އެމްޕީއެލްއިން އޮންލައިންކޮށް ޕްރެސްކޮންފަރެންސެއް ބާއްވަނީ

އެމްޕީއެލް ހެޑް އޮފީސް --

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އޮންލައިންކޮށް ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.

އެ ކުންފުނިން ވަނީ މިއަދު މެންދުރު 12:00 އަށް ޕްރެސް ކޮންފަރެންސް ތާވަލުކޮށް އެކަން މީޑިއާތަކާ ހިއްސާކޮށްފަ އެވެ. އެމްޕީއެލް އިން މީޑިއާތަކުގައި އެދިފައިވަނީ މައިކްރޯސޮފްޓް ޓީމް އެކައުންޓެއް ހަދައި، ޕްރެސްކޮންފަރެންސްގައި ބައިވެރިވުމަށެވެ.

އެމްޕީއެލްގެ ދަށުން ހިންގާ ގްރޭޓާ މާލޭ ޓްރާންސްޕޯޓު ލިންކުގެ ބަސްތައް ޑިސް އިންފެކްޓުކޮށް ބަލިން ރައްކާތެރިވުމަށް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ މިސްކިތްތައް ވަގުތީގޮތުން ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލައިފަ އެވެ.

މާދަމާ އިން ފެށިގެން ހަފްތާއަކަށް ސަރުކާރު ބަންދުކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުން އެދިފައިވަނީ އާންމުން އެއްވެ އުޅޭ ހަރަކާތްތައް ނުބާއްވާ ސޯޝަލް ޑިސްޓެންސިން ޕްރެކްޓިސް ކުރުމަށެވެ. މިއާއެކު ގިނަ ހޮޓާ ރެސްޓޯރެންޓުތަކުން ވަނީ ޑައިން އިންގެ ހިދުމަތް މެދުކަނޑާލާ، ހަމައެކަނި ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ދޭން ފަށައިފައެވެ.

އެޗްޕީއޭ އިން އިލްތިމާސްކުރަނީ ގާތް މީހުންނާއި ބައްދަލުކުރުން ހުއްޓާލާ، ވީޑިއޯ ކޯލްތަކުން ގުޅުން ބަދަހިކުރުމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

comment ކޮމެންޓް