އޭލެވެލްގެ އޭއެސް ލެވަލް ދަރިވަރުންނަށް ވިލާ ޓީޥީ މެދުވެރިކޮށް ކިޔަވައިދެނީ

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް ސޯލިހް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭލެވެލްގެ އޭއެސް ލެވަލް ދަރިވަރުންނަށް ވިލާ ޓީވީ މެދުވެރިކޮށް ކިޔަވައިދޭން އެޑއިކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އަންނަ ހަފްތާ ފެށެންދެން ސްކޫލްތައް މިހާރު އޮތީ ބަންދުކޮށްފައެވެ.

ނަމަވެސް އޭ ލެވެލްގެ އޭ އެސް ލެވެލް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނާއި އޯ ލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް އެންމެ ދުވަހެއްވެސް ފިލާވަޅުތައް ގެއްލުމުން ބޮޑެތި ގެއްލުންތަކެއް ވާނެތީ އެކަން ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން ގްރޭޑް 10 އަކަށް އިއްޔެ ވަނީ ޕީއެސްއެމްގެ ޔެސްޓީވީ މެދުވެރިކޮށް ފިލާވަޅުތައް ނަގައިދޭން ފަށައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ ވިލާ ޓީވީ މެދުވެރިކޮށް ފިލާވަޅުތައް ގެެނެސްދޭން މާދަމާ ފިލާވަޅުތައް ރެކޯޑްކުރަން ފަށާނެ ކަމަށެވެ.

އެގޮތަށް ފިލާވަޅުތައް ގެނެސްދޭން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

" ފިލާވަޅުތައް ވިލާޓީވީން ގެނެސްދިނަސް ރެކޯޑިންތައް ޔޫޓިއުބުންނާއި ފޭސްބުކުންވެސް ފެންނާނެ. އަދި ފިލާފަޅުތަކުގެ ޝެޑިއުލް ސޯޝަލް މީޑިއާގައި މާދަމާ އާންމުކުރަމުން ގެންދާނަން. މިހާރު އަޅުގަނޑުމެން މިދަނީ ދަރިވަރުންނަށް ފިލާވަޅުތައް ގެނެސްދޭން އިތުރު ޗެނަލްތަކާވެސް ވާހަކަ ދައްކަމުން،" އޮފިޝަލް ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ސްކޫލްތައް އިތުރަށް ބަންދުކުރަން ޖެހުނަސް ދަރިވަރުންނަށް އެކި ވަސީލަތްތައް މެދުވެރިކޮށް ފިލާވަޅުތައް ނަގައިދިނުމަށް ތައްޔާރުވަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، "އައިލެންޑް ސަފާރީ 1" ނަމަކަށް ކިޔާ ސަފާރީން ޕޮޒިޓިވްވި ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ.

comment ކޮމެންޓް