އަލަށް ލައިސެންސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި

ޓްރެފިކް ފުލުހުން މަގު ބަލަހައްޓަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުރަތަމަ އަލަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ކަންކަން މެދުކަނޑާލައިފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެ އޮތޯރިޓީން ދެމުން ގެންދާ ހިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާން ދިނުމުގެ ހިދުމަތާއި އެ ހިދުމަތާ ގުޅުންހުރި އެހެން ހިދުމަތްތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެ ހިދުމަތްތައް މެދުކަނޑާލާނީ މާދަމާއިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ.

އެހެންކަމުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ޑްރައިވިންގ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް މާދަމާއިން ފެށިގެން ކުރިއަށް އޮތް 14 ދުވަހަށް ހިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލާނެއެވެ.

ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މީހުން ތަންތަނަށް އެއްވެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

އަދި ކޮރޯނާވައިރަސްއަކީ ފަސޭހައިން ގައިންގަޔަށް އަރާ ރޯގާއަކަށްވެފައި އެ ރޯގާ ރާއްޖޭގައިވެސް ފެތުރެމުންދާތީ، އެ ރޯގާ ފެތުރުން ކުޑަކުރުމަށާއި، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ އޮފީސްތަކުގައި އަޅަންވީ ފިޔަވަޅުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިވިލް ސާވިސް ކޮމިޝަނާ ހިއްސާކުރައްވައިފައެވެ.

އެގޮތުން ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެން ހިދުމަތް ދެވޭނެގޮތުގެ ޕްލޭނެއް އެކުލަވާލަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް