ކޮރޯނާވައިރަސް: ހަރަދުކުޑަކުރަން މަޖިލިސް މެމްބަރުންގެ ކޮއްތު ކަނޑާލަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮއްތު ކަނޑާލަން މަސައްކަތް ފަށައިފި އެވެ.

މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ ކަނޑަން ފިނޭންސް މިނިސްޓަރުގެ އިބްރާހިމް އަމީރު ވަނީ އިއްޔެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

ނަޝީދު އިއްޔެ ވިދާޅުވީ އެއީ މަޖިލީހަށް ކުރެވޭނެ ކަމެއް ކަމަށާއި، އެހެންކަމުން ހަރަދުތައް ކުޑަކުރަން ކުރަން ޖެހޭ ކަންކަން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް އަންގަވާފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ހަރަދުތައް ކުޑަކުރުމަށް މަޖިލީހުގެ ކޮއްތުދަރާ ބޯފެނާ ހުރިހާ އެއްޗެއް ކެނޑުމަށް އީވާ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ދަންނަވައިފިން ކުޑަކޮށް އަޅުގަނޑުމެންނަށް ވެސް ބައްލަވާލައްވައިގެން ކަންޑަވަމުން ގެންދަވައްޗޭ. އަދި ކޮއްތު ކަނޑާލިޔަސް ވެސް ބޯފެން ކޮޅާ އެހެން އެއްޗެހި އަޅުގަނޑުމެންނަށް ލިބޭގޮތަށް ބަހައްޓަވައްޗޭ،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކެއުމާއި ސަޔަށް މަހަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާކަމަށް ނަޝީދު ވަނީ މީގެކުރިން ހާމަކުރައްވައިފަ އެވެ.

ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކު މަޖިލީހުގެ ކޮއްތަށް، ކޮންމެ މެމްބަރަކަށް ދުވާލަކު 159.88 ރުފިޔާ ހަރަދުވެ އެވެ.

މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، މެމްބަރުންގެ ކޮއްތަށް ދުވާލަކު 13،909.56 ރުފިޔާ ހަރަދު ވާނެ އެވެ.

އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ ހަފްތާ އަކު ތިން ދުވަހު އެވެ. އެއީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. އެހެންކަމުން މަހަކު 12 ޖަލްސާ ބާއްވާނަމަ، މަޖިލިސް މެމްބަރުންގެ ކެއުމަށް މަހެއްގެ މައްޗަށް މަދުވެގެން 166،914.72 ރުފިޔާ ހަރަދު ވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސައިފޮދާއި ފަރިއްކޮޅުގެ ކަންކަން ކުރިއަށް ގެންދަނީ ބިޑް އުސޫލުން އިއުލާންކޮށްގެން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެންނެވެ. އެކަމަކު އެއީ ކޮން ފަރާތެއް ކަމެއް މަޖިލީހުން ހާމަކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ ހަރަދުތައް ކުޑަކުރަން އަންގާފައި ވާއިރު، ރައްޔިންތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 20 ޕަސަންޓު އުނިކޮށްދޭން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުުން އިއްޔެ ވަނީ އެދިފައެވެ.

ރައްޔިންތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާއެވެ. މުސާރައިގެ 20 ޕަސަންޓަކީ، 8،500 އެވެ. މަޖިލީހުގެ 87 މުސާރައިގެ 20 ޕަސަންޓަކީ ޖުމްލަ 739،500 ރުފިޔާއެވެ.

މުސާރައިގެ އިތުރަށް މެމްބަރުންނަށް 40،000 ރުފިޔާއާ ހަމައަށް އެލަވަންސްވެސް ލިބެއެވެ. އެއީ 20،000 ރުފިޔާގެ ލިވިންގް އެލަވަންސާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއެވެ. އޭގެ ތެރެއިން ކޮމިޓީ އެލަވަންސަކީ މެމްބަރުގެ ކޮމިޓީ ހާޒިރީއަށް ބަލާފައި ދޭ އެލަވަންސެކެވެ.

ރައްޔިންތުންގެ މަޖިލީހުގެ ގަވައިދުގެ 272 މާއްދާގައި ބުނެފައިވަނީ، މެންބަރެއްގެ މުސާރައާއި އިނާޔަތްތައް ކެނޑުމަށް ގޮތެއް ނިންމުމުގައި ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަޖިލީހުގެ ތިންބައިކުޅަ ދެބައި ގެ އަގްލަބިއްޔަތުން ފާސްކުރަންވާނެ ކަމަށެވެ.

comment ކޮމެންޓް