ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

ފުވައްމުލައް ސިޓީ -- ސަން ފައިލް ފޮޓޯ

މި މަހުގެ 14 ވަނަ ދުވަހު ފުވައްމުލަކު ސިޓީގެ ދޫޑިގަމު އަވަށުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ އެކްސިޑެންޓުވި އެއް ސައިކަލު ދުއްވަން އިން، އެރަށު ކޮތަންގެ، ހަސަން އަހްމަދު ދީދީ (43) އެވެ.

އޭނާ މަރުވެފައި ވަނީ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށެވެ.

އައިޖީއެމްއެޗް އިން ބުނީ ހަސަން އަހްމަދު ދީދީ ހޮސްޕިޓަލަށް ގެނެސްފައި ވަނީ 14 ވަނަ ދުވަހު ކަމަށާއި، އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ އިއްޔެ ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ބުނީ ހަސަން އަހްމަދު ދީދީ އަކީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ފުވައްމުލަކު މަގު ހަދާ ޔުނިޓުގައި ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެއް ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ 14 ވަނަ ދުވަހުގެ އިރުއޮއްސި 18:18 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓުވި އަނެއް ސައިކަލު ދުއްވަން އިނީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ކަމަށެވެ.

ލައިސެންސް ނެތި ސައިކަލު ދުއްވުމުގެ ސަބަބުން އެކުއްޖާ ޖޫރިމަނާކޮށް އެކުއްޖާ ދުއްވި ސައިޖަލު ޓޯކޮށްފައިވާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް