ކޮރޯނާވައިރަސް: ޑޮކްޓަރުންގެ އިލްތިމާސްއަކީ ގޭބަންދު!

މާލޭ ރިންގްރޯޑް -- ސަން ފޮޓޯ/ފަޔާޒް މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19ގެ ނުރައްކާ ރާއްޖެއަށް ވެސް ބޮޑުވަމުން އަންނަ އިރު، ސިއްހީ ނުރައްކަލުގެ ހާލަތު ވަނީ ރާއްޖޭގައި ވެސް އިއުލާންކޮށްފަ އެވެ. އެކަމަކު، ދިވެހިންގެ އާދަތަކަށް ބަދަލެއް އައިހެން އަދި ހިއެއް ނުވެ އެވެ. އެންމެން އެއްވެގެން ކެފޭތަކަށް ގޮސް ކޮފީ ބުޔުމާއި، ޕާޓީތައް ބޭއްވުމާއި ވީކެންޑަށް ގެސްޓްހައުސްތަކަށް ދަތުރު ދިޔުމުގެ ކަންކަމަށް ވެސް ހުއްޓުމެއް އައިހެން ހިއެއް ނުވެ އެވެ.

އެކަމަކު، ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ވައިރަސް ކޮންޓްރޯލް ކުރެވެން އޮތީ، އާންމުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެންނެވެ. އާންމުންގެ ފަރުދީ ޒިންމާ އަދާކޮށް ކަންތައްތަކެއް ކޮށްގެންނެވެ.

އިޓަލީ ފަދަ ބަލި ބާރަށް ފެތުރި ކަންކަން ގޯސްވެފައިވާ ގައުމުތަކުގައި އެ ހާލަތު އައީ، ސަރުކާރުތަކަށް ވެސް އަޅާނުލެވި، އާންމުންނަށް ވެސް މި ރޯގާއާ މެދު ފަރުވާކުޑަކުރެވުނީމަ އެވެ.

އެފަދަ ގައުމުތަކުން ފެންނަ މަންޒަރަކީ ކޮރޯނާވައިރަހާ މެދު އަޅާނުލެވުމުގެ ނަތީޖާއަކަށް ވަނީ މި ރޯގާ ޖެހޭ މީހުން ގިނަވެ، ސިއްހީ ނިޒާމަށް ނުކައްތާ ވަރަށް ބަލިވާ މީހުން ގިނަވުމެވެ. ރާއްޖެއަށް ވުރެ ސިއްހީ ނިޒާމު އެތައްތަނެއް ރަނގަޅު އިޓަލީގައި އިއްޔެ އެކަނިވެސް 300 އެއްހާ މީހުން މަރުވި އެވެ.

މި ހުރިހާ ދިރިހުރި މިސާލުތަކުން ނަގަން ޖެހޭ ފިލާވަޅަކީ ބަލި ޖެހޭ މީހުންގެ ނިސްބަތް "ބޮންތި"އަށް އެރުމުގެ ކުރިން މައިތިރި ކުރެވެން އޮތީ، ސަރުކާރުން ކުރާ މަސައްކަތުގެ އިތުރަށް ފަރުދުން ވެސް ޒިންމާ އަދާކޮށްގެންނެވެ.

މާލޭގެ މަގެއް މަތިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މިހާތަނަށް ކޮރޯނާއަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އިއްޔެ އެކަނިވެސް ތިން މީހުން ފެނުނު އިރު، ރާއްޖޭގެ ގްރާފްވެސް ކުއްލިއަކަށް މައްޗަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ބަލި ފެތުރުން ކޮންޓްރޯލް ކުރަން ފަސޭހަވި ނަމަވެސް މި ވައިރަސް، ތޮއްޖެހިފައިވާ މާލެއާ ހަމައަށް ފޯރައިފިނަމަ ކޮންޓްރޯލްކުރަން ވަރަށް އުނދަގޫވާނެކަމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ވިދާޅުވެ އެވެ.

މާލޭ މަގުމަތީގައި ބަޔަކު މާސްކް އަޅައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް ނުރައްކާވަނީ ވައިރަސް ފެތުރުން ހަލުވިކަމުންނެވެ. މި ބަލީގައި ނުރައްކާ ވަނީ ވަރަށް ދަށް ޕަސެންޓު މީހުންނަށެވެ. އަލާމާތްތައް ނުފެނި، ނުވަތަ މާބޮޑު ސިއްހީ ފަރުވާއަކާ ނުލާ ރަނގަޅުވާ މީހުން ގިނަ އެވެ. ނަމަވެސް އެމީހުންގެ ގައިން، ރިސްކް ގްރޫޕުގެ މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު މާބޮޑެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ބަލިވެއްޖެނަމަ، މިހާރުވެސް ބަލިކަށި ސިއްހީ ނިޒާމުގެ ފައި މުޅިން ބިންދައިގެން ދާނެ އެވެ. އެންމެނަށް އެއް ފަހަރާ ފަރުވާ ދޭނެ ޖާގައާއި ވަސީލަތްތައް ހޮސްޕިޓަލުތަކުގައި ނެތުމުގެ ނަތީޖާއަކަށް ވެގެންދާނީ، ބަލީގެ ނުރައްކާ ބޮޑުވެ އެތައް ބަޔަކު މަރުވުން ފަދަ ބިރުވެރި ހާލަތަކަށް ގައުމު ވެއްޓުމެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ކެނޑިނޭޅި ކުރަމުން އަންނަނީ އެ މަސައްކަތެވެ. އެ ހާލަތަށް ގައުމު ދިޔަ ނުދޭން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ދެން އޮތީ ފަރުދީ ޒިންމާއެވެ. ސިއްހީ މާހިރުންގެ އިލްތިމާސް އަޑުއަހާށެވެ. ސަމާލުވެ، ރައްކާތެރިވާށެވެ.

މިހާރު ހުރިހާ ޑޮކްޓަރުން އެއް އަޑުން ވިދާޅުވަމުން އަންނަނީ، އެންމެ ރައްކާތެރި ފިޔަވަޅަކީ "ގޭބަންދު" ވުން ކަމަށެވެ. ހުރިހާ ޑޮކްޓަރުން ކުރައްވާ އިލްތިމާސަކީ ގޭބަންދުވުމެވެ.

ޑރ. މުހައްމަދު އަލީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޒިން ނާޒިމް

އައިޖީއެމްއެޗުގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ "ސަން" އަށް ވިދާޅުވީ ގޭބަންދުވާން ޑޮކްޓަރުން އިލްތިމާސް ކުރައްވަނީ، އެހެން ގައުމުތަކަށް ނޭޅުނު ފިޔަވަޅުތަކުގެ ސަބަބުން ނުކުތް ނަތީޖާއިން ފިލާވަޅު ލިބިގަނެ، ރާއްޖެ އެފަދަ ބިރުވެރި ހާލަތަކަށް ދިއުމުގެ ފުރުސަތު ހަނި ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި އިލްތިމާސް ކުރަނީ ބޭރަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދާން. އެއްވުންތައް ނުބާއްވަން. އެއްވެސް ވަރަކަށް ގިނަ މީހުން ތަންތަނަށް އެއްވެ ނޫޅުން. ހޮޓާ ތަކަށް ނުދާން. ގެއަށް ޑެލިވަރީ ކޮށްގެން ވިޔަސް ބޭރު ތެރޭގައި އުޅުން މަދުކުރަން،" ޑރ. ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ގޭބަންދުވާން އިލްތިމާސް ކުރެއްވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ލޮކްޑައުން އަކަށް ދިއުން ފަސްކުރުމުން އެގައުމުތަކަށް މިހާރު ދިމާވެފައިވާ ހާލަތުން މިސާލު ނަންގަވަމުންނެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގިނަ ގައުމުތަކުން ލޮކްޑައުންއަކަށް ދިއުން ފަސްކުރަނީ، އެ ގައުމުގެ އެތެރޭގައި ބަލި ނުފެތުރޭތީ އެވެ.

"މިހާރު އެ ގައުމުތަކުން ބުނަމުން އަންނަނީ އޭގެ ދެތިން ހަފްތާ ކުރިން ލޮކްޑައުންއަކަށް ދެވުނު ނަމައޭ. އަދި އެހެން ގައުމުތަކުން އެ ކުށް ތަކުރާރު ނުކުރަން އަންނަނީ ގޮވާލަމުން،" ނިޔާފް ވިދާޅުވި އެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވެސް ވިދާޅުވަނީ ދިވެހިން ވިސްނާލަށް ޖެހޭ މުހިންމު ވާހަކަފުޅެކެވެ. ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ބައްޔަށް ޕޮޒިޓިވްވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެމީހާއަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.

އާދައިގެ ވަރަކަށް ބަލިވާ މީހާ ރަނގަޅުވާން މަދުވެގެން 14 ދުވަސް ނަގާއިރު، ބަލީގައި ބޮޑުވަރުވާ މީހަކު މުޅިން ރަނގަޅުވާން ދޮޅުމަސް ވެސް ނަގާފާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

"ކޮވިޑުގައި ބަލިމީހާ އަވަހަށް ދޫކޮށްލެވޭކަށް ނޯވޭ. އެހެންވެ ބަލިވާމީހުން ގިނަވީމާ އެނދުތަކުގައި ބާއްވަން ޖެހޭނީ ގުރުއަތުލާން،" ޑރ ވިދާޅުވިއެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ބަލި ފެތުރެމުން ނުދާއިރު، ވަލި ފެތުރުން ކޮންޓްރޯލް ކުރަން ލިބިފައިވާ "ގޯލްޑަން" ފުރުސަތަކީ މިއީއެވެ. މިހާރު ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ އެވެ. ބަލި ޖެހޭ މީހުންގެ ޗާޓްގެ ރޮގު ތިރިކުރަން މިހާރު އެންމެ އެކުގައި އަޅަންވީ ފިޔަވަޅަކީ ގޭބަންދު ވުމެވެ.

"ގޭބަންދު. މިހާރު ނޫނީ ދެން ނުވާނެ. ގޭބަންދު. ގުރާފުގެ ބޮންތި ތިރިކުރުމަށް ގޭބަންދު،" ޑރ. ފައިސަލް ވިދާޅުވި އެވެ.

ކޮރޯނާވައިރަސްގެ ބިރާ އެކު ބައެއް ހޮޓާތަކުގެ ވޭޓަރުން ވަނީ އަންގި ބޭނުން ކުރަން ފަށާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންކަމުން މިހާރުން މިހާރަށް ހުރިހާ ދިވެހިން އެކުގައި ޑޮކްޓަރުންގެ އިލްތިމާސަށް ބޯލަނބައި ކިޔަވަންވަމާ ހިނގާށެވެ. ގުރުއަތުލައިގެން، ހޮސްޕިޓަލުގެ އެނދުތައް ލިބޭނެ މީހުން ބަލާ ހިސާބަށް ގައުމުގެ ކަންކަން ގޯސްވެދާނެ ކަމަށް ބަލައިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިންމާ އުފުލަމާ ހިނގާށެވެ. އަތް ދޮވެގެން ގޮސް އެންމެން ހޮޓާތަކާއި، ޝީޝާ ލައުންޖުތަކުގައި ތިބެގެން މިކަން އަދި ވާކަށް ނެތެވެ. ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ނޫނީ ގޭން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރާށެވެ.

comment ކޮމެންޓް