ޔޫކޭ، މެލޭޝިޔާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

ޖެނުއަރީ 29، 2020: އެއާޕޯޓްގައި ބަޔަކު މާސްކްއަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެލޭޝިޔާ އާއި އިނގިރޭސިވިލާތުން ރާއްޖެއަށް މީހުން އައުން މަނާކުރަން ސަރުކާރުން ނިންމައިިފި އެވެ.

ނޭޝަނަލް ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މިއަދު އިރުއޮއްސި 18:00 އިން ފެށިގެން، މެލޭޝިޔާއިން ރާއްޖެއަށް މީހުން އައުން މަނާވާނެ ކަމަށެވެ.

އިނގެރޭސިވިލާތުން މީހުން އައުން މަނާ ވާނީ މި މަހުގެ 19 ވަނަ ދުވަހުގެ 00:00 ފެށިގެންނެވެ.

މަބްރޫކް ވިދާޅުވީ އެ ގައުމުތަކުން ފަތުރުވެރިން އައުން މަނާކުރި ނަމަވެސް، ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް އާދެވޭނެ ކަމަށާއި، ރާއްޖެ އައުމަށްފަހު ކޮންމެ މީހަކުވެސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރުއުޅޭ މެލޭޝިޔާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ މުޅި އެ ގައުމު އޮތޯ ލޮކްޑައުންކޮށްފައެވެ. މެލޭޝިޔާގައި މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ބަލީގައި އެކަކު ވަނީ މަރުވެފައެވެ.

އިނގެރޭސިވިލާތުން މިހާތަނަށް 1550 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 55 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

އެންމެ ފުރަތަމަ ރާއްޖެއަށް މީހުން އައުން މަނާކުރީ ބަލި ފެނުނު ޗައިނާ އިންނެވެ. އޭގެ ފަހުން އިރާންއާއި ކޮރެއާގެ ދެ ސަރައްހަދަކުންވެސް މީހުން އައުން މަނާކުރިއެވެ. އަދި އިޓަލީ އާއި ސްޕެއިން އިން ވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ.

އޭގެ އިތުރުން ޖަރުމަން އަދި ފްރާންސްގެ ބައެއް ސިޓީތަކުން ވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ. ފްރާންސްއިން މީހުން އައުން މަނާކުރީ ދެ ސަރަހައްދަކުންނެވެ. އެއީ އެގައުމުގެ ދެ އެޑްމިނިސްޓްރޭޓިވް ރީޖަން ކަމުގައިވާ މެދުތެރޭގެ އިލް ޑޮ ފްރޮންސް (ޕެރިސް ރީޖަން)އާއި އިރު އުތުރުގެ ގްރޯންޑް އެސްޓް ރީޖަންއެވެ.

ޖަރުމަނުން މީހުން މަނާކުރީ ތިން ސްޓޭޓަކުންނެވެ. އެއީ ބެވޭރިއާ، ނޯތު ރައިން-ވެސްޓްފޭލިއާ އަދި ބެޑެން-ވަރޓެމްބާގެވެ. ޖަރުމަނުގެ ބައެއް ބޮޑެތި ސިޓީތައްވެސް މި ސްޓޭޓުތަކުގައި ހިމެނެއެވެ. އެގޮތުން ނޯތު ރައިން-ވެސްޓްފޭލިއާ ސްޓޭޓުގައި ކޮލޯން ސިޓީ، ޑުސެލްޑޯފް ސިޓީ އަދި ޑޯޓްމުންޑް ސިޓީ ހިމެނެއެވެ. އަދި ޖަރުމަނުގެ ސިޓީއެއް ކަމުގައިވާ މިއުނިކް ހިމެނެނީ ބެވޭރިއާ ސްޓޭޓުގައެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.

comment ކޮމެންޓް