ރަސްދޫއަށް ވެސް ފަތުރުވެރިން ނުގެންދަން ނިންމައިފި

އއ. ރަސްދޫ ގޮނޑުދޮށް --- ސަން ފޮޓޯ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އއ. ރަސްދޫ އަށް ފަތުރުވެރިން ނުގެންދިޔުމަށް ނިންމައިފި އެވެ.

ރަސްދޫ ކައުންސިލުން އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކޮރޯނާއާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައި ވާތީ، އެ ރަށުގެ ގެސްޓް ހައުސްތަކާއި ޑައިވް ސެންޓަރުތަކުގެ ވެރިންނާ މަޝްވަރާ ކުރުމަށް ފަހު، ރަސްދޫ އަށް ފަތުރުވެރިން ނުގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ ފަތުރުވެރިން އެ ރަށަށް ނުގެންދަން ނިންމާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ.

ރަސްދޫ އަށް ފަތުރުވެރިން ނުގެންދަން ނިންމި އިރު އެ އަތޮޅު ތޮއްޑޫ އިން ވެސް ވަނީ ކޮރޯނާ އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެ ރަށަށް ފަތުރުވެރިން ނޭރުވުމަށް ނިންމައިފަ އެވެ. ގެސްޓުހައުސް ހިންގާ ބައެއް ރަށްރަށުން މި ނިންމުން ނިންމަމުންދާ އިރު، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލާ ގުޅިގެން މާލެ ސަރަހައްދުގެ އެއްވެސް ހޮޓަލަކަށް އަދި ގެސްޓްހައުސްތަކަށް ދެ ހަފްތާގެ މުއްދަަތަށް ފަތުރުވެރިން ނުގެންނަން ވަނީ އަންގައިފަ އެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ވަނީ ކޮރޯނާ އަށް ޕޮޒިޓިވް ވެފަ އެވެ.

comment ކޮމެންޓް