100 މިލިއަންގެ ލޯނު ފެސިލިޓީއަކާއެކު މަސްވެރިންގެ ލޯނުތަކަށް ލުޔެއް

ކޮރޯނާ ވައިރަސްގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުންތަކަށް ހައްލު ހޯދައިދިނުމަށް ފިޝަރީޒް މިނިސްޓްރީ އިން ނިންމައިފިއެވެ.

އެ މިނިސްޓްރީ އިން ބުނީ މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އޮޑިދޯނިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ދޫކޮށްފައިވާ ލޯނުތަކަށް ލުޔެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ގަންނަ ކުންފުނިތަކަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ކޮރޯނާގެ ސަބަބުން ބޮޑުކަންނެލީގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެ މިނިސްޓްރީ އިން މިއަދު ވަނީ މަސް އެކްސްޕޯޓްކުރާ ފަރާތްތަކާއި މަސްވެރިންނާއި މަޝްވަރާކޮށްފައެވެ.

https://twitter.com/MoFMRAmv/status/1239538280674160640

މިނިސްޓްރީ އިން ބުނީ މި މަޝްވަރާތަކުގައި މަސްގަތުމަށް ވަގުތީ ހައްލެއް ހޯދިފައިވާ ކަމަށެވެ.

ކޮރޯނާ އާއެކު ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ މަސް އެކްސްޕޯޓުކުރާ ޔޫރަޕުގެ ގައުމުތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވާޅުތަކާއެކު މަސް އެކްސްޕޯޓު ކުރުން ވަނީ ދަށަށް ގޮސްފައެވެ. އެ ގައުމުތަކުގެ އިގްތިސޯދުވެސް ދަށަށްގޮސްފައިވާ މި ދަނޑިވަޅުގައި މިއާއެކު މަސްވެރިން ބާނާ މަސްކޮޅު ނުކިރުވޭ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން އިގްތިސޯދާ ބެހޭ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އިންޓްރެސްޓް ރޭޓުތައް ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަކީ މި ދަނޑިވަޅުގައި ވިޔަފާރިތައް ހިންގުން ޔަގީން ކުރަން މުހިންމު ކަމެއް ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭނުންވާ ފަދަ ރޭޓުތަކާއި ކޮންޑިޝަންތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް