ސްކޫލްތައް އިތުރު ހަފްތާއަކަށް ބަންދުކުރަން ނިންމައިފި

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ސްކޫލްތައް ހުޅުވުން އިތުރު ހަފްތާއަކަށް ފަސްކުރާ ގޮތަށް ސަރުކާރުން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސްކޫލުތަކުގައި މި ހަފްތާ އެއްކޮށް ކިޔެވުން ބަންދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަންނަ ހަފްތާގައިވެސް ސްކޫލުތައް ބަންދުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ހަމައެއާއެކު ސްކޫލުތައް ބަންދުކޮށްފައިވާ ހާލަތުގައި ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާ ކިޔަވައިދޭ ކްލާސްތައް މެދުކަނޑާލަން ވެސް މިއަދު ވަނީ އަންގައިފައެވެ.

ސްކޫލުތަކާއެކު ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީންދޭ ތަންތައް ބަންދުކުރަންވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު އަންގާފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ކޮލެޖުތަކާއި ޔުނިވާސިޓީތައް ދެ ހަފްތާއަށް ބަންދުކުރުމަށް އަންގާ ކަމަށެވެ.

"މިކަމާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން މިކަން ތަންފީޒުކުރުމަށް ދަންވަމެވެ." އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

ދެ ހަފްތާއަށް ސްކޫލުތަކާއި ޔުނިވާސިޓީ އަދި ކޮލެޖުތައް ބަންދުކޮށްފައިވާއިރު އެ ފަރާތްތަކުން ދަނީ އޮންލައިންކޮށް ކްލާސްތައް ނަގައިދޭނެ ގޮތްތަކެއް ކަނޑައަޅައި ތަންފީޒުކުރަމުންނެވެ.

އެގޮތުން ގްރޭޑް އެކަކުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވާ ދަރިވަރުންނަށް ޔޫޓިއުބް އަދި ޔެސް ޓީވީ ފަދަ ހިދުމަތްތައް މެދުވެރިކޮށް ފިލާވަޅުތައް ނަގައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުންޏެވެ.

ޔުނިވާސިޓީގެ ކްލާސްތަކާއި ކިޔެވުންތައް މޫޑްލް އަދި އިންޓަނެޓް މެދުވެރިކޮށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

comment ކޮމެންޓް