އިންޓަނެޓާއި ޓީވީ ނުލިބޭ ކުދިން ހޯދަނީ

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސްކޫލުތައް ވަކި މުއްދަތަކަށް ބަންދުކޮށްފައިވާތީ ޓީވީ އާއި އިންޓަނެޓުގެ ހިދުމަތްތައް ލިބެން ނެތް ދަރިވަރުން ފާހަގަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.

ސްކޫލުތައް ހުޅުވުން ލަސްކޮށްފައިވާތީ، ކުދިންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތްތައް މިނިސްޓްރީން އަންނަނީ ބަލަމުންނެވެ. އަދި ސްކޫލުތައް ނުހުޅުވި އިތުރަށް ލަސްވެދާނެ ހާލަތެއް އަތުވެދާނެ ކަމަށް ބަލައި ހުރިހާ ގްރޭޑަކަށް އޮންލައިންކޮށް ކިޔަވައިދެވޭނެ ގޮތަށް ސްކީމް ތައްޔާރުކުރުމުގެ މަސައްކަތް އެޑިއުކޭޝަނުން އަންނަނީ ކުރަމުންނެވެ.

އެގޮތުން ގްރޭޑް 10 ގެ ދަރިވަރުންނާއި މި އަހަރު އޭއެސް އިމްތިހާނުގައި އިށީންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ޕީއެސްއެމްގެ ޔެސް ޓީވީ މެދުވެރިކޮށް ކުރިއަށް ގެންދާ "ޓެލި ކިލާސް" ޕްރޮގްރާމް އިއްޔެ ވަނީ ފަށައިފަ އެވެ.

އަދި މާދަމާ އިން ފެށިގެން އޭއެސް ލެވަލް ދަރިވަރުންނަށް ވީޓީވީ މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް ބައެއް ރަށްރަށުގައި އިންޓަނެޓުގެ ހިދުމަތް ލިބެން ނެތުމުންނާއި، ބައެއް ދަރިވަރުންނަށް ޓީވީ ޗެނަލްތައް ނުލިބުމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ކޮރޯނާވައިރަސްގެ އެމަޖެންސީ ރެސްޕޮންސް ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި އެފަދަ ހާލަތްތައް ހުރި ގެތައް ހޯދުމަށް ސްކޫލުތަކަށް އަންގާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"އަދި އެކަންކަމަށް ކޮންމެސް ކަހަލަ އިންތިޒާމުތަކެއް ރާވާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ދޭ،" މަބްރޫކް ވިދާޅުވި އެވެ.

އޮންލައިންކޮށް ކިޔަވައިދޭ ސްކީމު ތައްޔާރުކުރުމުގެ މަސައްކަތް ޓީޗަރުން ކުރަމުން އަންނަ އިރު އެ ވަސީލަތްތައް ދަރިވަރުންނާ ހަމައަށް ފޯރުކޮށްދޭނީ އެޑިއުކޭޝަނުން ތައްޔާރުކޮށްފައިވާ ވެބް ޕޯޓަލް މެދުވެރިކޮށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އިއްޔެ ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ ވީހާވެސް ގިނަ ކުދިންނަށް ފިލާވަޅުތައް ފޯރުކޮށްދިނުން ކަމަށާއި، ޓީވީ މެދުވެރިކޮށް ކްލާސް ނަގައިދޭން އިސްކަން ދެނީ ބައެއް ކުދިންނަށް އިންޓަނެޓު ނުލިބޭތީ ކަމަށެވެ.

މިހާރު "ޓެލި ކިލާސް" ގެނެސްދޭ ޔެސް ޓީވީ ނުލިބެނީ މީޑިއާނެޓްގެ ވަޔަލަސް ޕެކޭޖުން އެކަންޏެވެ. ނަމަވެސް މިހާރު މީޑިއާނެޓާ މަޝްވަރާކޮށް މިއަދުން ފެށިގެން އެ ޕެކޭޖުން ވެސް ޔެސް ޓީވީއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.

ޓީވީގެ އިތުރުން ރޭޑިއޯ މެދުވެރިކޮށް ވެސް ފިލާވަޅުތައް ގެނެސްދިނުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އޮންލައިންކޮށް ކްލާސްތައް ގެނެސްދިނުމާ ގުޅޭގޮތުން ދިރާގާ އެކު ވެސް އެޑިއުކޭޝަނުން ވަނީ މަޝްވަރާކޮށްފަ އެވެ.

comment ކޮމެންޓް