ކަރަންޓީނު ކުރި ކުޑަކުއްޖާ އާއި މައިންބަފައިންނަށް ހިލޭ ޗުއްޓީއެއް!

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވ. ތިނަދޫއިން ކަރަންޓީނު ކުރި ކުއްޖާއާ އެ ކުއްޖާގެ މައިންބަފައިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ވ. ތިނަދޫގައި ހުއްޓާ ކޮރޯނާވައިރަސް، ކޮވިޑް-19އަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރި ކުޑަކުއްޖާއާއި އެ ކުއްޖާގެ މައިންބަފައިންނަށް ހިލޭ ޗުއްޓީއެއް ދޭން ޓޫރިޒަމް މިނިސްޓްރީއިން ނިންމައިފި އެވެ.

ކޮރޯނާވައިރަސްއަށް ޝައްކު ކުރެވިގެން އިޓަލީގެ ދެމަފިރިއަކާއި އެ އެމީހުންގެ ދަރިފުޅު ވިލިވަރުގައި ކަރަންޓީނު ކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ އަނެއް ދުވަހު އެ ކުއްޖާ ވައިރަހަށް ޕޮޒިޓިވް ނޫންކަން ޓެސްޓުން ވަނީ ދައްކައިފަ އެވެ.

އެ ކުއްޖާއާއި އެ ކުއްޖާގެ މައިންބަފައިންނަށް އަންނަ އަހަރު ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދިނުމަށް ޓޫރިޒަަމް މިނިސްޓްރީއިން މިއަދު ވަނީ ނިންމައިފަ އެވެ.

އެ ކުޑަކުއްޖާގެ އާއިލާއިން އެދޭ ކޮންމެ ތާރީހެއްގައި ރާއްޖޭގެ ކޮންމެ ރިސޯޓަކުންވިޔަސް އެ ޗުއްޓީ ހަމަޖައްސައިދޭނެ އެވެ.

އެ އާއިލާ އަނބުރާ ގައުމަށް ފުރުވާލީ މިއަދު އެވެ. ފުރުވާލުމުގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އެ އާއިލާއާ ބައްދަލުކުރައްވައިފަ އެވެ. އަދި ހަދިޔާއެއްގެ ގޮތުގައި ހާއްސަ މެސެޖެއް ލިޔެފައިވާ ކުޑަކުޑަ ދޯންޏެއް ދިނެވެ.

comment ކޮމެންޓް