25 ރުފިޔާއަށް ވުރެ ކުޑަނޫން އަގެއްގައި ބޮޑުކަންނެލި ގަންނަނަމަ ލޯނު ދެނީ

ބޮޑު ކަންނެލީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބޭއްވި މަޝްވަރާތަކުގެ ތެރެއިން--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް-19ގެ ސަބަބުން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ކުރިމަތިވެފައިވާ މަސް ގަތުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 25 ރުފިޔާއަށްވުރެ ކުޑަނޫން އަގެއްގައި ބޮޑުކަންނެލި ގަންނަނަމަ ލޯނު ފެސިލިޓީސް ދޭން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ބޮޑު ކަންނެލީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފާއިތުވެދިޔަ ފަސް ދުވަހު، އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނާއި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކާއިއެކު ސިލްސިލާ މަޝަވަރާތަކެއް ބާއްވާފައިވާ ކަމަށެވެ.

އެ މަޝްވަރާތަކުގައި މަސްވެރިންނާއި މަސް ގަންނަ ފަރާތްތަކުގެ ވިޔަފާރި ދެމެހެއްޓުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމިކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިގުނިސްޓްރީން ބުނީ އެ މަޝްވަރާތަކުގައި މިވަތަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ، ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިކަމަށްކަން ފާހަގަކުރެވުނު ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ފިނިކުރި ތާޒާމަހަށް އޮތް ޑިމާންޑު އެތައް ގުނައެއް ދަށްވެގެން ގޮސްފައިވުމާއެކު، މަސްވެރިންނާއި އޮޑިވެރިންގެ އާމްދަނީއަށާއި މަސްވެރިން އަތުން މަސްގަނެ ޕްރޮސެސްކުރާ ފަރާތްތަކުގެ ވިޔަފާރިއަށް އެކަމުގެ ސަބަބުން ހީނަރުކަން އަންނަމުންދާތީ އެކަން އެފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

ބޮޑުކަންނެލީގެ މަސްވެރިންނަށް ދޭ އެހީތައް:

  • ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކުން ގަނޑުކުރިމަހުގެ ގޮތުގައި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކޭޝްފްލޯ ފޯރުކޮށްދިނުމަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ގާއިމުކޮށްދިނުން
  • ލޯނު ފެސިލިޓީގެ ބޭނުން ހިފާ ކުންފުނިތަކުން -/25 ރުފިޔާއަށްވުރެ ކުޑަ ނޫން އަގެއްގައި މަސް ގަތުން
  • ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ތެރެއިން، އިންޖީނު ލޯނު ނުވަތަ އޮޑި ބަނުމަށާއި މަރާމާތަށް ލޯނެއް ނަގައި ދައްކަމުންދާ ފަރާތްތަކުގެ ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ވަކި މުއްދަތެއްގެ ލުޔެއް ހޯދައިދިނުން.

އެ ފިޔަވަޅުތަކުގެ ސަބަބުން، މިހާރު ބޮޑުކަންނެލީގެ މަސްވެރިން ބާނާ މަސް ގަތުމުގައި ކުރިމަތިވެފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އަދި ކޮރޯނާވައިރަހުގެ ނުރައްކަލުން އަރައިގަނެވެންދެން މަސްވެރިންނާއި މަސް ގަންނަ ކުންފުނިތައް ހުއްޓުމަކަށް ނައިސް ހިންގުމަށް މަގުފަހިވެގެންދާނެކަމުގައި ދެކޭކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކޮރޯނާއާއެކު ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ މަސް އެކްސްޕޯޓުކުރާ ޔޫރަޕުގެ ގައުމުތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވާޅުތަކާއެކު މަސް އެކްސްޕޯޓުކުރުން ވަނީ ދަށަށް ގޮސްފައެވެ. އެ ގައުމުތަކުގެ އިގްތިސޯދުވެސް ދަށަށްގޮސްފައިވާ މި ދަނޑިވަޅުގައި މަސްވެރިން ބާނާ މަސްކޮޅު ނުކިރުވޭ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ.

comment ކޮމެންޓް