ކޮރޯނާއާ ދެކޮޅަށް އިރު ދެކުނު އޭޝިއާއިން ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: ސިއްހަތު ޖަމިއްޔާ

މެލޭޝިއާގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 600އަށް ވުރެ އިތުރުވެފަ -- ފޮޓޯ: ގެޓީ

ޑަބްލިޔުއެޗްއޯ (މާޗް 18): މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހާ ދެކޮޅަށް އިރު ދެކުނު އޭޝިއާގެ ގައުމުތަކުން ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ޕޫނަމް ކޭތުރަޕާލް ސިންހު ވިދާޅުވި ގޮތުގައި ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުން މިހާރު ފެންނަ ކޭސްތަކުން އެނގޭ ގޮތުގައި އެ ގައުމުތައް ދަނީ "ކޮމިއުނިޓީ ޓްރާންސްމިޝަން"އަކާ ދިމާލަށެވެ. ކޮމިއުނިޓީ ޓްރާންސްމިޝަންއަކީ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓު ނުވެ އަދި ވައިރަސް ފެތުރިފައިވާ ގައުމަކަށް ދަތުރުކޮށްފައި ނުވާ މީހުން ވައިރަހަށް ޕޮޒިޓިވްވުމެވެ. އެގޮތަށް ބަލި ފެތުރޭ ސަބަބުތަކުގެ ތެރޭގައި ބަލީގެ އަލާމަތެއް ނުފެންނަ މީހުންގެ ފަރާތުން ބަލި ޖެހުން ހިމެނެއެވެ.

އެހެންކަމުން އިޖުތިމާއީ ގައިދުރުކަމަށް (ސޯޝަލް ޑިސްޓަންސިންގްއަށް) އިސްކަންދީ، ގިނަގިނައިން އަތް ދޮވުން މިހާރު ވަރަށް މުހިއްމުކަން ޑރ. ކޭތުރަޕާލް ސިންހު ފާހަގަ ކުރެއްވި އެވެ. އަދި "ވައިރަހަށް ޝައްކު ކުރެވޭ މީހުން ހޯދާ، ޓެސްޓުކޮށް، ފަރުވާދީ، އެކަހެރިކޮށް، އެމީހުންނާ ކޮންޓެކްޓުވި މީހުން ހޯދުމުގެ" މަސައްކަތް އިތުރު ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

"ވައިރަސް ފެތުރުން ހުއްޓުވުމަށް އިތުރަށް އަދި އަވަހަށް ފިޔަވަޅު އަޅަން ޖެހޭ،" ޑރ. ކޭތުރަޕާލް ސިންހު ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއިން ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގެ ގޮތުގައި ފާހަގަކުރަނީ ބަންގުލަދޭޝް، ބޫޓާން، އުތުރު ކޮރެއާ، އިންޑިއާ، އިންޑޮނޭޝިއާ، ރާއްޖެ، މިޔަންމާ، ނޭޕާލް، ލަންކާ، ތައިލޭންޑް އަދި އީސްޓް ޓިމޯ އެވެ. އޭގެ ތެރެއިން އީސްޓް ޓިމޯއާއި އުތުރު ކޮރެއާ އާއި މިޔަންމާއިން ބުނީ އެގައުމުތަކުން ވައިރަސް ނުފެންނަކަމަށެވެ.

އެ ވައިރަސް ފެނިފައި ވަނީ މެލޭޝިއާ (673)، ބަންގުލަދޭޝް (10)، ބޫޓާން (1)، އިންޑިއާ (147)، އިންޑޮނޭޝިއާ (172)، ރާއްޖެ (13)، ނޭޕާލް (1)، ލަންކާ (44) އަދި ތައިލޭންޑް (212)އިންނެވެ.

މެލޭޝިއާގައި ގިނަ މީހުންނަށް ވައިރަސް ފެތުރުނުކަމަށް ބެލެވެނީ މިދިޔަ މަހު ކުއަލަ ލަމްޕޫރުގައި ހުންނަ ސެރީ ޕެޓަލިން މިސްކިތުގައި ބޭއްވި ދީނީ ބައްދަލުވުމަކުންނެވެ. އެ ބައްދަލުވުމުގައި 16،000 އާއި 20،000 އާ ދެމެދުގެ މިންވަރަކަށް މީހުން ބައިވެރިވިއެވެ.

މެލޭޝިއާއިން މިހާރު ވަނީ އެގައުމަށް ކުރާ ދަތުރުތައް ހުއްޓުވާ، އެގައުމުގެ ރައްޔިތުން ގައުމުން ބޭރަށް ފުރައިގެން ދިޔުން މަނާކޮށްފައެވެ. އަދި އެގައުމުގެ ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށް އަސާސީ ހިދުމަތް ދޭ ތަންތަން ފިޔަވާ ހުރިހާ ތަނެއްވެސް ބަންދުކޮށްފައެވެ. މެލޭޝިއާ ސަރުކާރުން ބުނީ މިމަސް ނިމެންދެން ގައުމު އޮންނާނީ އެގޮތަށް ކަމަށެވެ.

މެލޭޝިއާގައި ވައިރަސް ޖެހުނު ދެ މީހަކު އިއްޔެ ވަނީ މަރުވެފައެވެ.

މުޅި ދުނިޔޭގައި މިހާތަނަށް 198،000 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 7,948 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް