ރާއްޖޭގެ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މަނާކޮށްފި

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން ސަރުކާރުން މަނާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު އިއުލާން ކުރެއްވި ގޮތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމާފައި ވަނީ، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން ރާއްޖޭގެ އެއްވެސް ގެސްޓްހައުސްއަކަށް ޓޫރިސްޓުން ޗެކިންވުން މަނާކުރުމަށް ކަމަށެވެ. އަދި އެއް ރަށުން އަނެއް ރަށަށް ޓޫރިސްޓުންނަށް ނުދެވޭނެ ކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މިއާއެކު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހިންގާ ޓޫރިސްޓު ހޮޓާ، ގެސްޓްހައުސްތަކަށް ބޭރުގެ ފަތުރުވެރިން ނުގެންދެވޭނެ އެވެ. ނަމަވެސް މިހާރު ތިބި ފަތުރުވެރިންނަށް އެމީހުން ބުކިން ހަދާފައިވާމުއްދަތު ހަމަވަންދެން ގެސްޓްހައުސް ތަކުގައި ތިބެވޭނެ އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން (ގޭމް) ގެ ރައީސް މޫސާ ނާސިހު ވިދާޅުވީ މި ހާލަތު ފެށުނީއްސުރެ ސަރުކާރާއެކު މަޝްވަރާ ކުރަމުން ދިޔަ ކަމަށާއި، މިހާރު މިއޮތް ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ގެސްޓްހައުސްތަކަށް މީހުން ގެންދިޔުން ހުއްޓުވުން ކަމަށް އެ އެސޯސިއޭޝަނަށްވެސް ގަބޫލު ކުރެވޭ ކަމަށެވެ.

މީގެ ކުރިންވަނީ މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުންވެސް މަނާކޮށްފަ އެވެ. އެގޮތުން މި މަހުގެ 14 އިން ފެށިގެމް ދެ ހަފްތާއަށް މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކަށް މީހުން ގެނައުން މަނާކޮށްފައިވާއިރު، ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ސަފާރީތަކުން އެކްސްކާޝަންއަށް ޓޫރިސްޓުން މީހުން ދިރިއުޅޭ ރަށްރަށަށް ގެންދިޔުން 14 ދުވަހަށް ވަނީ މަނާކޮށްފަ އެވެ.

ކޮރޯނާ އާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި އެހެން ރަށްރަށުން ރިސޯޓުތަކަށް ދަތުރުކުރުން ހުއްޓާލަންވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް މުއްދަތުގައި ރިސޯޓު މުވައްޒަފުންނަށް ވަޒީފާ އަދާކުރުމަށްޓަކައި ރިސޯޓަށް ދެވިދާނެ އެވެ.

ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމަށް ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރުމަށް ފިޔަވާޅުތަކެއް އަޅަން ނިންމާ ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން ނިންމައިފައެވެ. މީގެ އިތުރުން މި ހަފްތާގެ ބުރާސްފަތިން އަންނަ ހަފްތާގެ ބުރާސްފައްޗަށް ސަރުކާރު ބަންދު ކުރަން ނިންމާފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވަނީ 13 މީހެކެވެ.

comment ކޮމެންޓް