މި ދަނޑިވަޅުގައި މާލީ ދާއިރާ އިސްލާހުކުރާނަން: ފައްޔާޒު

މިނިމަން ވޭޖްއާ ބެހޭގޮތުން ހިޔާލު ހޯދަން ބޭއްވި ޖަލްސާގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ އިގްތިސާދު މިހާރު މިއޮތް ހާލަތުގައި މާލީ ދާއިރާ އިސްލާހު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާއަށް މަޑުޖެހުން އައިސްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިވަގުތު ބޭންކުތަކުގެ ބާރުތައް ކުޑަކޮށް، މާލީ ދާއިރާ އަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަން މިއީ ރަނގަޅު ދަނޑިވަޅެއް ކަމަށެވެ. އެކަން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އިގްތިސާދަށް އޮތް އެންމެ ބޮޑު ނުރައްލަކީ ފައިނޭންޝަލް ދާއިރާ އޮތް ހާލަތު. މި ދަނޑިވަޅުގެ ބޭނުންކޮށްގެން ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރާނަން،" އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް، ބޭންކް ލޯނުގެ އިންޓްރެސްޓް ރޭޓު ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ފައްޔާޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ފައްޔާޒު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޓްރެސްޓް ރޭޓުތައް ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަކީ މި ދަނޑިވަޅުގައި ވިޔަފާރިތައް ހިންގުން ޔަގީން ކުރަން މުހިންމު ކަމެއް ކަމަށެވެ.

އޭގެ ސަބަބުން ވަޒީފާގައި މީހުން ބޭތިއްބުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ވިޔަފާރިތައް އިނދަޖެހުނަ ނުދީ ދެމެހެއްޓުމަށްޓަކައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

https://sun.mv/133048

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭނުންވާ ފަދަ ރޭޓުތަކާއި ކޮންޑިޝަންތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތްތަކުގެ ތަފްސީލެއް އަވަސް މުސްތަގްބަލެއްގައި ދެއްވާނެ ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން ބައެއް ރިސޯޓުތަކުން މުވައްޒަފުން މަދު ކުރަމުންދާއިރު ބައެއް ރިސޯޓުތަކުގެ މުވައްޒަފުންނަށް ނޯޕޭ ދިނުމަށްފަހު ރިސޯޓު ބަންދުކުރަންވެސް ވަނީ ނިންމައިފަ އެވެ.

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަނ ޓޫރިޒަމް ސެކްޓާ އިނދަޖެހިފައިވާއިރު ކޮރޯނާވައިރަސްއާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް މިއަހަރުގެ ތެރޭގައި 22.8 ޕަސެންޓް ދަށަށް ދާނެ ކަމަށެވެ. މިދިޔަ ޖަނަވަރީ 26އިން ފެށިގެން މިހާތަނަށް 161،740 ބެޑްނައިޓް ކެންސަލްވެފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް