ބިލް ފާސްވުމުން މަތީ ތައުލީމުގެ ގިނަ މައްސަލަތައް ހައްލުވާނެ: މިނިސްޓަރު

ފެބްރުއަރީ 17، 2020: މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

މަތީ ތައުލީމާ ބެހޭ ބިލް ފާސްވުމުން ރާއްޖޭގެ މަތީ ތައުލީމްއަށް ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލުވެގެންދާނެކަމަށް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވީ މަތީ ތައުލީމުގެ ކަންތައްތައް އޮތީ ވަރަށް ބޮޑަށް ރެގިއުލޭޓް ނުކުރެވި ކަމަށެވެ.

"އެހެންވީމާ މިހާރު މިޖެހެނީ ގާނޫނުން ބާރު ހޯދައިގެން ރަނގަޅުކުރުމަށްޓަކައި މަސައްކަތް ކުރަން. މި ސަރުކާރުން އެ މަސައްކަތް ކުރާކަށް ޖެހިލުމެއް ނުވާނެ. އެ ބިލް ރަނގަޅަށް ފަރުމާވެގެން ދިޔައީމަ އަޅުގަނޑުމެންގެ ރާއްޖޭގެ މަތީ ތައުލީމަށް ދިމާވެފަިއވާ ގިނަ މައްސަލަތައް ހައްލުވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތައުލީމާ ބެހޭގޮތުން ހުށަހެޅި ބިލް މިހާރު އޮތީ ކޮމެޓީ މަރުހަލާގަ އެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ދިވެހި ރާއްޖޭގެ މަތީ ތައުލީމާ ބެހޭ ބިލަށް ވީހާ ގިނަ ފަރާތްތަކުގެ ހިޔާލު ބޭނުންވާ ކަމަށާއި އެބިލަަށް އަދިވެސް ހިޔާލު ފޮނުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅި ބިލުގައި މަތީ ތައުލީމު ދޭ މަރުކަޒުތައް މޮނީޓާކޮށް އެ ތަންތަނުގެ ފެންވަރު ހިފެހެއްޓުމަށާއި ދިރާސާ ކުރުމާއި އަދި އެކި ޓްރެއިނިންތައްތައް ކުރިއަށްދާނެ ގޮތްތައް ހިމެނެ އެވެ.

comment ކޮމެންޓް