ގެސްޓްހައުސްތަކުގައި ބޭރު މީހުންނަށް ވެސް ހިއްސާވެވޭ ގޮތް ހަދައިފި

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މައިނޯރިޓީ ހިއްސާއާއެކު ބޭރުމީހުންނަށްވެސް ގެސްޓްހައުސް ވިޔަފާރީގައި އިންވެސްޓް ކުރެވޭނެ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ ބަދަލުކޮށްފި އެވެ.

މީގެ ކުރިން އަމަލު ކުރަމުން ގޮސްފައިވާ އުސޫލަކީ ގެސްޓްހައުސް ހިންގުމަށް ރެޖިސްޓްރީ ކުރާއިރު ވިޔަފާރީގައި ބޭރުގެ ފަރާތުގެ ހިއްސާ ނޯންނާނެ ގޮތަކަށެވެ. ނަމަވެސް ވިޔަފާރި ފަށައިގަތުމަށްފަހު އޭގެ ހިއްސާ ކޯޓު މެދުވެރިކޮށް ބޭރު މީހުންނަށް ބަދަލު ކުރަމުން ގޮސްފައިވެ އެވެ.

މީގެ ކުރިން ހުޅުމާލޭގައި ގެސްޓްހައުސްގެ ވިޔަފާރީގައި ބައިވެރިވެގެން އުޅުނު އެމެރިކާ މީހަކަށް، އޭނާގެ ބައިވެރިން ލަނޑުދިން މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު އާންމުކޮށް، އަމަލު ކުރަން ފަށާފައިވާ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް އުސޫލުގައި ބުނެފައިވާ ގޮތުން ސަރުކާރުން ހުއްދަ ދޭ ވަކި ސަރަހައްދުތަކެއްގައި ގެސްޓްހައުސް ހިންގުމަށް ބޭރުގެ ފަރާތްތައް ބައިވެރިވާ ވިޔަފާރިތައް ރެޖިސްޓްރީ ކުރެވިދާނެ އެވެ. މިފަދަ ވިޔަފާރިތަކުގައި ބޭރުގެ ފަރާތްތަކުގެ ހިއްސާގެ ގޮތުގައި އޮންނަންވާނީ 49 ޕަސެންޓާއި ހަމައަށް ކަމަށް ބުނެފައިވެ އެވެ.

މިފަދަ ވިޔަފާރިތައް ފަށާއިރު އެންމެ ކުޑަ އަދަދެއްގެ ގޮތުގައި 250،000 ޑޮލަރު އިންވެސްޓުކުރަން ޖެހެ އެވެ.

އަލަށް އެކުލަވާލި ފޮރިން އިންވެސްޓުމަންޓް ސިޔާސަތުތަކުގެ ދަށުން ޖުމްލަ 92 ވިޔަފާރިއަކަށް ބޭރުމީހުންނަށް އިންވެސްޓުކުރެވޭއިރު 29 ވިޔަފާރިއަކަަށް އިންވެސްޓު ނުކުރެވޭނެއެ ވެ.

އޭގެ އިތުރުން 37 ވިޔަފާރިއަކަށް އޮޓޮމެޓިކުން ފުރުސަތުދޭވެނޭކަމަށް ކަނޑައަޅާފައިވެ އެވެ.

ރާއްޖޭގައި ރެޖިސްޓްރީކޮށްގެން 500 އަށް ވުރެ ގިނަ ގެސްޓްހައުސް ހިންގަ އެވެ.

comment ކޮމެންޓް