ޖޫން 30އަށް ފުޓުބޯޅަ ސީޒަން ނިންމާލަން ޔޫއެފާއިން އެދިއްޖެ

ޔޫރަޕުގެ ގައުމުތަކުގެ ޑޮމެސްޓިކް ލީގުތަކާއި، ޔޫއެފާގެ ޔޫރަޕިއަން ދެ މުބާރާތް އެންމެ ލަސްވެގެން ޖޫން މަހުގެ 30އަށް ނިންމުމަށް މަސައްކަތްކުރުމަށް ޔޫއެފާއިން ކުލަބުތައް ގާތުން އެދިއްޖެއެވެ.

ޔުއެފާއިން އެގޮތަށް އެދުނީ، އިއްޔެ އެ އިދާރާއިން ބޭއްވި ކުއްލި ބައްދަލުވުމަށްފަހުއެވެ. ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި ޔުއެފާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ލީގުތަކުންނާއި ޔޫރަޕުގެ ކްލަބް އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ)އިން މަންދޫބުން ވަނީ ބައިވެރިވެފައެވެ.

އިއްޔެގެ އެ ބައްދަލުވުމުގެ އެންމެ ބޮޑު މަގުސަދަކީ މިއަހަރުގެ ޖޫން މަހަށް ތާވަލުކޮށްފައިވާ ޔޫރޯ ބާއްވާނެ ތާރީހަކަށާއި މިހާރު ކުރިއަށްދާ ޔޫރޮޕިއަން މުބާރާތްތައް ފަށާނެ ދުވަހެއް ކަނޑައެޅުމެވެ. އެގޮތުން އެ ބައްދަލުވުމުގައި ޔޫއެފާއިން ނިންމީ ޔޫރޯ މުބާރާތް އަންނަ އަހަރުގެ ޖޫން މަހު ބޭއްވުމަށެވެ. އަދި ޔޫރޮޕިއަން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު މިއަހަރުގެ ޖޫންމަހުގެ 30ގެ ކުރިން ނިންމުމަށެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން، އާންމު ހާލަތަށް އެޅި ލީގުތައް އެންމެ އަވަހަށްވެސް ފެށޭނެކަމަށް ބެލެވެނީ މޭ މަހުގެ ތެރޭގައެވެ. އެހެންވެ މޭ މަހުގެ ނިޔަލަށް ނިންމަން ޖެހޭ ފުޓްބޯޅަ ލީގުތައް ނުނިމޭ އިރު، ޔޫރޯ ފަސްކުރުމާ ގުޅިގެން ޖޫން މަހާއި ޖުލައި މަސް ހުސްވެ، ލީގު ކުރިއަށްގެންދާ ވަގުތު ލިބޭނެއެވެ.

އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް ޔޫރޮޕުގެ ހާލަތު އިތުރަށް ގޯސްވެ ގިނަ ބަޔަކަށް މި ބަލި ޖެހެމުންދާތީ ގިނަ ކުލަބުކުން ވަނީ ޓްރެއިނިންގްވެސް މެދުކަނޑާލައި ކުލަބުގެ އޮފީސްތައް ބަންދު ކޮށްފައެވެ. އަދި ބައެއް ގައުމުތައް ލޮކްޑައުން ކޮށްފައި އޮތުމުން ގައުމުން ބޭރުގައި ތިބި އެއްވެސް ކުޅުންތެރިޔަކު އަނެއް ގައުމަށް ދިއުންވެސް މަނާކޮށްފައިވާ އިރު ރޭގެ ވަގުތެއްގައިވެސް ވަނީ ޔުވެންޓަސްގެ ކުޅުންތެރިއަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެކަމަކު ހާލަތު ރަނގަޅުވެއްޖެނަމަ މޭ މަހުގެ ކުރިން ލީގުތައް ފަށައި ޖޫންގެ ނިޔަލަށް ޑޮމެސްޓިކް ލީގުތައް ނިންމާލުމަށް ޔޫއެފާއިން ވަނީ ކުލަބުތަކުގެ ގާތުން އެދިފައެވެ. އަދި ޖޫން މަހުގެ 24 އާއި 27 ގައި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ފައިނަލް ކުޅުމަށް އޮތީ ހަމަޖައްސާފަ އެވެ.

މި ދުވަސްތަކަށް ލީގުތައް ނުނިންމިއްޖެ ނަމަ އަންނަ ސީޒަނުގެ ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބައެއް މުބާރާތްތައް ކެންސަލްކުރަން ޖެހިދާނެކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ. އަދި މިއަހަރުގެ ޔޫރޯ އަންނަ އަހަރަށް ބަދަލު ކުރުމާ ގުޅިގެން އަންނަ އަހަރު އެ މުބާރާތް ބާއްވާ ދުވަސްވަރަށް ކުރިން ތާވަލުކޮށްފައި އޮތް ވިމެންސް ޔޫރޯ 2021 އާއި 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް އަދި ނޭޝަންސް ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

comment ކޮމެންޓް