މިވަގުތު ރިސޯޓު މުވައްޒަފުން ވަކިކުރުމަކީ ޒިންމާދާރު ކަމެއް ނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް އަސަރުކޮށް ވިޔަފާރިތައް ދަށަށް ދާނެކަން ގަބޫލުކުރައްވާ ކަމަށާއި، އެހެން ނަމަވެސް ވިޔަފާރި ދަށްވާ މިންވަރާ ނުބައްދަލު ގޮތަކަށް ހަރަދުތައް ކުޑަކުރަން، ރިސޯޓުތަކުން މުވައްޒަފުން ވަކިކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ބައެއް ރިސޯޓުތަކުން ކުއްލިއަކަށް ހުރިހާ މުވައްޒަފުން ނުވަތަ މުވައްޒަފުންގެ ވަރަށް ބޮޑު ބައެއް ގެއަށް ފޮނުވާލައި، މުވައްޒަފުންގެ މުސާރަތައް ކަނޑާލައި، މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ދިއުމަށް އަންގަމުން އަންނަކަމަށެވެ.

ނަމަވެސް މި އަހަރުގެ މިހާތަނަށް ރިސޯޓުތަކުންނާއި ގެސްޓު ހައުސްތަކުން ޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި، އެހެންކަމުން ރިސޯޓުތަކުގެ އާމްދަނީއަށް ބަދަލު އައިސްފައި ވާނީ ގިނަވެގެން 15 ދުވަހަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އޭގެ މާނައަކީ 10.1 ބިލިއަން ރުފިޔާގެ ވިޔަފާރި ރިސޯޓުތަކުން މި މާޗު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރެވިފައިވާ ކަމަށް. ނުވަތަ ގެސްޓުހައުސްތަކާ ގެސްޓުން ގެނައުމުގެ ވިޔަފާރީގައި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރިސޯޓުތަކުން މުވައްޒަފުން ވަކިކުރަން ޖެހޭ ހިސާބަށް އަދި ވިޔަފާރި ދަށަށް ނުދާ ކަމަށެވެ. އެގޮތުން ވިޔަފާރީގެ ފައިދާގެ ގޮތުގައި ވެސް މި އަހަރުގެ މިހާތަނަށް 850 މިލިއަން ރުފިޔާ ދައްކާފައިވާކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ބިޒްނަސް ޕްރޮފިޓް ޓެކްސް ވެސް މަދު ނޫންކަމަށް ނަޝީދު ވިދާޅުވި އެވެ.

"އޭގެ މާނައަކީ ވިޔަފާރިއެއް އަދި ދަށަކަށް ނުދޭ. އަޅުގަނޑަށް އެނގޭ ކުރިއަށް އޮތް ތަނުގައި ދަށަށް ގޮސްދާނެކަން. އެހެން ނަމަވެސް މިވަގުތު ދަށަށް ގޮއްސިކަމަށް ވިދާޅުވެ މުވައްޒަފުންނަށް ދަތިކުރުމަކީ، މުވައްޒަފުންގެ މުސާރަ ކުޑަކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ޒިންމާދާރުކަމާ އެކީގައި ކަން ކުރާ ބޭފުޅަކު ކަން ކުރައްވާނެ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މުވައްޒަފުން ވަކިކުރުމަކީ އެންމެ ފަހުން އަޅަން ޖެހޭ ފިޔަވަޅުކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. އަދި ވިޔަފާރި ދަށްވެ އާމްދަނީ ދަށްވާ މިންވަރަށް ނޫން މިންވަރަކަށް ހަރަދުތައް ކުޑަކުރުމަކީ ވެސް ޒިންމާދާރު ކަމެއް ނޫން ކަމަށެވެ.

"ހަރަދު ކުޑަކުރެއްވުން ބުއްދިވެރިވާން ޖެހޭނީ ނުވަތަ ހަރަދު ކުޑަކުރުން އެކަށީގެންވާނީ އާމްދަނީ ދަށްވި މިންވަރަށް، އާމްދަނީ އަދި އަޅުގަނޑު މި ދަންނަވަނީ އެ މިންވަރަކަށް ރިސޯޓު ތަކަކުން ދަށެއް ނުވެޔޭ. ޓެކްސްގެ އާމްދަނީ ދައްކާގޮތުން އެބަ އެކަން ފާހަގަވޭ،" ނަޝީދު ވިދާޅުވި އެވެ.

ރޯގާގެ ސަބަބުން ދިމާވަމުން އަންނަ ދަތިކަމުން އަރައިގަތުމަށް ކުންފުނިތަކުގެ ފައިދާ އާއި ކުންފުނިތަކުގެ ރިޒާވް އަދި އަމިއްލަ ވިޔަފާރިވެރިންގެ ފައިދާ ވެސް އިގްތިސާދަށް ގެނައުމަށް ނަޝީދު އިލްތިމާސް ކުރެއްވި އެވެ.

"އެ އިގްތިސާދަށް ގެންނަވާ މަގަކީ އެބޭފުޅުންގެ އަމިއްލަ މުވައްޒަފުންނަށް މުސާރަ ދިނުން ކަމުގައި ހައްދަވާ އެމަގުން ކުރިއަށް ވަޑައިގެންނެވުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެން ވެސް އެދޭނެ ގޮތް،" ނަޝީދު ވިދާޅުވި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ފަތުރުވެރިކަން ދަށްވަމުން އަންނާތީ ރާއްޖޭގައި ޓޫރިސްޓު ރިސޯޓު ހިންގާ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ އެހެން ހުރިހާ ޕްރޮޕަޓީއެއް ވަގުތީގޮތުން ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

އެ ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލާނީ މިވަގުތު އެތަންތަނުގައި ތިބި ފަތުރުވެރިން އަނބުރާ ދިއުމުންނެވެ. އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ރިސޯޓުތަކަށް ބުކިންގް ހަދާފައިވާ ހުރިހާ ފަތުރުވެރިންގެ ބުކިންގްތައް ޕެރެޑައިސްއަށް ބަދަލުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

އެނގިފައިވާ ގޮތުގައި މިވަގުތު ކުންފުނީގެ ވަޒީފާގައި ތިބި ރިސޯޓު މުވައްޒަފުންގެ ލީވްގެ ކަންތައް ކްލިޔާ ކުރުމަށް އެމީހުންނަށް ވަނީ އަންގައިފަ އެވެ. ނޯޕޭ ލީވަށް ދިއުން މަޖުބޫރު ނުކުރި ނަމަވެސް، މިހާރު ރިސޯޓުތަކުގެ މުވައްޒަފުން މީހުން ދިރިއުޅޭ ރަށްރަށަށް ދިޔުން މަނާކޮށްފައިވާ މުއްދަތު ހަމަވުމުން، މުވައްޒަފުން މުސާރަ ނުދޭ ގޮތަށް ފޮނުވާލާނެ ކަމަށް އެނގިފައިވެ އެވެ.

ހަމައެއާއެކު ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމާ، އެކަމާ ގުޅޭ ސާކިޔުލާއެއް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކުރައްވާ މުވައްޒަފުންނަށް ވަނީ ފޮނުވައިފަ އެވެ.

އެ ސާކިޔުލާގައި ބުނެފައިވަނީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ޓޫރިޒަމްގެ ސިނާއަތަށް ވަރަށް ބޮޑަށް އަސަރުކޮށް ފަތުރުވެރިން އަންނަވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެހެންކަމުން ކުންފުނި ދަމަހައްޓައި ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަންނަ މަހުން ފެށިގެން މުސާރަތައް ކުޑަކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަަމަށް ސާކިއުލާގައިވެ އެވެ.

އެގޮތުން 10 ޕަސެންޓާ 50 ޕަސެންޓާ ހަމައަށް މުވައްޒަފުންގެ މުސާރަތައް ކުޑަކޮށްފައިވާއިރު، މި ފިޔަވަޅު އަޅަނީ އެެއްވެސް މުވައްޒަފަކު ވަޒީފާ ދޫކޮށްލައިފިނަމަ އެފަރާތްތަކަށް ލިބޭ ގެއްލުން މާބޮޑުވާނެތީ ކަމަށް އެ ސާކިޔުލާގައި ބުނެފައިވެ އެވެ.

comment ކޮމެންޓް