ކޮރޯނާވައިރަސް: އެޗްޕީއޭއަށް އެހީވާން އެމްޑީޕީއިން ވޮލަންޓިއަރުން ނެރެނީ

އެމްޑީޕީ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވާން އެމްޑީޕީގެ ފަރާތުން ވޮލަންޓިއަރުންގެ ލިސްޓެއް ހުށަހަޅައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ނުވަތަ ހޭލުންތެރިކުރުވުމަށް އެޗްޕީއޭއިން ހިންގާ އެއްވެސް ހަރަކާތެއްގައި އެހީތެރިކަން ބޭނުންވާނަމަ، އެމްޑީޕީން އެކަމުގައި ފުރިހަމައަށް ބައިވެރިވާނެކަމުގެ ޔަގީން ދެއްވާ ކަމަށެވެ.

އެމްޑީޕީއަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގޮފިތައް ހަދައި ވިއުގަތަކެއް ގާއިމުކުރެވިފައިވާ މުއައްސަސާއެއް ކަމުން މިފަދަ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ދެކޭ ކަމަށް ސިޓީގައި އަފްޝަން ވިދާޅުވެފައިވެ އެވެ.

އިއްޔެ އެމްޑީޕީން ވަނީ އެޕާޓީގެ ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވާން ހުޅުވާލައިފަ އެވެ. އަދި މިއަދު ވޮލަންޓިއަރުންގެ ލިސްޓު ވަނީ އެޗްޕީއޭއަށް ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މިއީ އެންމެން އެކުގައި މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.

އެގޮތުން ބަލި އިތުރަށް ބޮޑުވެގެން ގޮސްދާނެ ކަމަށްޓަކައި ވޮލަންޓިއަރުން ބޭނުންވާކަމަށް ސަރުކާރުން އިއުލާނުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ސިއްހީ ދާއިރާގައި މީގެކުރިން އުޅެފައިވާ ފަރާތްތަކާއި ވެއިޓަރުންނާއި ރޫމް ބޯއީން ފަދަ ފަރާތްތައް ހިމެނޭ ކަމަށެވެ.

"އެކަމަށް އެމްޑީޕީން އިސްނަގައިގެން އެމްޑީޕީގެ ފަރާތުން މިހާރު ވަނީ އެމްޑީޕީގެ ވޮލަންޓިއަރުންގެ ލިސްޓެއް، އެމްޑީޕީގެ ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތަކުގެ ލިސްޓެއް ސަރުކާރަށް އަރުވާފައި،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މިއީ ހުރިހާ ދިވެހިން ކެތްތެރިކަމާއެކު ސަރުކާރުގެ އެންގުންތައް ކަނުލާ އަޑުއަހައި އެއާ އެއްގޮތަށް އަމަލުކުރަންވީ ދަނޑިވަޅު ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފަ އެވެ.

comment ކޮމެންޓް