މައިމޫނާ ވިދާޅުވާ ކޮންމެ ކަމެއް އަކުރުން އަކުރަށް ތަންފީޒު ކުރަން ވާނެ: ޕީޖީ ޝަމީމް

ޑިސެމްބަރ 2، 2019: ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވާ ކަންކަން "އަކުރުން އަކުރަށް ރަނުން ރަނަށް" ތަންފީޒު ކުރަން ޖެހޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޑަބްލިއުއެޗްއޯއިން ޕެންޑެމިކްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮރޯނާވައިރަސް، ކޮވިޑް-19 ރާއްޖެއިންވެސް ފެނުމާ ގުޅިގެން އާންމު ސިއްހަތުގެ ގާނޫނުގައިވާ ގޮތަސް، އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާގެ އަބޫބަކުރުގެ ލަފާގެ މަތިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޕީޖީ ޝަމީމް ވިދާޅުވީ، އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާގެ އެންގެވުންތަކަށް މިވަގުތު އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

"މައިމޫނާ ވިދާޅުވާ ކަމެއް ރަނުން ރަނަށް އަކުރުން އަކުރަށް ތަންފީޒު ކުރަން ވާނެ،" ޝަމީމް ވިދާޅުވި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބާރުތައް:

އާންމު ސިއްހަތުގެ ގާނޫނުގައިވާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްއަށް ހާއްސަ ބާރުތަކެއް ލިބިގެންވެ އެވެ.

އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްއަށް އެޅޭނެ ހާއްސަ ފިޔަވަޅުތައް އާންމު ސިއްހަތުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. އެއީ:

  • (ހ) ބައްޔަކުން ރައްކާތެރިވުމަށްޓަކައި، ވަކި ބަޔަކަށް ނުވަތަ ވަކި ގިންތިއެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގުން.
  • (ށ) ވެކްސިނާއި، ބޭހާއި، ވެކްސިނާ ގުޅުންހުރި ތަކެއްޗާއި ވަސީލަތްތައް އެންމެ އަވަހަށް ރައްދުކުރަންވީ ކޮން ބާވަތެއްގެ ނުވަތަ ކޮން ގިންތިއެއްގެ ބަޔަކަށްކަން ކަނޑައަޅައި، އެކަން ހަމަޖެއްސުން.
  • (ނ) ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުމާއި މީހުން އެއްވެއުޅޭ ތަންތަނަށް އެއްވެއުޅުން މަނާކުރުމަށް އަމުރުނެރުން.
  • (ރ) ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިޔުމަށާއި، އެއްވެނޫޅުމަށް އެންގުން.
  • (ބ) ކަރަންޓީނު ކުރެވިފައިވާ މީހާއަށް އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދެމުން ދިޔުން.
  • (ޅ) އެއްގަމުމަގުންނާއި ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުން.

އާންމު ސިއްހަތުގެ ގާނޫނުގެ 76 ވަނަ މާއްދާގައި ވާގޮތުން އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްއަށާއި އޭނާގެ ދަށުން މައްސަކަތް ކުރާ މުވައްޒަފުންނަށް ކޯޓު އަމުރަކާ ނުލައި މީހުން ދިރިއުޅޭ ތަނަކަށް ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް ނުވަތަ އާންމު ތަނަކަށް ވަނުމުގެ ހުއްދަ ލިބިގެންވެ އެވެ. އަދި އެ ތަނަކުން އާންމު ސިއްހަތަށް އޮތް ނުރައްކާ ކުޑަކުރުމަށްޓަކައި، ނުވަތަ ކޮންޓްރޯލްކުރުމަށްޓަކައި، ނުވަތަ ނައްތާލުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލައަށް ލިބިގެންވެ އެވެ.

comment ކޮމެންޓް