ރިސޯޓަކުން ފިލައިގެން، ފަތާފައި އައްޑޫ މީދޫއަށް އެރި މުވައްޒަފަކު ހައްޔަރުކޮށްފި

ކޮވިޑް19 އާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން އެރުން މަނާކޮށްފައި ވަނިކޮށް ސައުތު ޕާމް ރިސޯޓުގެ މުވައްޒަފަކު ފަތާފައި އައްޑޫ ސިޓީ މީދޫއަށް އެރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މީދޫއަށް އަރާފައި ވަނީ އިއްޔެ މެންދުރު 13:55 ހާއިރު ކަމަށެވެ. އަދި ހަމަ އެ ދުވަހު އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މީދޫ ހެލްތު ސެންޓަރަށް ގެންގޮސް ޑޮކްޓަރަށް ދައްކައި، ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށެވެ.

އަދި ކޮވިޑް19 އާ ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ނެރެފައިވާ އެންގުންތައް ތަންފީޒު ކުރުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާޗު 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.

ރިސޯޓު މުވައްޒަފުންގެ ތެރެއިން ރިސޯޓުން އަރައި ފޭބުމުގެ ހުއްދަ އޮންނާނީ ފަތުރުވެރިން ފުރުވަން އެއާޕޯޓަށް ގެންދަން ޖެހޭ ހާލަތްތަކުގައި އެކަމަށް ދާ މުވައްޒަފުންނަށް އެކަންޏެވެ.

މީގެ އިތުރުން ރިސޯޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސޯޓުތަކުގެ ޖެޓީއަށް ފޭބުމުގެ ހުއްދަ އޮތް ނަމަވެސް އެ މަސައްކަތުގައި އުޅޭ މީހަކު ރިސޯޓަކަށް އެތެރެވެފައިވާނަމަ، އެމީހަކަށް ރިސޯޓުން ފޭބުމުގެ ހުއްދަ ނޯންނާނެއެވެ.

އެ ފިޔަވަޅުގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒަފަކު ނުވަތަ ފަތުރުވެރިޔަކުވެސް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް