ކޮރޯނާވައިރަސް: ފަންނުވެރިންނަށް އާމްދަނީ ހޯދުމުގައި އެހީތެރިވެދެނީ

"އުރީދޫ މިއުކިޒް ފެސްޓިވަލް 2019"ގެ ތެރެއިން -- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިހާރު ރާއްޖެ އާއި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން، ފަންނުވެރިންނަށް އާމްދަނީ ހޯދުމުގައި ދަތިވެފައިވާތީ އެމީހުންނަށް އެހީތެރިވާން ސަރުކާރުން ނިންމައިފި އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ ފަންނުވެރިންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އޭގެ ތެރޭގައި ރިސޯޓްތަކުގައި މިއުޒިކް ކުޅޭ ފަރާތްތައް ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން ރަށްރަށުގައި ގެސްޓުންނަށް ތަފާތު ތަކެތި ވިއްކައިގެންވެސް ގިނަ ފަންނުވެރިން އާމްދަނީ ހޯދަ އެވެ.

ނަމަވެސް ކޮރޯނާވައިރަސްއާ ގުޅިގެން ދިވެހިން ރިސޯޓްތަކަށް ދިއުން މަނާކޮށްފައިވާއިރު ފަތުރުވެރިން ވެސް މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން ވަނީ މަނާކޮށްފަ އެވެ.

"ކޮވިޑް-19⁩ ގެ ސަބަބުން އާމްދަނީ ހޯދުމަށް ދަތިވެ ކަންބޮޑުވުން ފާޅުކުރަމުން ދާތީ ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން. މިކަމަށް ފަންނާނުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަން." އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ޓުވީޓް ކުރައްވާފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ އިޓަލީގެ ނުވަ މީހަކާއި ދެކުނު އެފްރިކާ މީހަކާއި އިނގިރޭސިވިލާތުގެ މީހަކާއި ޖަރުމަނު މީހެއްގެ އިތުރުން ތުރުކީ މީހެކެވެ.

comment ކޮމެންޓް