ކޮރޯނާވައިރަސް: ރާއްޖެއިން ޕޮޒިޓިވްވި ގިނަ މީހުންނަކީ އިޓަލީ މީހުން

މަބްރޫކު: ޕޮޒިޓިވްވި މީހުންގެ ގައުމުތައް އޭނާ ވަނީ ހާމަކުރައްވާފައި -- ސަން ފޮޓޯ/ އަހްމަދު ސައީދު

ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީ މީހުން ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

މިހާތަނަށް ރާއްޖޭގެ ހަތަރު ރިސޯޓަކާއި އެއް ސަފާރީން ޖުމްލަ 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ދަރުބާރު ގޭގައި ގާއިމުކޮށްފައިވާ ނޭޝަނަލް އެމެޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ޕޮޒިޓިވްވި މީހުންގެ ގައުމުތަށް ފުރަތަމަ ފަހަރަށް ހާމަކުރައްވައިފަ އެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީ މީހުން ކަމަށް މަބްރޫކު ވިދާޅުވި އެވެ. ދެން ޕޮޒިޓިވްވެފައި ވަނީ، ސައުތު އެފްރިކާ، ޖަރުމަން، އިނގިރޭސީވިލާތް އަދި ތުރުކީއިން ކޮންމެ ގައުމަކުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

"ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަ ފިރިހެނުންނާއި ހަތް އަންހެނުން ހިމެނޭ،" މަބްރޫކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ތެރެއިން ނުވަ މީހަކު ތިބީ ފަރުކޮޅުފުށީގައި ހަދާފައިވާ ކަރަންޓީނު ފެސިލިޓީގައި ކަމަށެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން ދުވަސްވެފައިވާ ދެ މީހަކު އިތުރު ފަރުވާއަށް، އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ އައިސީޔޫ ޔުނިޓްގައި ތިބި އިރު، ދެ މީހަކު އައިލެންޑް ސަަފީރީ-1 ގައި ބައިތިއްބާފައި އެބަތިބި ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ފެތުރިގެން ދިޔައީ ކުރެއްދޫއަށް އައި އިޓަލީގެ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އެ މީހާ ވައިރަހަށް ޕޮޒިޓިވްވި ކަން އެނގުނީ އޭނާ ފުރައިގެން ދިޔަފަހުންނެވެ. އެކަން ފެންމަތިވުމާއެެކު ސަރުކާރުން ވަނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޓަލީން ފަތުރުވެރިން އައުން މަނާކޮށްފަ އެވެ. އޭގެ ފަހުން، ކުރެއްދޫ އިން ފަސް މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާ ނުހިމެނޭ އިރު، ސަރުކާރުން މިދިޔަ ޖެނުއަރީ މަހު 30 ވަނަ ދުވަހު ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ސީދާ ފުލައިޓުތައް ހުއްޓާލި އެވެ. އަދި ފެބްރުއަރީ ދޭއްގައި އެގައުމުން މީހުން އައުންވެސް މަނާކުރި އެވެ.

ސަރުކާރުން ވަނީ ބައެއް އެހެން ގައުމުތަކުންވެސް މީހުން އައުން މަނާކޮށްފަ އެވެ. އެގޮތުން އީރާން އާއި ސްޕެއިން އިން މީހުން އައުން މަނާކުރި އެވެ. އޭގެ އިތުރުން ދެކުނު ކޮރޮއާގެ ދެ ސަރައްހައްދަކާއި ފްރާސްން އަދި ޖަރުމަނުގެ ބައެއް ސިޓީތަކުންވެސް ވަނީ މީހުން އައުން މަނާކޮށްފަ އެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އިޓަލީ ހިމެނޭ އިރު، މިހާރު އެ ގައުމު ވަނީ ބަންދުކޮށްފަ އެވެ. ޗައިނާ ފިޔަވާ ކޮރޯނާވައިރަސް ޖެހި އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް އިޓަލީންނެވެ. މިހާތަނަށް އެގައުމުން 24,700 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، 1,800އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް