"ލީގު ނުނިމިއްޖެ ނަމަ ލިވަޕޫލަށް ތަށި ދީގެން ނުވާނެ"

ލިވަޕޫލްގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// ޑެޔަމް ކަލިނިޗް

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު ކުރިއަށް ނުގެންދެވިއްޖެ ނަމަ މިހާރު އެއްވަނައިގައި އޮތް ލިވަޕޫލަށް ތަށި ދިނުމާ ދެކޮޅު ކަމަށް ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި މިހާރު ފުޓުބޯޅަ އެނަލިސްޓެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ އެލަން ޝިއަރާ ބުނެފި އެވެ.

ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެނުނު ކޮރޯނާގެ ވައިރަސް މުޅި ދުނިޔެއަށް ފެތުރިފައިވާ އިރު އެބަލި އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަނީ ޔޫރޮޕުގަ އެވެ. އެއާއެކު ޔޫރޮޕުގެ ފުޓުބޯޅަ ލީގުތައް ވެސް މެދުކަނޑާލާފައިވާ އިރު ބަލި އިތުރަށް ފެތުރޭ ނަމަ ލީގުތައް ކެންސަލް ކުރުމާ ވެސް ގާތް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެހެން ކަމަށްވާ ނަމަ ލީގުތަކުގެ ތަށި ހަވާލުކުރާނެ ޓީމުތައް ކަނޑައަޅާނެ ގޮތެއް ހޯދުމުގެ މަޝްވަރާ ކުރަމުން އަންނަ އިރު އެއްބަޔަކު ބުނަނީ ތަށި ދޭން ޖެހޭނީ މެދު ކަނޑާލި އިރު އެއްވަނައިގައި އޮތް ޓީމުތަކަށް ކަމަށެވެ.

އެކަމަކު ނިއުކާސަލް ޔުނައިޓެޑާއި ބްލެކްބާނަށް ކުރިން ކުޅުނު ޝިއާރާ އެ ޙިޔާލާ ދެކޮޅު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޝިއާރާ ބުނީ ލީގު ކުރިއަށް ނުގެންދެވުނު ނަމަވެސް މިހާރު އެއްވަނައިގައި އޮތް ޓީމަށް ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

"ފަހަރެއްގައި ވެސް މިފަހަރުގެ ލީގު ކުރިއަށް ނުގެންދެވިއްޖެ ނަމަ ލީގުގައި މޮޅުވީ ނުވަތަ ދަށްވީ ކޮންބައެއްކަމެއް ކަނޑައެއް ނޭޅޭނެ. އެހެން ވެއްޖެ ނަމަ މިހާރު އެއްވަނައިގައި އޮތް ލިވަޕޫލް ފިޔަވާ އެހެން ހުރިހާ ޓީމަކަށް އޭގެ ގެއްލުން ދައްކާނެ. އެއީ އިންސާފެއް ނޫން،" ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ޝިއަރާ ބުންޏެވެ.

މީގެ 30 އަހަރު ކުރިން އެންމެ ފަހުން ލީގު ކާމިޔާބު ކުރި ލިވަޕޫލަށް ލީގު ކަށަވަރު ކުރުމަށް ބޭނުންވަނީ ބާކީ ދެ މޮޅެވެ. އަދި ލީގު ކުރިއަށް ގެންގޮސްފި ނަމަ ލިވަޕޫލަށް ތަށި ލިބޭނެ ކަމަށް ޝިއަރާ އިއްތިފާގުވި ނަމަވެސް މެޗުތައް ނުކުޅެ ތަށި ހަވާލު ނުކުރެވޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ލީގުގެ ފިކްސްޗާތައް ފުރިހަމަ ނުވެއްޖެ ނަމަ އެއްވެސް ކުލަބަކަށް ތަށި ނުދެވޭނެ. އަދި ރެލިގޭޓެއް ވެސް ނުކުރެވޭނެ."

comment ކޮމެންޓް