ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ މަގްސަދުގައި ފޮތެއް ނެރެފި

ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ މަގްސަދުގައި މިއަދު ނެރުނު ފޮތް-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން "ސައިބާ ސޭފްޓީ - ބެލެނިވެރިންގެ އަތްމަތީ ފަތް" ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ފޮތެއް ނެރެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.

މިއީ އިންޓަނެޓާއި ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތަކުން ކުރިމަތިވެދާނެ ނުރައްކާތަކަށް ބެެލެނިވެރިން އަހުލުވެރިކުރުމަށާއި، ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް ދަރިވަރުން ހޭލުންތެރިކޮށްދޭނެ ގޮތްތައް ބެލެނިވެރިން އޮޅުންފިލުވައިދުނުމުގެ މަގްސަދުގައި އެކުލަވާލި ފޮތެއްކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާއިރު ދަރިވަރުންގެ އުނގެނުމުގެ ކަންތައް ރާވަފައިވަނީ އިންޓަނެޓްގެ ޒަރިއްޔާއިންއެވެ. އެހެންކަމުން އިންޓަނެޓް ބޭނުންކުރުމުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެޑިއުކޭޝަންގެ މިނިސްޓްރީގެ ޒިންމާއެއްކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ފޮތް ތައްޔާރުކުރުމުގައި މިނިސްޓްރީއަށް ފުލުހުންގެ މުވައްސަސާއިން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއްވެސް ވަނީ ދީފައެވެ.

comment ކޮމެންޓް