ކޮރޯނާވައިރަސް: ސަރުކާރުގެ ފިޔަވަޅުތަކަށް ނަޝީދުގެ ތައުރީފް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން ގެންދަނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެ، ވައިރަހާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ތައުރީފު ކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު ނަޝީދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކާއި ގެންގުޅޭ ސިޔާސަތު ރޭ އެމަނިކުފާނު ސާފުކުރައްވާފައިވާ ކަމަށެވެ.

މަޖިލީހުގެ އާއްމު ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީން ރޭ ވަނީ އެޗްޕީއޭ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ އިތުރުން ޑަބްލިއުއެޗްއޯގެ ބައެއް އޮފިޝަލުންނާއެކު، ބައްދަލުވުމެއް ބާއްވައިފަ އެވެ.

ނަޝީދު ވިދާޅުވީ އެ ބައްދަލުވުމުގައި މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރައްވާފައިވާ ކަމަށެވެ.

ރާއްޖެ އިން ކޮރޯނާވައިރަސް ފެނުމުގެ ކުރިން، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަދި އެ ވައިރަސް ޖެހިފައިވާ މީހަކު ފެނުނަސް ރަށްރަށް ކަރަންޓީން ކުރުމާ ވެސް ދެކޮޅު ހެއްދެވި ނަޝީދު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ، ސަރުކާރުން އަމަލު ކުރަމުންދާ ކަންކަމުގެ މައުލޫމާތު އެމަނިކުފާނު ރޭ ހޯއްދަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނުނީ ރޭގައި ސަރުކާރުގެ ސިޔާސަތު ވަރަށް ހަރުދަނާ ކަމަށް. ސަރުކާރުން މިހާރު އެ ގެންނަވާ ކޮންޓްރޯލް ތަކަކީ ސަރުކާރުން އަންދާޒާ ކޮށްފައިވާ މިންވަރަކަށް މިކަން ދާނެ ކަމަށް ދެކި އެކަމަށް ތައްޔާރުވެ ތިބެ، ގެންނަވާ ކޮންޓްރޯލްތަކެއް،" ނަޝީދު ވިދާޅުވި އެވެ.

މީގެކުރިން ނަޝީދު ވަނީ ކޮރޯނާވައިރަހާ އާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުން ފަތުރުވެރިން އައުން މަނާކުރަން ސަރުކާރުން ނިންމުމުން ނަޝީދު ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. އަދި އިންތިހާބު ފަސްކުރުމާ ދެކޮޅަށް ވެސް ނަޝީދު ވާހަކަ ދެއްކެވި އެވެ.

ނަމަވެސް ނަޝީދު މިއަދު ވިދާޅުވީ ރާއްޖޭގައި ކޮރޯނާވައިރަސްއާ ފެތުރިގެންދާ ގޮތާ ގުޅޭ އެޕިޑެމިއޮލޮޖިކަލް އެސެސްމަންޓެއް ހަދާފައިވާ ކަމަށާއި އެ ސާވޭއާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅަމުންދާ ދިއުމާ ގުޅޭގޮތުން މަޖިލީހުން ކަންކަން ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފާހަގަވީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފަޔާ އިރުޝާދުގެ މަތިން ސަރުކާރުގެ ހިކުމަތަކީ ރޯގާ އެއް ފަހަރާ އިންތިހާއަށް އިތުރުވިޔަ ނުދީ ރޯގާ ފެތުރޭ މުއްދަތު ދިގު ދެމިގެންދާނެ ގޮތަކަށް ސަރުކާރުގެ ކަންކަން ބެހެއްޓުން. ސަރުކާރުގެ ކޮންޓްރޯލްތައް ވެސް ބެހެއްޓުން،" ނަޝީދު ވިދާޅުވި އެވެ.

މައިމޫނާއާ ހަވާލާދެއްވާ ނަޝީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެއްފަހަރާ ބަލި ޖެހޭ މީހުންގެ އަދަދު އުފުލިގެންދާ މިންވަރު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ބޭނުންވާނެ ކޮންޓްރޯލްތައް ގާއިމުކުރުން ކަމަށެވެ.

އެގޮތުން ޕަބްލިކް ހެލްތުގެ ޑިރެކްޓާ ޖެނެރަލް ސަރުކާރަށް ތިން ގޮތެއް ހުށަހަޅާފައިވާ ކަމަށާއި، ފުރަތަމަ ގޮތަކީ މީހުން އެކަހެރި ކުރުމާއި، އެހެނިހެން ކޮންޓްރޯލްތައް އެއްވެސް މިންވަރަކަށް ނުބޭއްވުން ކަމަށެވެ.

ދެވަނަ ގޮތަކީ މެދު މިންގަނޑެއްގައި ސޯޝަލް ޑިސްޓެންސިން ގެންގުޅުން ނުވަތަ އެކަހެރިވުން ކަމަށާއި ތިން ވަނަ ގޮތަކީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުން ކަމަށެވެ.

އަދި އެ ތިން ގޮތުގެ ތެރެއިން ސަރުކާރުން ހިޔާރުކޮށްފައި ވަނީ މެދުމިނުގެ ރާސްތާއެއްކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރުން ހިޔާރުކުރާނީ ރާއްޖެއާއި ދިވެހި ރައްޔިތުންނަށް އެންމެ ބުއްދިވެރި ނިންމުން ކަމަށެވެ. އެ ނިންމުން ވާންވާނީ ރާއްޖޭގެ އިގްތިސާދާއި އިޖުތިމާއީ ކަންކަމަށްވެސް އެންމެ ރަނގަޅު ނިންމުމަށް ކަމަށް ވިދާޅުވި އެވެ.

"ސަރުކާރަށްވެސް އަޅގަނޑުމެންނަށް ފާހަގަކުރެވުނު ގޮތުގައި މާ ސާފުކޮށް އެނގޭ ވަރަށް ހަރުކަށި ކޮންޓްރޯލް ގެނެއްސިއްޔާ ބަލި ކުއްލިއަކަށް ފެތުރިގެންދާ މިންވަރު ދަށް ކުރެވިދާނެ ކަމަށް. އެހެން ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު ދިގު މުއްދަތަކަށް ފެތުރިގެން ދާނެ ކަން. އަދި ބޮޑެތި ކޮންޓްރޯލް ގެނައުމަށްޓަކައި، ކޮންޓްރޯލްތަކާއި އެކުގައި ދެން އިގްތިސާދަށާއި އަދި މުޅި ގައުމަށް ވެގެންދާ ގޮތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިވަގުތު ރާއްޖެވެސް ވަނީ ވަރަށް ކަޅު ވިލާގަނޑެއްގެ ދަށުގައި ކަމަށާއި، މިއީ ހުރިހާ ރައްޔިތުން ވެސް ސަރުކާރުން އެއްބާރުލުން ދޭންވީ ވަގުތު ކަމަށެވެ. އަދި މި ހާލަތުން އަރައިގަތުމަށް އޮތް އެންމެ ބުއްދިވެރި ގޮތަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، "އައިލެންޑް ސަފާރީ-1" ނަމަކަށް ކިޔާ ސަފާރީން ޕޮޒިޓިވްވި ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ސަރުކާރުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

comment ކޮމެންޓް