ކޮރޯނާވައިރަހާއެކު ވޮޝިންޓަން ފަޅުވެއްޖެ

ވޮޝިންޓަންގެ މަގެއް

ވޮޝިންޓަން (18 މާޗް 2020): އެމެރިކާގައި ހަލުއިކަމާއެކު ކޮރޯނާވައިރަސް ފެތުރެންދާއިރު ވެރިރަށް ވޮޝިންޓަންގެ މަގުތައް އެއްކޮށް ފަޅުވެއްޖެއެވެ.

ވޮޝިންޓަންގެ މަގުތައް ފަޅުވެފައި މިވަނީ ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށްޓަކައި މަގުތަކަށް ނުކުމެ ނޫޅޫމަށާއި ޕާކުތަކަށް ނުގޮސް ގޭގައި ތިބުމަށް އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލްގެ ޑައިރެކްޓާ ރޮބަޓް އާރު ރެޑްފީލްޑް އެމެރިކާގެ ރައްޔިތުންނަށް އިލްތިމާސްކުރެއްވުމާއެކު ވޮޝިންޓަންގެ ބާތަކާއި ކުޅިވަރުކުޅޭ ތަންތަނާއި ޖިމްތަކާއި ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރުމަށް އެސިޓީގެ މޭޔަރު މޮރިލް ބޮވްސާ އަމުރުކުރެއްވުމާ ގުޅިގެންނެވެ.

ވޮޝިންޓަންގައި ހުންނަ މަޝްހޫރު ޖޯޖްޓައުން ޔުނިވާސިޓީ

ވޮޝިންޓަންގައި ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ 23 މީހުން ކަމަށްވިޔަސް ދުރާލައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމުން މާބުއްދިވެރިކަމަށް ބޮވްސާ ވިދާޅުވިއެވެ. ވޮޝިންޓަންގެ މަގުތައް ފަޅުވެފައިވާއިރު ވޮޝިންގްޓަންގެ އެންމެ ދުވަސްވީ އެއް ޔުނިވާސިޓީ ކަމަށްވާ ޖޯޖްޓައުން ހުންނަ ސަރަހައްދުވެސްވަނީ ފަޅުވެފައެވެ. އެސަރަހައްދު ފަޅުވީ 1789 ވަނަ އަހަރު އުފެދުނު ޖޯޖްޓައުން ޔުނިވާސިޓީގެ ކިޔެވުންވެސް ބަންދުކުރުމާ ގުޅިގެންނެވެ. ވޮޝިންޓަންގައި އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ ނެޝަނަލް ކެޓެޑްރަލް ސަރަހައްދުވެސް ވަނީ އެ ބިނާ ބަންދުކުރުމުގެ ސަބަބުން ފަޅުވެފައެވެ.

ވޮޝިންޓަންގައި ހުންނަ ވޯލްޑްބޭންކުގެ މައި އޮފީސް ބަންދުކޮށްފައިވާއިރު އެތަނުގެ މުވައްޒަފުންނަށް ވަނީ ގޭގައި ތިބުމަށް އަންގާފައެވެ. ވޮޝިންޓަންގައި ހުންނަ ވޯލްޑްބޭންކުގެ މައި އޮފީހުގައި 8،600 މުވައްޒަފުން މަސައްކަތްކުރެއެވެ. ވޮޝިންޓަންގައި ހުންނަ އެމެރިކާގެ ސްޕްރީމްކޯޓުވެސް ވަނީ ބަންދުކޮށްފައެވެ. މިއީ 1918 ވަނަ އަހަރަށްފަހު އެ ކޯޓުގެ މަސައްކަތް ރަސްމީގޮތުން ހުއްޓާލި ފުރަތަމަ ފަހަރެވެ. ވޮޝިންޓަންގެ ސަބްވޭއާއި މެޓްރޯ ބަންދުނުކުރިނަމަވެސް ދަތުކުރާ މީހުން މަދުކަމުން އެތަންތަނުގެ ހަރަކާތްތައްވެސް ގާތްގަނޑަކަށްވަނީ ހުއްޓިފައެވެ.

އެމެރިކާގެ 50 ސްޓޭޓަށްވެސް ވަނީ ކޮރޯނާވައިރަސް ވަދެފައެވެ. އެންމެފަހުން ކޮރޯނާވައިރަސް ވެދެފައިވަނީ އެމެރިކާގެ ވެސްޓް ވާޖީނިއާ ސްޓޭޓަށެވެ. އެ ސްޓޭޓްގެ ގަވަރުނަރު ޖިމް ޖަސްޓިސް ވަނީ އެ ސްޓޭޓުންވެސް ކޮރޯނާއަށް ޕޮޒިޓިވް އެކަކު ފެނުނުކަން ރޭ އިއުލާން ކުރައްވާފައެވެ. އެމެރިކާގެ 50 ސްޓޭޓްގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހުންގެ އަދަދު އެއްހާހަށްވުރެ މަތިވެފައިވާއިރު އެ ރޯގާގައި 100 މީހުންވަނީ މަރުވެފައެވެ.

ވޮޝިންޓަންގެ ކެފޭ އެއް

އެމެރިކާގައި ބިރުވެރި މިންވަރަކަށް ކޮރޯނާވައިރަސް ފެތުރެމުންދާނެކަމުގެ ބިރު ހިވާކަމަށް ތަޖުރިބާކާރުން ލަފާ ދެއްވުމުން މިހަފްތާގެ ކުރީކޮޅު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައެވެ. ގައުމީ ކުއްލި ހާލަތު އިއުލާން ކުރައްވަމުން ޓްރަމްޕް އެދިވަޑައިގަތީ ދިހަ މީހުންނަށްވުރެ ގިނައިން އެއްފަހަރާ އެއްތަނަކަށް އެއްވެ ނޫޅުމަށެވެ.

ކޮރޯނާ ވައިރަސް ވަނީ އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއަށްވެސް ވަދެފައެވެ. ޕެންޓަގަން އިންވަނީ އެ ވުޒާރާގެ މުވައްޒަފުންގެ ތެރެއިން 37 މީހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ދިފާއީ ވަޒީރު މާކް އެސްޕާއާއި އޭނާގެ ނައިބުވެސް ހުންނެވީ އެ ވައިރަސްގެ ސަބަބުން ކަރަންޓީނުގައިކަން ކަށަވަރުކޮށްދީފައެވެ. އަދި އެމެރިކާ ސިފައިންގެ 18 މީހަކުވެސްވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

(އެމެރިކާގެ ނޫސްތައް)

comment ކޮމެންޓް