އެމްއައިބީން ހިއްސާއަކަށް 1.5 ރުފިޔާގެ ފައިދާގެ ގޮތުގައި ބަހަނީ

ރާއްޖޭގެ އިސްލާމިކް ބޭންކުން މީހުން ހިދުމަތް ހޯދަނީ -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާދާރުންނަށް ހިއްސާއަކަށް 1.5 ރުފިޔާ ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅައިފި އެވެ.

އެމްއައިބީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހު އެވެ. އައިޕީއޯގައި 35 ރުފިޔާ އަށް ހިއްސާއެއްގެ މަގުން ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާފައިވެ އެވެ.

އެމްއައިބީ އިން ބުނީ މިމަހުގެ 16 ވަނަ ދުވަހު އެ ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ކުންފުންޏަށް ލިބުނު އާމްދަނީގެ ތެރެއިން 35.4 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަމަށެވެ. މިއާއެކު އެކުންފުނީގެ ހިއްސާއަކަށް ޖެހެނީ 1.50 ރުފިޔާ އެވެ. މި އަދަދު ބަހަން ފާސްކުރާނީ އެކުންފުނިން ބާއްވާ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.

އެމްއައިބީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 25.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

comment ކޮމެންޓް