ޕެރެޑައިސް ފިޔަވާ ވިލާގެ ހުރިހާ ރިސޯޓެއް ބަންދުކުރަނީ

ޕެރެޑައިސް އައިލެންޑް ރިސޯޓު -- ފޮޓޯ/ ވިލާ ހޮޓެލްސ

ރާއްޖޭގައި ޓޫރިސްޓު ރިސޯޓު ހިންގާ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ އެހެން ހުރިހާ ޕްރޮޕަޓީއެއް ވަގުތީގޮތުން ބަންދުކުރަން ނިންމައިފިއެވެ.

ވިލާ ގްރޫޕުން ހިންގާ ރިސޯޓުތަކަކީ ޕެރެޑައިޒް އައިލެންޑް ރިސޯޓު (ކ. ލަންކަންފިނޮޅު)ގެ އިތުރުން ފަން އައިލެންޑް ރިސޯޓު (ކ. ބޮޑުފިނޮޅު)، ހޮލިޑޭ އައިލެންޑް ރިސޯޓު (އދ. ދިއްފުށި)، ރޯޔަލް އައިލެންޑް ރިސޯޓު (ބ. ހޮރުބަދޫ) އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު ކަމުގައިވާ ސަން އައިލެންޑް ރިސޯޓު (އދ. ނަލަގުރައިދޫ)އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ އެހެން ރިސޯޓުތައް ބަންދުކުރަން ނިންމާފައިވަނީ ކޮރޯނާވައިރަހާ ގުޅިގެން އެ ކުންފުނީގެ މައި ޓޫރިސްޓު މާކެޓުތަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އަޅާފައިވާ ޓްރެވަލް ރިސްޓްރިކްޝަންތަކާ ގުޅިގެންނެވެ. އެ މާކެޓުތަކަކީ ކޮރޯނާވައިރަސް ހަލުއިކަމާއެކު ފެތުރެމުންދާ އިޓަލީއާއި ސްޕެއިންގެ އިތުރުން ޖަރުމަނާއި ފްރާންސްއެވެ.

އެހެން ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލާނީ މިވަގުތު އެތަންތަނުގައި ތިބި ފަތުރުވެރިން އަނބުރާ ދިއުމުންނެވެ. އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ރިސޯޓުތަކަށް ބުކިންގް ހަދާފައިވާ ހުރިހާ ފަތުރުވެރިންގެ ބުކިންގްތައް ޕެރެޑައިސްއަށް ބަދަލުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

https://sun.mv/132820

އެނގިފައިވާ ގޮތުގައި މިވަގުތު ކުންފުނީގެ ވަޒީފާގައި ތިބި ރިސޯޓު މުވައްޒަފުންގެ ލީވްގެ ކަންތައް ކްލިޔާ ކުރުމަށް އެމީހުންނަށް ވަނީ އަންގައިފައެވެ. ނޯޕޭ ލީވަށް ދިއުން މަޖުބޫރު ނުކުރި ނަމަވެސް، މިހާރު ރިސޯޓުތަކުގެ މުވައްޒަފުން މީހުން ދިރިއުޅޭ ރަށްރަށަށް ދިޔުން މަނާކޮށްފައިވާ މުއްދަތު ހަމަވުމުން، މުވައްޒަފުން މުސާރަ ނުދޭ ގޮތަށް ފޮނުވާލާނެ ކަމަށް އެނގިފައިވެއެވެ.

ވިލާގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ރިސޯޓެއް ފިޔަވާ ހުރިހާ ރިސޯޓެއް ވަގުތީގޮތުން ބަންދު ކުރަން ނިންމާފައިވާއިރު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމާ، އެކަމާ ގުޅޭ ސާކިޔުލާއެއް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކުރައްވާ މުވައްޒަފުންނަށް ވަނީ ފޮނުވައިފައެވެ.

އެ ސާކިޔުލާގައި ބުނެފައިވަނީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއާއ ގުޅިގެން ޓޫރިޒަމްގެ ސިނާއަތަށް ވަރަށް ބޮޑަށް އަސަރުކޮށް ފަތުރުވެރިން އަންނަވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެހެންކަމުން ކުންފުނި ދަމަހައްޓައި ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަންނަ މަހުން ފެށިގެން މުސާރަތައް ކުޑަކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަަމަށް ސާކިއުލާގައިވެ އެވެ.

އެގޮތުން 10 ޕަސެންޓާ 50 ޕަސެންޓާ ހަމައަށް މުވައްޒަފުންގެ މުސާރަތައް ކުޑަކޮށްފައިވާއިރު، މި ފިޔަވަޅު އަޅަނީ އެެއްވެސް މުވައްޒަފަކު ވަޒީފާ ދޫކޮށްލައިފިނަމަ އެފަރާތްތަކަށް ލިބޭ ގެއްލުން މާބޮޑުވާނެތީ ކަމަށް އެ ސާކިޔުލާގައި ބުނެފައިވެއެވެ.

"މިވަގުތަށް މުސާރައަށް ކުރާ ހަރަދު މިހާވަރަށް ކުޑަނުކޮށް ހިންގޭނެ އެއްވެސް ގޮތެއް ނެތިގެންނެވެ." ވިލާގެ ސާކިއުލާގައިވެ އެވެ.

comment ކޮމެންޓް