭ ފިލާވަޅެކެވެ. ޚާއްސަކޮށް، ދިވެހިރާއްޖޭގައި އޮތް މާތް ވެގެންވާ އިސްލާމް ދީނާއި، ދިވެހީންގެ ސަގާފަތް ކަމުނުގޮސްގެން، ޔޫރަޕު މީހުން އުޅޭގޮތަށް އުޅޭ ބަޔަކަށް ދިވެހީން ނުހެދިގެން އުޅޭ ސިޔާސީ "ލީޑަރުން" ނެވެ. ހުޅަނގުގެ ޑިމޮކްރަސީ އާއި ހުޅަނގުގެ "އިންސާނީ ހައްގުތައް" ދިވެހިރާއްޖޭގައި ނުދެވިގެން ނޭވާ ނުލެވިގެން އުޅޭ މުހައްރިކުންނާއި ސިޔާސީންނެވެ. އެމީހުންނާއި، އަދި މުޅި ދިވެހި ރައްޔިތުން ވެސް، ދަންނާން ވެއްޖެ ކަމަކީ، ދިވެހި ގައުމާއި ދިވެހި ލޮބުވެތި ރައްޔިތުންގެ ހައްގުގައި މި ކަންކަމަށް ވުރެ އެތައް ގުނައެއް ބޮޑު މައްސަލަތައް އެބަހުރިކަމެވެ. ސިއްހީ ދާއިރާގައި ދިވެހީން ތިބީ އަވަށްޓެރި ގައުމުތަކުގެ ހެވަތަށް ރޭރު ވާން ޖެހިފައެވެ. ކެއުމާއި ކާބޯތަކެތީގެ ކަންކަން ހުރި ގޮތުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. ތައުލީމީ ނިޒާމު ދަނީ ފޭލި ވަމުންނެވެ. އަޚްލާގީ ގޮތުން މުޅި މުޖުތަމައު ވަނީ ފަސާދައިގެ މައްޗަށް ފަސާދަ ވެފައެވެ. ގައުމުގެ މައިބަދަ ކަމުގައި ވާން ޖެހޭ ޒުވާނުންގެ ބޮޑު އަދަދެއް ވަނީ ގައުމުގެ ކަރުގައި އެޅުވިފައި ވާ ބޮޑު ބަރަކަށް ވެފައެވެ. އެ ބަރުގެ ސަބަބުން ގައުމަށް ކޮޅަށް ނުތެދުވެވި، އަނގަވަތަށް ބިންމައްޗަށް ވެއްޓެނީއެވެ. އެވަރުން ވެސް، އިންތިޚާބު ނުބޭއްވިގެން، ޕާޓީ ބޮޑު ނުކުރެވިގެން، ބާރު ނުލިބިގެން ތެޅިފޮޅޭ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ތިބިކަމީ ބޮޑު ހިތާމައެކެވެ. ދިވެހީން ކުރާން ޖެހިފައި އޮތް މަސައްކަތަކީ ގައުމެއް ބިނާ ކުރުމުގެ މަސައްކަތެވެ. ފުދުންތެރި، ތައުލީމީ، އަދި އަމިއްލަވަންތަކަމާއި ޝަޚްސިއްޔަތާއި މިނިވަންކަން ދިފާއު ކުރުމުގެ ފުރިހަމަ ގާބިލުކަން ހުރި ގައުމެއް ބިނާ ކުރުމުގެ މަސައްކަތެވެ.

ދެން ވެސް އޮތީ ވަކީން ބޮޑަށް ސިޔާސީން އެކަމާ މެދު ވިސްނާން ވެއްޖެ ކަމެކެވެ. ބައްލަވާށެވެ. "ދޮންމީހުން" އުޅޭ ގޮތަށް ނުއުޅެވިގެން، އެމީހުންގެ ތައްޕާހުން، އެމީހުންގެ ކުރިމަތީގައި ދިވެހި ގައުމު ގުދު ކޮށްގެން އުޅޭން އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އުޅޭ އިރު، މިފަދަ ބިރުވެރި އަދި ނުރައްކައުތެރި ހާލަތުގައި، އެއްކަލަ މުއްސަނދި ދޮން މީހުން ކޮށްދެނީ ކޮން ކަމެއްތޯއެވެ؟ އިނގިރޭސި ވިލާތަކީ އެ ގައުމުގެ ފުޓުބޯޅަ ކުޅުންތެރިޔަކަށް، ހަފުތާއަކު އެމީހުން ހިތްހަމަޖައްސައިލާން ނުވަދިހަ މިނިޓު ފުޓުބޯޅަ ކުޅޭތީ، ހަފުތާގެ މުސާރަޔަކަށް ތިން ހަތަރު ލައްކަ ޕައުންޑުން މުސާރަ ދޭ ގައުމެކެވެ. ހުޅަނގުގެ އެހެން ގައުމުތައް ވެސް ހަމަ މި ފަދައެވެ. އެކަމަކު އަޅުގަނޑުމެންނަށް އެމީހުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް އެބަލިބޭތޯއެވެ؟ ދުނިޔޭގެ ލަދަށް ޓަކައި ޓެސްޓު ކިޓުތަކެއް ދީފާނެއެވެ. ހަގީގީ އެހީތެރިކަމެއް ނުދޭނެއެވެ. ވިސްނަވާށެވެ. ދިވެހި ގައުމުގެ ޚާރިޖީ ސިޔާސަތު އޮތީ ބޮޑު ފޭލިން ފޭލި ވެފައެވެ. ހުރިހައި ގައުމުތަކަކާ ވެސް އެކުވެރިކަން ބާއްވާން ވާނެކަން އަޅުގަނޑު ގަބޫލު ކުރަމެވެ. ނަމަވެސް މި ހާލަތުގައި ފުންކޮށް ވިސްނަވާށެވެ. މީގެ ތިރީސް އަހަރު ކުރީން، ރައީސް މައުމޫނުގެ ވެރިކަމުގެ ރަން ޒަމާނުގައި މިފަދަ ހާލަތެއް މެދުވެރި ވި ނަމަ، އަރަބި އިސްލާމީ ގައުމުތަކުން ދިވެހިރާއްޖެޔަށް ލިބޭނޭ އެހީތެރިކަމާ މެދަކު ޝައްކެއް ނުކުރެވޭނެއެވެ. ނަމަވެސް މިއަދު އެދޮރު ބަންދު ވެއްޖެއެވެ. މި ވަގުތަކީ އަޅުގަނޑުމެން އެންމެން އެއް ވިސްނުމަކަށް އައިސް، މި ކަމުގައި ވެސް ހެދުނު ބޮޑު ގޯސް ރަނގަޅު ކުރާންވީ ވަގުތެވެ. އެންމެ ގާތް ގުޅުމެއް ބާއްވާން ވީ އުޚުއްވަތްތެރި އިސްލާމީ ގައުމުތަކާއެވެ. އެކުވެރީންނާއި ރަހުމަތްތެރީންނާއި އަވަށްޓެރީން އަންނާން ވާނީ އަޚުން އުޚްތުންގެ ފަހަށެވެ. ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވިޔަސް، އާޚިރުގައި އަޅުގަނޑުމެންނާ މެދު ކުޑަކޮށް ވިޔަސް ލޯތްބާއި ރަހުމުގެ ހިތެއް ގެންގުޅޭނީ ހަމަ ދުނިޔޭގައި ދެން ހުރި އިސްލާމީ ގައުމުތަކެވެ.

މާތްރަސްކަލާނގެ ކޮވިޑް ނަވާރައިގެ ނުރައްކައުތެރިކަމުން ދިވެހި ލޮބުވެތި ވަތަނާއި، ލޮބުވެތި ދިވެހި އެންމެހައި ރައްޔިތުން ނަޖާ ކުރައްވާށިއެވެ. މި ބައްޔާ ގުޅިގެން ގައުމު ވެއްޓިފައި ވާ ވަޅުގަނޑުން އަރައިގަތުމުގެ ތައުފީގު ދެއްވާށިއެވެ. އަދި މި ވަބާގެ ނުރައްކަލުން މުޅި ދުނިޔެއާއި ދުނިޔޭގެ އެންމެހައި ގައުމުތައް ވެސް ރައްކައުތެރި ކުރައްވާށިއެވެ. ފަހު ބަހަކަށް، ސަރުކާރުން ބޭސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ބަސް އައްސަވައި، ވަގުތު ފާއިތު ނުވަނީސް ދިވެހިރާއްޖެ ގަންބަންދު ކޮށްދެއްވާށެވެ. ގައުމު ގަންބަންދު ކުރުމުގެ ސަބަބުން ލިބޭނޭ އިގުތިސާދީ ގެއްލުމަށް ވުރެ، ކޮވިޑް ނަވާރަ މުޅި ގައުމަށް ފެތުރިއްޖެ ނަމަ ދެން ލިބޭނޭ ގެއްލުން ހުރިހާ ގޮތަކުން ވެސް އެތައް ގުނައެއް ބޮޑު ވާނެއެވެ.

comment ކޮމެންޓް