ބޭރު ގައުމުތަކުގައި ތިބި ދިވެހިން އެއާޕޯޓަށް ނުގޮސް، ގޭގައި މަޑުކުރޭ

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ސަން ފޮޓޯ/ އަހްމަދު ސައީދު

ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރުފައިވާ ކޮރޯނާވައިރަަަހުގެ ބަލިމަޑުކަން، ކޮވިޑް-19އާ ގުޅިގެން ބޭރު ގައުމުތަކުގައި ތިބި ދިވެހިން މިވަގުތު ރާއްޖެ ނައިސް މަޑުކުރުމަށާއި ގެއިން ބޭރަށް ނުނިކުތުމަށް ސަރުކާރުން އިލްތިމާސްކޮށްފި އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔޭގެ 163 ގައުމަކުން ވަނީ ކޮރޯނާ ވައިރަސް ފެނިފަ އެވެ. އޭގެ ތެރެއިން ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުން އަންނަ ގައުމުތަކުގައިވެސް ވައިރަސް ވަރަށް ބޮޑަށް ފެތުރި ހަރުކަށި ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.

ދަރުބާރުގޭގައި ގާއިމުކޮށްފައި ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ސަރުކާރުން ޓްރެވަލް ރެސްޓްރިކްޝަންސް އަޅާފައިވާ ގައުމުތަކަކީ އެންމެ ރިސްކު ބޮޑު ގައުމުތައް ކަމަށެވެ. އެގޮތަށް އެގައުމުތަކާމެދު ފިޔަވަޅު އަޅާފައިވަނީ، ރާއްޖޭގެ ސިއްހީ ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

މަބްރޫކު ވިދާޅުވީ، މިވަގުތު ގައުމުތަކުގައި ދިވެހިންނަށް ކުރެވޭނެ އެންމެ ނުރައްކާތެރި ކަމަކީ، ރާއްޖެ އައުމަށްޓަކައި އެއާޕޯޓަކަށް ދިޔުން ކަމަށެވެ. އަދި އެއާޕޯޓްތަކަކީ، ވައިރަސް ޖެހުމަށް މަގުފަހިވާ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެންމެ ބުއްދިވެރިގޮތެއް ނޫންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށްވެސް އިނގޭ މިއީ އުދަނގޫ ވަގުތެއް. މިކަމުގެ ހާސްކަންވެސް އޮތް ވަގުތެއް. ނަމަވެސް އަޅުގަނޑަށް ލިބިފައި އޮޮތް މައުލޫމަތަކީ، އެތަންތާގައި [ބޭރު ގައުމުތަކުގައި] ތިބެއްވި ބޭފުޅުންގެ އަމިއްލަ ރައްކާތެރިކަމަށްތަކައި މިވަގުތު ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ، އެބޭފުޅުން އަމިއްލަ އެޕާޓްމަންޓުތަކުގައި، އަމިއްލަ ގޭގައި މަޑުކޮށްލަދިނުން،" މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކު ވިދާޅުވީ، އެ ދިވެހިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ވައިރަސް ނުޖެހުމަށް ކުރެވެން ހުރި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އަމިއްލަ ސާފުތާރިހިރުކަން ކަށަވަރުކޮށް، "ސޯޝަލް ޑިސްޓެންސިން ޕްރެކްޓިސް" ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެހެންނަމަވެސް އެއާޕޯޓެއްގެ ތެރެއަށް މިގޮތަށް އައުމަކީ، އޭގައި ވަރަށް ބޮޑު ރިސްކެއް އެކުލެވޭ ކަމެއް،" މަބްރޫކު ވިދާޅުވި އެވެ.

ބޭރު ގައުމުތަކުގައި ތިބޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް މަބްރޫކު ދެއްވި އެވެެ.

ސަރުކާރުން އެންމެ ފުރަތަމަ ރާއްޖެއަށް މީހުން އައުން މަނާކުރީ ބަލި ފެނުނު ޗައިނާ އިންނެވެ. އޭގެ ފަހުން އިރާންއާއި ކޮރެއާގެ ދެ ސަރައްހަދަކުންވެސް މީހުން އައުން މަނާކުރި އެވެ. އަދި އިޓަލީ އާއި ސްޕެއިން އިން ވެސް މީހުން އައުން ވަނީ މިހާރު މަނާކޮށްފަ އެވެ. އޭގެ އިތުރުން ޖަރުމަން އަދި ފްރާންސްގެ ބައެއް ސިޓީތަކުން ވެސް މީހުން އައުން މަނާކޮށްފައިވެ އެވެ. އަދި މިއަދު ވަނީ މެލޭޝީއާއާއި އިނގިރޭސީ ވިލާތުން މީހުން އައުން ވެސް މަނާކޮށްފަ އެވެ. އިނގިރޭސީވިލާތުން މީހުން އައުން މާނާކުރަން ނިންމި ނިންމުމަށް އަމަލު ކުރަން ފަށާނީ، މިމަހު 19 ވަނަ ދުވަހު މެންދަމު 12:00 އިން ފެށިގެންނެވެ.

ރާއްޖެއިން މިހާތަނަށް ހަތަރު ރިސޯޓަކާއި ސަފާރީއަކުން 13 ބިދޭސީއަކު ވަނީ ވައިރަހަށް ޕޮޒިވެފަ އެވެ. އެ މީހުންގެ ތެރޭގައި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާ ނުހިމެނޭ އިރު، ނުވަ މީހުންނަކީ މިހާރު ހަލުވި ކަމާއެކު ވައިރަސް ފެތުރޭ އިޓަލީ މީހުންނެވެ.

comment ކޮމެންޓް