ފީފާއިން ޑަބްލިއުއެޗްއޯ އަށް 10 މިލިއަން ޑޮލަރުގެ އެހީއެއް

ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ --- ފޮޓޯ/ އޭޕީ

ފީފާ މެދުވެރިކޮށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ހުށައަޅާނެ ކަމަށް އެ އިދާރައިގެ ރައީސް ޖިއަނީ އިންފަންޓީނޯ ބުނެފި އެވެ.

ޔޫއެފާއާއިން ކޮންމެބޯލްއިން އިއްޔެ ނިންމި ނިންމުންތަކަށް ފީފާއިން ތާއީދުކޮށްފައިވާ އިރު، އަންނަ އަހަރުގެ ޖޫން މަހަށް ފަސްކޮށްފައިވާ ޔޫރޯއާއި ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް އަލުން ތާވަލު ކުރި ތާރީހުތައް ފައިނަލް ކުރުމަށް ފީފާގެ ކައުންސިލް ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ބައްދަލުވުމުގައި ރައީސް އިންފަންޓީނޯ ވެސް ބައިވެރިވާ އިރު ބައްދަލުވުމަށް ފާސްކުރަން ބައެއް ކަންކަން ހުށައަޅާނެ ކަން އޭނާ ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން ވޯލްޑް ހެލްތު އޮގަނައިޒޭޝަންއަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށާއި ފުޓުބޯޅަ ކުޅުންތެރިންނާއި އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ގްލޯބަލް ފުޓުބޯޅަ އެސިސްޓެންސް ފަންޑެއް ހުޅުވުމަށް ޕްރޮޕޯސް ކުރާނެ ކަމަށް އިންފަންޓީނޯ ވަނީ ބުނެފަ އެވެ.

"ދުނިޔެއަށް މިހާރު ދިމާވެފައިވާ މި ބޮޑު ވަބާއިން ސަލާމަތްވުމަށް ހުރިހާ އެންމެންގެ އެހީތެރިކަން ވަރަށް އަވަހަށް ބޭނުންވޭ. ކޯޕަރޭޝަންތަކުން އިސްނަގައިގެން މިއީ މިކަމަށް ތެދުވަންވީ ވަގުތު،" އިންފަންޓީނޯ ބުންޏެވެ.

އޭނާ ބުނީ، މިފަދަ ކާރިސާ ތަކުގެ ސަބަބުން އެންމެ އެކަތިގަނޑަކަށްވެ ގުޅުން ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އޭރަށް މުސްތަގުބަލުގައި ދިމާވާ ބޮޑެތި ކަން ކަމުން އަރައިގަތުމަށް ފަސޭހަވާނެ ކަމަށް އިންފަންޓީނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކުޅުންތެރިންނާއި ކުލަބުތަކުގެ ކޮންޓްރެކްޓްތައް ރައްކާތެރިކުމުގެ ގޮތުން ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފުޓުބޯޅައިގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް އިންފަންޓީނޯ ވަނީ ބުނެފަ އެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 މުޅި ދުނިޔޭން 197،146 މީހަކަށް ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން 80،840 މީހުން އެ ބަލިން ފަސޭހަވެފައިވާ އިރު، 7،905 މީހުން ވަނީ މަރުވެފަ އެވެ. ޗައިނާ އިން މިދިޔަ ޑިސެމްބަރު ފެނުނު މި ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެނީ ޔޫރަޕުގަ އެވެ.

comment ކޮމެންޓް