އާ ސީޕްލޭން ޓާމިނަލާ ގުޅޭ މަޝްވަރާތައް ކުރީ ބޯޑުގެ ލަފަޔާ އެއްގޮތަށް: އާދިލް

އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުން-- ފޮޓޯ/މަޖިލިސް

ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން ނިންމީ އަމިއްލައަށް ހިންގަން ކޭޝްފްލޯގައި ދަތިތަކެއް ހުރުމުން ކަމަށާއި އެކަމާ ގުޅޭ މުއާމަލާތްތައް ކުރިއަށްދިޔައީ ބޯޑުގެ އެންގުންތަކާ އެއްގޮތަށް ކަމަށް އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެއްޖެ އެވެ.

ސީޕްލޭން ޓާމިނަލް މައްސަލައިގައި ސުވާލު ކުރުމަށް މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރުމުން އާދިލް ވިދާޅުވީ ބޯޑުގެ ލަފަޔާ ނުލައި އެމްޑީގެ ހައިސިއްޔަތުން މިކަމުގައި އެއްވެސް ނިންމުމެއް އަމިއްލައަށް ނިންމަވާފައި ނުވާނެ ކަމަށެވެ.

"އެ ދުވަސްވަރު އެމްއޭސީއެލްއިން އިކުއިޓީ ފައިސާގެ ވަރަށް ބޮޑު އަދަދެއް ޑިވެލޮޕްމަންޓަށް ދައްކަން ޖެހުނު، ހަމައެއާއެކު ޖީއެމްއާރަށް ބަދަލު ވެސް ދޭން ޖެހުނީ އެ ދުވަސްވަރު. އެހެންވެ ކޭޝްފްލޯގެ ދަތިތަކެއް ހުރި. އެ ދަތިތަކާ ހުރެ އެވަގުތު ވިސްނުނީ އަމިއްލައަށް ހިންގުމުގެ ބަދަލުގައި ކުއްޔަށް ދީގެން ހިންގަން. އެނިންމުން ނިންމާފައި އޮންނާނީ މެނޭޖްމަންޓުން ހުށަހެޅި ޕޭޕަރަކަށް ބޯޑުން މަޝްވަރާކޮށް، ބޯޑުން ލަފާދިން ގޮތަކަށް،" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށްޓަކައި އަށް މިލިއަން ރުފިޔާ ހޯދުމަށް ޓީއެމްއޭގައި އެދުނު ކަމަށާއި ނަމަވެސް އެފައިސާ ޓީއެމްއޭއިން ނުލިބުމުން ފަހުން އެކަން ހަމަޖެއްސީ ބޭންކުން ލޯނެއް ނަގައިގެން ކަމަށެވެ.

ޓާމިނަލް ކުއްޔަށް ދޭން ނިންމިއިރު އިތުރު އެއްވެސް ގޮތަކަށް ނުވަތަ އެއަށްވުރެ އެމްއޭސީއެލްއާއި ދައުލަތަށް ފައިދާވާނެ ގޮތަކަށް އެކަން ކުރަން ވިސްނާފައިވޭތޯ ކޮމެޓީގެ މެމްބަރުން ސުވާލު ކުރުމުން އާދިލް ވިދާޅުވީ އޭރު ކުންފުނީގެ ހާލަތު ހުރި ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިޔައީ ހަމައެކަނި ކުއްޔަށް ދޭ މޮޑެލްއަށް ކަމަށެވެ.

އެގޮތުން އިތުރު ގޮތަކަށް ޓާމިނަލް ކުއްޔަށް ދޭން އެއްވެސް ހިސާބެއް ހަދާފައި ނޯންނާނެ ކަމަށާއި ބޯޑުންނާއި މެނޭޖްމަންޓުން މަޝްވަރާއެއްވެސް ކޮށްފައިނުވާނު ކަމަށް އާދިލް ވިދާޅުވި އެވެ.

"އެހެންވެ އޭރު ހަމައެކަނި މަޝްވަރާކުރީ، އޭރު އޮތް ހާލަތަށް ބަލާފައި ޓާމިނަލް ހަދާފައި، އައިލެންޑް އޭވިއޭޝަނަށާއި ޓީއެމްއޭއަށް ސްޕޭސް ކުއްޔަށް ދޭން. އިތުރު ގޮތަކަށް ހިސާބުތަކެއް ހެދިފައި ނެތީމަ، އަދި ހިސާބު ހަދަން މަޝްވަރާވެސް ކޮށްފައި ނެތީމަ އޭރު ހުރި ހިސާބުތަކަށް ބަލައިފިއްޔާ އަޅުގަނޑު ދަންނަވާނީ އެއީ ގެއްލުން ހުރި ގޮތެއް ނޫނޭ." އާދިލް ވިދާޅުވި އެވެ.

އާދިލްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މާލިއްޔަތު ކޮމެޓީގެ މެމްބަރުން ވިދާޅުވީ މި މައްސަލައިގައި އެމްއޭސީއެލްގެ ފަރާތުން ހާޒިރު ކުރި ބޭފުޅުންނާއި ކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބައެއް މެމްބަރުންގެ ވާހަކަތަކުން އެނގެނީ މިއީ ބޯޑުގެ ލަފަޔާ ނުލައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

މީގެ ކުރިން އެމްއޭސީއެލްގެ ކޮމާޝަލް ޖެނެރަލް މެނޭޖަރު ހުސައިން ފަޒީލް މާލިއްޔަތު ކޮމެޓީގައި ވިދާޅުވީ ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭގޮތުން ކުންފުނީގެ ބޯޑަށް ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައި ރެންޓަލް ރޭޓު ނަގާނެ ފަސް ސިނާރިއޯ އެއް ހުށަހެޅުއްވި ކަމަށެވެ. އަދި ކުންފުންޏަށް ގެންލުންވާނެ ގޮތަކަށް އެއްވެސް ހުށަހެޅުމެއް ހުށައަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާ ޓާމިނަލްއާ ގުޅޭ މުއާމަލާތްތައް ޓީއެމްއޭއާއެކު ކޮށްފައިވާނީ އާދިލްއާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ.

https://sun.mv/131757

ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދިނުމާ ގުޅޭ މަޝްވަރާތައް ސިޓީގެ ޒަރިއްޔާ އިން ބަދަލުކޮށްފައިވާއިރު އެ ސިޓީތަކުގައި ސޮއިކޮށްފައިވަނީ ވެސް ފަޒީލްއެވެ.

މިކަމާ ގުޅޭގޮތުން މިއަދު ކޮމެޓީގައި އާދިލްއާ ސުވާލު ކުރުމުން އާދިލް ވިދާޅުވީ ހުރިހާ މުއާމަލާތެއްވެސް ކުރިއަށް ގެންގޮސްފައިވާނީ ބޯޑުގެ ލަފަޔާ އެއްގޮތަކަށް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ސިޓީ ތައްޔާރުކުރާނީ ބޯޑުގެ ނުވަތަ ކޮންމެވެސް ލިޔުމެއް ލިބިގެންނޭ [ޑިޕާޓްމަންޓް ހެޑަކަށް ވެސް އެއްޗެއް ފޮނުވޭނީ]. ސިޓީ ފޮނުވިއިރު މިއަށް ރިފާކުރާނެ ކޮންމެވެސް ލިޔުމެއް އޮންނާނެ. އެމްޑީ ވަކި ގޮތަކަށް ބުނެފިއްޔާ ލިޔުމެއް އޮންނާނެ ނޫނީ ބޯޑުގެ ލިޔުމެއް އޮންނާނެ. އެއްވެސް އެއްޗެއް ނެތި، ހުސައިން ފަޒީލު މި ސިޓީ ފޮނުވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ޓާމިނަލް ހިންގަން ކުއްޔަށް ދޭން މަޝްވަރާކުރި ނަމަވެސް މުޅި ޓާމިނަލް ވަކި ބަޔަކަށް ދޭން އެއްވެސް އިރެއްގައި މަޝްވަރާ ނުކުރާ ކަމަށެވެ.

އޭރު ސީޕްލޭން އޮޕަރޭޝަންސް ހިންގަމުން ދިޔައީ އައިލެންޑް އޭވިއޭޝަނާއި ޓީއެމްއޭއިން އެކަނި ކަމަށްވުމުން ޓާމިނަލުން ޖާގަ ކަނޑައަޅާނެ ގޮތަކާ މެދު މަޝްވަރާ ކުރީ އެ ދެ ކުންފުންޏާއެކު އެކަނި ކަމަށް އާދިލް ވިދާޅުވި އެވެ.

ޖާގަ ކަނޑައެޅުމުގައި ދެ ކުންފުންޏަށް ލިބުނު ޖާގައިގެ ތަފާތަކީ ދެ ކުންފުނީގެ އޮޕަރޭޝަންތަކުގެ ބޮޑު މިނަށް ބެލުމަށްފަހު އައި ތަފާތެއް ކަމަށާއި ޖާގަ ކަނޑައެޅުމުގައި މަޝްވަރާކުރީ މުސްތަގްބަލުގައި އޮޕަރޭޝަންތައް ކުރިއަށްދާނެ ގޮތަށް ބަލާފައި ކަމަށް އާދިލް ވިދާޅުވި އެވެ.

"އޭރު އޮޕަރޭޓުކުރި ފަރާތްތަކާއި އަދި އެއް ބަޔަކަށް އޮޕަރޭޓު ކުރެވޭ ގޮތަށް ކޮންމެވެސް ވަރެއްގެ ސްޕޭސްއެއް އޮންނަ ގޮތަށް އެތަން ޑިޒައިންކުރީ. ފުރަތަމަ ދުވަހުން ފެށިގެން ވެސް ޑިޒައިން ކޮށްފައި އޮތީ ކޮމަން ޓާމިނަލްއެއް ގޮތުގައި، ދެން އޭރު ސީޕްލޭން އޮޕަރޭޓު ކުރަމުންދިޔަ ޓީއެމްއޭގެ އޮޕަރޭޝަންތަކަކީ އައިލެންޑް އޭވިއޭޝަނަށް ވުރެ 80 ޕަސެންޓު ބޮޑު އޮޕަރޭޝަނެއް." އާދިލް ވިދާޅުވި އެވެ.

comment ކޮމެންޓް