"ކާމްޑައުން ޒިން. ދޭ ވިލް ބީ ސޭފް......" އަރްސަން އަމިއްލަ ނަފުސަށްވުރެ އިސްކަން ދިނީ މާޒިންއަށެވެ. އޭނަ މާޒިންގެ ކޮނޑުގައި އަތް ބޭއްވިއެވެ. ދެވަނަ ނިރުބަވެރި ހާދިސާއަކާއި ކުރިމަތިލާހާ އޭނަގެ ކޮއްކޮ ވަރުގަދައެއް ނޫނެވެ. އެ ޒަޚަމްތައް އަދިވެސް ތާޒާކަންމަތީގައި އެބަހުއްޓެވެ. އަދިވެސް އެހާ ބަލިކަށިއެވެ. މިއީ ކުރީގެ ހިތްވަރުގަދަ ލާނެތް މާޒިންއެެއް ނޫނެވެ. ދިރިއުޅުމަށް އައި އިންގިލާބުން އަދިވެސް އަރައި ނުގަނެވެއެވެ. ޖިބްރީލް އަވަސްވެގަތީ އޭނަގެ މަންމަ ފޯނަށް ގުޅާށެެވެ. ބައެއް ނޫސްތަކުން ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް ކުއްލި ޚަބަރުތައް ގެނެސްދެއެވެ. އެކަަމަކު އެއީ ހަމައެކަނި ރާއްޖޭގައެއް ނޫނެވެ. އެހެންތަންތާވެސް އަވަހަށް ތާޒާ ޚަބަރުތައް ގެނެސްދޭން ހަދައިގެން އެފަދަ އޮޅުންތައް އަރައެވެ.

***

ކޮމަންވެލްތުގެ ވަފުދަކާއި ރައީސް މައިމޫނާއި ކެބިނެޓް ބައެއް މެމްބަރުން ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބައެއް މީހުންނަށް ކޮންމެވެސް ވަރަކަށް އަނިޔާވިއެވެ. އަލިފާނުގެ ހާދިސާ ހިނގިގޮތުން އެއްޗެއް ގޮއްވާލީ ކަމުގައި ހީކުރެވުނަސް ފަހުން އެންމެންވެސް ބުނަމުން ދިޔައީ ކަރަންޓު ޝޯޓެއްވީކަމުގައެވެ. ސުކައިނާގެ ހެދުމުގައި ކޮންމެވެސް ވަރަކަށް ހުޅު ހިފަައިގެން އަތް ފިހުނެވެ. ޝޮކެއްގައި ހުރި ސުކައިނާ ވަގުތުން ގެންދެވުނީ ހޮސްޕިޓަލަށެވެ.

އިސާހިތަކު މުޅި މާލޭގައި އެ ޚަބަރު ފެތުރުނީ ހުއިތަކެއްގައި އަލިފާން ފެތުރިގަތްހެންނެވެ. ކުދިބޮޑު އެތައް ބަޔަކު ހޮސްޕިޓަލަށް ޖަމާވިއެވެ. ހުރިހާ ދިމާލެއްގައި ސިކިއުރިޓީ ވަރުގަދަކުރެވުނެވެ. ރައީސް މައިމޫންގެ ހަތަރު ބެއިންނަށް މަންމަގެ ހާލު އެގުމާއެކު އަވަސްވެގަތީ އިމަޖެންސީބަޔަށް ދިޔުމަށެވެ. އަދާވެސް އެކުދިންނާއެކު އައެވެ. މީހުންގަނޑު ގިނަކަމުން އެތަނަށް ވަންނާކަށް ފަސޭހައެއް ނޫނެވެ. ނަސީބަކުން ފުލުހުންގެ އެހީ ލިބި ރައްކާތެރިކަމާއެކު ބައްޕައާއި ހަމަޔަށް ފޯރިއެވެ.

"ޑޭޑް. ވަޓް ހެޕެންޑް ޓު މަމް. އިމަޖެންސީގައި ބާއްވާނީ ބޮޑުވަރުވީމަކަން އެނގޭ......." ރާހިލްގެ ލޮލުން ކަރުނަ ހިލުނެވެ.

"ކާމްޑައުން މައި ސަންސް....މަމްއަށް އެހާ ބޮޑުކަމެއްނުވޭ. ކޮންމެވެސް ވަރަކަށް އަތް ފިހިފައި ހުރީ.. ބޮޑަށް މަންމަ ޝޮކަކަށް ދިޔައީ. އެހެންވެ އޮބްޒަވޭޝަންގައި އޮތީ......" ރައީސް މައިމޫން ކުދިންނަށް ވަގުތުން ހިތްވަރުދެއްވިއެވެ. ކޮންމެ ކުއްޖަކު ގެނެސް މޭގައި ޖައްސަވާލެއްވިއެވެ. ނާއިބު ރައީސް ތައިމޫރްވެސް ބޭބެއެކޭ އެއްފަދައިން ބޮޑުބޭބެއެއްގެ ވާޖިބު އަދާކުރިއެވެ.

"އިޒް އިޓް....އެ ޓެރަރިސްޓް އެޓޭކް ޑޭޑް...." މާޒިން ސުވާލުކުރިއެވެ.

"ނޫނޭ ދަރިފުޅާ. އެއީ އަލިފާނުގެ ހާދިސާއެއް.. ހިނގާ މަންމައަށް ގޮވައިލަން. މަންމަވެސް ހިތްހަމަޖެހޭނީ ކުދިންތައް ފެނިލީމަ..." ރައީސް މައިމޫން ބުނުއްވިއެވެ.

ސުކައިނާ އޮތީ ހޮސްޕިޓަލުގެ ގައުނެއް ލައްވާފައެވެ. އަތްކުރު ގައުނަކަށްވުމުން ފިހިފައިވާ އަތް އޮތީ ހާމައަށެވެ. އަތުގައި ބޭސް އުގުޅާފައެވެ. އަނެއް އަތަށް އައިވީ ގުޅާފައެވެ. މޫނަށް އެރި ހުދު ކުލަ ކޮންމެވެސް ވަރަކަށް ކެނޑި ހިނިތުންވެލައިފިއެވެ.

"ޑޯންޓް ލުކް ސޯ ގްލަމް މަންމަ މުޅިން ރަގަޅު....." ސުކައިނާ ގެ އަތްތިލައިގަ ހިފެހެއްޓި ރާހިލްގެ ފިނިއަތްތިލައަށް ބާރުކޮށްލިއިރު ލޮލުގައި ކަރުނައެވެ. " އެކަކަށްވެސް ބޮޑު އަނިޔާއެއް ނުލިބި މަންމައަށް މިވަރުވީތީ ހިތްހަމަޖެހިއްޖެ..."

އަލިފާނުގެ ހާދިސާއެކޭ ބުނެ ނިންމާލިޔަސް މާލެތެރޭ ސިކުއިރިޓީ ވަރުގަދަކޮށް އެތައް ބަޔަކު ފުލުހުންގެ ބެލުުމުގެ ދަށަށްގެނެވުނެވެ. އެހާދިސާ ތަހުގީގުކުރަމުން ދިޔައީ މީޑިއާތަކަށްވެސް ސިއްރުންނެވެ. ފޮރުވަން އުޅުނަސް އެއީ ނިރުބަވެރި ހަމަލާއެއްކަމަށް އެތައް ބަޔަކު ޝައްކުކުރިއެވެ. އެކި ގޮތްގޮތަށް ވާހަކަދެކެވުނެވެ. އެދުވަސްކޮޅު ނޫހުގައި މުޅިންވެސް އެޚަބަރެވެ. އެކިގޮތްގޮތަށް ޚިޔާލު ފައުޅުކޮށްފައެވެ.

***

"މަލްހާ މަލްހާ.........." މާޒިން ފަހަތުން އަންނަން ފެށުމުން މަލްހާ ބިރުން އަވަދިނުވީ ހަމަ ކިރިޔާއެވެ. އޭނަ އާލިޔާއާއެކު އެސައިންމެންޓެއް ނިންމުމުގެ އިތުރުން ޕޭޖް އަޕްޑޭޓްކުރަން އެހީތެރިވިއެވެ. އެގެއިން ނުކުތްތަނުން މާޒިން އޭނަގެ ފަހަތުން އަންނާން ފެށީއެވެ. އެއީ ރައީސްގެ ދަރިފުޅުކަން މަލްހާއަށްވެސް އެނގުނެވެ. ނޫސްތަކުގެ ފަލަ ސުރުޚީތަކަށް މި ޒުވާނާ ރަސްކަންކުރިއެވެ. ރީތި ހިނިތުންތަކުގައި ނަގާފައިވާ ހިތްގައިމު ފޮޓޯތައް ބަލައިލާހިތުން ނުނިދިގެން އުޅުނު ކުދިންތައް ކޮލެޖުގައި މަދެއް ނޫނެވެ. މާޒިންއަށް އޭނަގެ ނަން އެނގުނު ގޮތެއް ވިސްނައިގަންނާކަށް ނޭގުނެވެ. "މަލް ރުޅިއައިސްފަތަ؟ "

މަލްހާ ފިޔަވަަޅުތައް އަވަސްކޮށްލިއެވެ. މޮބައިލުން އާލިޔާއަށް ގުޅަންފެށިއެވެ. ކުއްލިއަކަށް މާޒިން ކައިރިއަށް ޖެހިލާފައި ފޯނު އަތުލިއެވެ.

"އާލިޔާއަކީ ކާކުތަ؟ " މާޒިން ފޯނަށް ބަލާފައި ކަންފަތުގައި ފޯނު ޖެއްސިއެވެ. އެކޮޅުން އިވުނު ރީތި ހިތްގައިމު އަޑުން މާޒިން ހީކުރީ ހަމަ މީރާކަމަށެވެ. މީރާގެ އަޑުހާ ފުރިހަމަ އަޑެކެވެ. ހިތަށް ތަފާތު އަސަރުތަކެއް ކޮށް ގައިން ހީބިހި ހަލުވައިލިއެވެ. ރީތި އަޑެއް އިވުނަސް މީރާ މަތިން ހަނދާންވަނީއެވެ.

"ހަލޯ........" މާޒިން އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ކިޔާލީ ހިތް ހަމަޔަކަށް އަޅުވަމުންނެވެ. "ތިއީ ކާކު؟ " އާލިޔާ ސުވާލުކުރިއެވެ.

"މަލްހާގެ ލޯބިވެރިޔާ........" މާޒިން ނިކަން ހަމަޖެހިލާފައި ކިޔައިލިއެވެ.

"މަލް އަތަށް ތި ފޯނު ދީފާނަންތަ؟ " އާލިޔާގެ ހިތަށް ޝައްކުތަކެއް ވަނެވެ.

"އޯކޭ......" މާޒިން ވިސްނާލާފައި މަލްހާ އަތަށް ފޯނު ދިނުމާއެކު މަލްހާ ރޮއިގަތީއެވެ. ފިނިޑިކަމުގެ އިންތިހާއެވެ. އަނެއްކާ މިއީ އެހެން "މަލްހާ" އެއް ހެއްޔެވެ؟ އޭނަ ދަންނަ މަލްހާއަކީ ޖެހިލުންކުޑަ ބިރުކުޑަ ބަރު އަޑެއް ލިބިފައިވާ އަންހެންކުއްޖެކެވެ. ޔަގީނެވެ. މިއީ އެހެން އަންހެންކުއްޖެކެެވެ. އެކަން ޔަގީންކުރާނީ ކިހިނެއްހެއްޔެވެ؟ ކައިސް އޭނަ މި ޖެއްސީ ވަރުގަދަ މަޅިއެއްގައެވެ.

"މަށަށް ހީވާން ފަށައިފި މި އުދަގޫކުރެވެނީ އެހެން އަންހެންކުއްޖަކަށްހެން. އެހެންވެއްޖެއްޔާ މާފަށް އެދެން. މޫނު އަޅައިގެން ހުރީމަ ނޭގުނީ...އައި ތޯޓް......" މާޒިން ވާހަކަ ދައްކަ ދައްކާ ހުރެފައި މަގުގެ އަނެއްކޮޅަށް ބަލައިލީ ކޮންމެހެން ކަޅުހެދުމެއްގައި ހުރި އަންހެންކުއްޖަކު ފެންނާނެކަމަކަށް ނޫނެވެ. ނިކަން ހަރުކޮށް ހިނގާފައި އަންނަ އަންހެނަކު ފެނިފައި ލޯ ހަނިކޮށްލައިގެން ބަލަން ހުރެވުނެވެ.

"މިއީ ކާކު؟ބެޓްމޭންތަ؟ " މާޒިންގެ ސުވާލުން މަލްހާ ބިރުން ހުރެވެސް ހިނި އަންނަގޮތްވިއެވެ. "ސޯ.....މަލްހާގެ ބޮޑީގާޑު ރެސްކިއުއަށް އަންނަނީދޯ ހެހެ." މާޒިން ޖިންސްގެ ޖީބަށް އަތް ޖަހައިލިއިރު މޫނުމަތިން ފެންނަން ހުރީ ހަމަޖެހިފައިވާކަމުގެ ކުލަވަރެވެ. އޭރު އާލިޔާ އަރާ ހަމަވެއްޖެއެވެ.

"އާލިޔާ...އާލިޔާ...." މަލްހާއަށް އާލިޔާގެ އަތުގައި ހިފަހައްޓާލެވުނީ ބާރަކަށެވެ. "އަލްހަމްދުލިﷲ. ބުނަން ނޭގޭހާ އުފާވެއްޖެ. އަހަންނަށް ހީވަނީ މި ބޭފުޅާއަށް ކޮންމެވެސް ކަހަލަ އޮޅުމެއް އަރައިގެންހެން ފަހަތުން މިއުޅެނީ"

"އަންހެންކުއްޖަކު އެކަނި ފެންނައިރަށް ކޮންމެވެސް އުދަގުލެއްކޮށް ޖެއްސުމެއްކުރުމަކީ ތިމާ ފިރިހެނަކަށްވާކަމެއް ނޫނޭ. ހެއްދެވިފަރާތަށް ބިރެއް ނުގަނޭތަ؟ ކީއްވެ މިކުއްޖާގެ ފަހަތުން އުދަގޫކުރަމުންދަނީ. މުސްލިމް އުޚުތަކު ފެނުނީމަ އެކުއްޖާއަށް ހިމާޔަތް ދިނުމުގެ ބަދަލުގައި ކޮންފަދަ ދަށުދަރަޖައަކަށް ވެއްޓިގަތީ؟ ތިއީ ރައީސްގެ ދަރިއެއްކަން އަޅުގަނޑުމެންނަށް އެނގޭ. ވީއިރު އުޅުންވެސް ރީތިކޮށް ބަހައްޓާ. ތިމާގެ ގަދަރާ އިއްޒަތް ހިފެހެއްޓޭނީ އޭރުން. ނޫނީ ފުލުހަށް މައްސަލަ ހުށަހަޅާނީ..." އާލިޔާ މަލްހާގެ އަތުގައި ހިފަހައްޓައިގެން ހުރެ ބަރު އަޑަކުން ވާހަކަދެއްކުމުން މާޒިންއަށް ކަމެއް އޮޅުން ފިލައިފިއެވެ. އާލިޔާ ވާހަކަ ދައްކަނީ ގަސްތުގައި އަޑު ބަދަލުކޮށް ފިރިހެން ކޮށްލައިގެންނެވެ. އޭގެ ބޭނުމެއް މާޒިންއަކަށް ނުވިސްނުނެވެ. އަންހެންކުދިންގެ އަޑަކީ އައުރައަކަށް ވުމުން އާލިޔާ އޭނަގެ ކުރިމަތީގައި ރީތިކޮށް ވާހަކަދައްކަން ބޭނުންނުވީކަމެއް ނޭގުނެވެ.

"ވީއިރު އެދުވަހު ސައިކުން ދަމުން މަޑުކޮށްލާފައި ކައިސްގެ މޫނުމަތީ ޖެހީ ތި ގާލްތަ؟ ބްރޭވް އިނގޭ. އަސްލު އެސައިމެންޓް ގަނޑުން މަށަށް އޮޅުން އެރީ. އޭގައި މަލްހާ އޮތީމަ މަލްހާ ކިޔައިގެން ފަހަތުން އުޅެވުނީ...."

"މަލް ހިނގާ ދާން...."

އާލިޔާ މަލްހާއަށް ހިމާޔަތް ދިންތަން ފެނި މާޒިންއަށް މަޖާކަމަކަށްވިއެެވެ. އެދެ އަންހެންކުދިންގެ މިޒާޖުގައި ފަރަގު އެބަހުއްޓެވެ. މަލްހާ ނާޒުކްކަމުގެ އިންތިހާ ގޮތުގައި ސިފަވީއިރު އާލިޔާ ފިރިހެންފާޑު އެބަހުއްޓެވެ. އޭނައަށް އަސްލު އޮޅުނީ ދެކުދިންވެސް މޫނުބުރުގާ އަޅާފައި ތިބުމުންނެވެ. ކޮންމެގޮތެއް ވިޔަސް އާލިޔާގެ ސިފަ ދުށުމުގެ ޝައުގު ހިތުގައި އުފެދިއްޖެއެވެ. ހަށިގަނޑުގެ އެންމެ ތަންކޮޅެއްވެސް ފެންނަނީއެއް ނޫނެވެ. އެވަރުން ފޮރުވެންޖެހޭ ހެއްޔެވެ؟ ދެކުދިން ގޯޅިން ލެނބުމުން ގެއާއި ދިމާލަށް ހިނގައިގަތްއިރުވެސް މާޒިންއަށް ވިސްނެނީ އާލިޔާ ހުންނާނެ ގޮތަކާއިމެދުގައެވެ. ފޮރުވިގެން ހުރީމަ މާ ބޮޑަށް ދެކޭ ހިތްވާންފެށިއެވެ. އެކުއްޖާ ހުންނާނެ ގޮތްތަކުގެ އެކި ތަސައްވަރުތައް ސިކުނޑީގައި ކުރެހެވުނެވެ. ޔަގީނުންވެސް މީރާފަދަ ރީތި އަންހެންކުއްޖަކަށް ނުވާނެއެވެ.

***

އަދާ ދެކެ ނަފްރަތު ކުރެވުނު ވަރުން އެހެެން ރޮގެއް ޚިޔާރުކުރަން މިންކާ ގަސްތުކުރިއެވެ. އަދާ އެންމެ ނަފްރަތުކުރާފަދަ އަންހެންކުއްޖަކާ ގުޅުން ބާއްވަންވީއެވެ. އާލިޔާގެ ގެއަށް ދެވަނަފަހަރަށް އޭނަ ދިޔައީ އެ ބޭނުުމުގައެވެ. ހިޖާބު އެޅުމުން އުދާސްވިނަމަވެސް އޭނަ ކެތްކުރިއެވެ. އެގެއަށް ވަނުމާއެކު ކަންފަތުގައި ޖެހުނީ ރީތި އަޑަކުން ގުރުއާން ކިޔަވާ އަޑެވެ. ކޭކެއް ފާޑު މީރު އެއްޗެއް ފިހެވޭފަދަ ވަހެއް ގޭތެރޭގައި ހިފާލާފައެވެ. އާލިޔާގެ އިންތިޒާރުގައި ސިޓިން ރޫމްގައި ހުއްޓާ ފެނުނީ އާލިޔާ ދުވެފައި ނުކުތްތަނެވެ.

"މިންކާ......ވަރަށް ބޮޑުކަމެއް ދިމާވެގެން މިއުޅެނީ. އަހަންނާއެކު ހިނގާބަލަ............" އާލިޔާ މިންކާގެ އަތުގައި ހިފާ ދަމަމުން ކަހަަަލަ ގޮތަކަށް ދުއްވައިގަތެވެ. "ޓޮއިލެޓަށް ވަދެފައި ނުކުތްއިރު މާމަ ގެއަކު ނެތް. އޮޅިގެންވެސް ދޮރާށި ހުޅުވާފައި ހުރެއްޖެއްޔާ އެގޮތަށް ބޭރަށް ގޮސްދާނެ. މާމަ ނިދާ ހެދުމުގައި ބުރުގާވެސް ނާޅާ ހުރީ................"

މުސްކުޅިއަކާއިހެދި މިވަރުވާން ޖެހޭހެއްޔެވެ؟ ހިތާހިތުން ކުދި ކިޔަމުންވެސް އާލިޔާއާއެެކު މަގަށް ނުކުތެވެ. މަގުމަތިން ދިމާވި މީހަކު ބުނީ އާލިޔާމެން ސިފަކުރި މީހަކު ޖެހިގެން ހުރި ގޭގެ ދޮރުގައި ޓަކިދީދީފައި މަގުގެ އަނެއް ފަޅީގައި ހުރި ގެއަށް ވަދެއްޖެކަމުގައެވެ. މާމަ ފެނުމުން އާލިޔާގޮސް ބައްދާލިތަން ފެނި މިންކާ ފާޑެއްވިއެވެ. އާލިޔާ ރީއްޗަސް އަދާމެންގެ އެހުންނަ "ޗާމިން" ގޮތްގަނޑެއްނެތެވެ. މުސްކުޅި ޚިޔާލުތަކެވެ. މުސްކުޅި ބުއްދިގޯސްވެ އަޖޫޒުވެފައިވާ މާމައަކާއެކު އުޅެ އުޅެ މިޒާޖަށް އެފަދަ ބަދަލެއް އައީކަންނޭގެއެވެ. މިގެއަށް އާދެވުނުކަމުގެ މޮޔަ ހީވެފައި ހުއްޓާ އަދި މާމަ އޭނަފެނިފައި ދެލޯ ދިއްލިގެން ދިޔުމައެކު އޭނަގެ އަތުގައި ހިފާ ތުންފަތުގައި ޖައްސައިފިއެވެ. މިންކާ ފަކުރުގަތެވެ. ކިތައް ޖަރާސީމު ހަރުލާފައިކަމެއް ނޭގެއެވެ. އަތް ދޮންނަން ދަނޑިވަޅަކަށް އިންތިޒާރުގައި ހުއްޓާ ގެއަށް ވަދެވިއްޖެއެވެ. އާލިޔާ އެހެން ކޮޓަރިއަކަށް މާމަ ލާފައި އޭނައާއި ހަމަޔަށް އައިއިރު އޭނަ ލިބުނު ފުރުސަތުގެ ބޭނުން ހިފާ ސައިބޯނިލައިގެން އަތް ދޮވެލިއެވެ.

"އާލިޔާ. އަހަރެން ސުވާލެއްކޮށްލަންތަ؟ މޫނު އަޅައިގެން ހުރީމަ އަންކޮމްފޮޓަބްލް އެއް ނޫންތަ؟ "

"ނުވޭ. އިންފެކްޓް މި ނާާޅާ މަގަށް ނުކުމެއްޖެއްޔާ ހަމަ އިހުސާސްވަނީ ނޭކެޑްކޮށް ހުރެވޭހެން. ހުރިހާ ފިރިހެނުންގެ ނަޒަރު ހުއްޓެން މިންކާ ބޭނުންވާނެތަ؟ ދަހިވެތި ނަޒަރުތައް ހަށިގަނޑަށް ހުއްޓޭކަށް ނޭދެން. މާތްﷲ ގެ ރުހިވޮޑިގަތުން ހޯދަން ކޮންމެ ކަމެއް މިކުރަނީ. ގުރުއާނާއި ސުންނަތަށް އުޅެން ބޭނުންވޭ........." އާލިޔާ ލާފައި ހުރި މަޑުނޫކުލައިގެ ގަޔަށްދޫ ހެދުން ކަކުލާއި ހަމަޔަށް އޮތްއިރު ގޮށްތަކުގައިހުރި ކުލައާއި ގުޅުވަން ކަޅުކުލައިގެ ޓައިޓެކެވެ. މިންކާއަށް އެލޮލަށް ބަލަން އުދަގޫވިއެވެ. އޭނަގެ ހިތް ހަސަދައިން ފުރިގަންނާނެއެވެ.

"މަށަށް ތީގެއިން ފެނުނީ އެންމެ ފައިދާއެއް، މާމަ ގެއްލުނީމަ އާލިޔާ ހުރިގޮތަށް ހުރެ ނުކުތީ. އެހެޔޮ ނިދިމޫނުގައިވެސް ލާފައި ހުރި ހެދުމުގެ މަތިން މި ވައްޓާލައިގެން ނުކުތީ. މޭކަޕްކުރަން ގަޑި ދެގަޑިއިރު ނުނަގާނެ. އެހެންމީހުން ވިސްނަފާނެ ގޮތަކާމެދު ހާހެއްނުވާނެ. އަހަންނަކަށް ގައިމު ހުރިގޮތަށް ހުރެ މީހަކަށް ފެންނާކަށް ނުކެރޭނެ...." މިންކާވެސް އެއްބަސްވިއެވެ.

"ތެދަށް ބުނަންޏާ ހަމައެކަނި ދީނީ ނަޒަރުން ވިސްނާފައި މޫނު ބުރުގާއެޅީ....." އާލިޔާ ހިނިތުންވެލިއެވެ.

"ފިރިއަކު ހޯދާނީ ކިހިނެއް؟ އެހެންމީހަކަށް ނުފެނި..."

"އަހަރެން ރީތި މީހަކު ބޭނުމެއްނޫން. ދޮންބެމެން ޚިޔާރުކުރާ އަޅުވެރި މީހަކާއި އިންނާނީ......" އާލިޔާގެ ޖަވާބު އިވިފައި މިންކާ ހިނިއައެވެ. ތުނބުޅިލީ ޝޭޚަކާއި ކައިވެނިކޮށްގެން މިކުއްޖާގެ ހަޔާތް މުޅިން އަނދިރިވުންނޫންކަމެއް ވާނެހެއްޔެވެ؟ ހަގީގީ އުފަލަކީ މީރާއާއި އަދާގެ ދިރިއުޅުމެވެ. އެކުދިންނަށް ހުރިހާ ނިއުމަތަކާއެކު ލޯބި މިންވަރުކުރައްވާފައެވެ. އާލިޔާގެ ސިފަ ރީތިވިޔަސް ޚިޔާރުކުރީ ގޯސް ދިރިއުޅުމެއްކަމުގައި މިންކާ ނިންމިއެވެ. ހަގީގަތުގައި އާލިޔާ ދިރިއުޅުން ބައްޓަންކުރަނީ ހެއްދެވިފަރާތުގެ ރުހި ވޮޑިގަތުން ހޯދަންކަމަށް އޭނަގެ ވިސްނުމަކަށް ނައެވެ.

"ކިހިނެއް ލޯ؟ " މިންކާ ހިންދިރުވައިލިއެވެ.

"އަލްހަމްދުލިﷲ. ކުރިއަށްވުރެ ލޮލަށް އަލިހެން ހީވޭ....." އާލިޔާގެ ޖުމްލައިން މިންކާގެ ހިތް އުތުވުނެވެ. މިކުއްޖާގެ ލޯ ކޮނެލާފައި ތެއްޔަކަށް އަޅާ ތެޔޮ ހިލާނަމޭ ހިތަށް އެރިއެވެ. ހާދަ ފޫއްސެއް އެބަވެއެވެ. ފޮނިކަމުގެވެސް އިންތިހާއެވެ. ކުރިއަށްވުރެ ލޯ އަލިއޭ ބުނީ ހަމަ ޖެއްސުމަކަށެވެ. މިންކާ މައުޟޫ ބަދަލުކޮށްލަން ކޮންމެވެސް ވަރަކަށް މާމަގެ ޚަބަރު އޮޅުންފިލުވިއެވެ. އަބަހައްދަވުމަކީ ޑިމެންޝިއާގެ ދިވެހި ލަފުޒުހެއްޔޭވެސް އަހައިލިއެވެ.

ބަންގީގެ އަޑު އިވުމާއެކު އާލިޔާ ހިމޭންވިއެވެ. ނިމުމުން ބަންގި ދުޢާ ކިޔުމަށްފަހު މޫނުގައި ފިރުމައިލިއެވެ.

"އިންސާނުން ދިިރިއުޅުމުގައި ކާމިޔާބު ބޭނުންވޭ. އެކަމަކު އަޒާން އަޑުއިވި ހައްޔަ އަލަލްފަލާހު ކާމިޔާބަށް އަންނާށޭ ގޮވުމުން ބައެއްމީހުން އަޅާނުލާ. ހިނގާ ނަމާދުކުރަން އެއަށްފަހު ސައިބޯނީ. ބަޓަރުކޭކެއް އަޅަން ޖައްސާފައި ހުރީ......." އާލިޔާ ނަމާދަށް ދައުވަތު ދިނުމުން ބަހަނާއެއް ފެނޭތޯ މިންކާ ވިސްނިއެވެ. އެންމެފަހުން ހަނދާންވިއެވެ. ދޮގުހަދާފައި ބުނީ ނަމާދު ޗުއްޓީ ދުވަސްކޮޅުކަމުގައެވެ. އާލިޔާ ނަމާދުކޮށްފައި ޒިކުރު ތަސްބީހަ ކިޔަން އިންއިރު މިންކާ އިނީ އާލިޔާ ބުނި އެއްޗަކާއިމެދު ވިސްނާށެވެ. މީރާއާއި އަދާ ނަމާދުނުކުރިޔަސް އެމީހުންނަށް ނުލިބެނީ ކޮން ނިއުމަތެއްހެއްޔެވެ؟ ނުލިބެނީ ކޮން ކާމިޔާބެއްހެއްޔެވެ؟ އޭނަގެ ކޮއްކޮގެ އުމުރު ނިކަން ކުރެވެ. އެކަމަކު ދުނިޔެއިން ނުލިބޭ އުފަލެއް ނެތެވެ. އެ ވާހަކަ އަދި އޭނަ އާލިޔާއާއި ހިއްސާކުރާނެއެވެ. މިންކާ ވިސްނީ އޭނައަށް ދަސްވެފައި ހުރިގޮތަށް ދުނިޔެއާއިމެދުގައެވެ. އާޚިރަތް ދުވަސް މުހިއްމެއްނުވީއެވެ. ހެއްދެވިފަރާތުގެ ހަޟުރަތަށް ހުސް އަތާ ދިޔުމުން ކުރިމަތިލާން ޖެހޭނެކަންތައް އަދި ސިކުނޑިއަށް ނުގެނެވުނީއެވެ.

މި ޝޭހާ ބުނާ އެއްޗެއް ދިމާނުވޭ ނޫންހެއްޔެވެ؟

އާލިޔާއާއިއެކު މިންކާ އެގޭގެ ކާބަޔަށް ދިޔައެވެ. ހަތަރު ގޮނޑީގެ މޭޒެކެވެ. އެއްފަރާތުގަައި ފްރިޖެކެވެ. އާލިޔާ ކޭކު ހޫނުކޮށް އޮތްވާ ފޮތިކޮށްލާފައި މިންކާއަށް ކޮފީއެއް ހަދައިދިނެވެ. ދެން ހުރީ ބަޖިޔާއެވެ.

"ހަވީރު ސަޔަށް ދެ ބާވަތެއް ހަަދައިލަނީ...." އާލިޔާވެސް ކިރުސައިތަށްޓެއް ހަދާލައިގެން ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. ކުޅި ބަޖިޔާ އެއް ކާލާފައި ޗޫސްދަމައިލިގޮތަށް ތުންފަތަށް ވެެރިވި ރަތްކުލަ މިންކާއަށް ފެނުނެވެ. އިންސާނުން ވެމްޕަޔަރުންގެ ލޮލަށް ނުބަލަން މަަސައްތަކް ކުރާ އުސޫލުން އޭނައަށްވެސް އާލިއާގެ ލޮލަށް ބަލަން ބިރުގަނެއެވެ. ނަމަވެސް ސަބަބު ތަފާތެވެ. އެލޮލާއި ހަސަދަވެރިވެވޭ ވަރުންނެވެ.

"އާއްމުކޮށް ކައި އުޅެނީ މަދުން. އެކަަަަމަކު އާލިއާ ދިނީމަ ކާންޖެހޭނެތާ...." މިންކާ ރަހަ ބަލާލާފައި ތުންފަތުގައި ދޫޫ ހާކާލަމުން އިނގިލިން އިޝާރާތްކުރީ ވަރަށް މީރުކަން އަންގާށެވެ. މިގޭގައި ވަރަށް ހަމަޖެހިލައިގެން ކައިގެން އެބަ އިނދެވެއެވެ. ކޮންމެހެން މާ ރީތިވެ މޭކަޕްކޮށްގެން ނޫނަސް އާލިއާ ގެ ހިތުގައި އޭނައަށްޓަކާ ރުހުން އެބައޮތްކަން އެކުއްޖާ އުޅޭގޮތުން ދެނެގަނެވުނެވެ.

"މީނައަށް އަހަރެންގެ މުއްސަދިކަން އެނގުނީމަ ފައިސާގެ ބޭނުމުގައި އަހަންނަށް ސިމްޕަތީވެގެން އޯވާވެގެން މެހުމާންދާރީ އަދާކުރަނީކީ ނޫންބާ. ނިކަމެތި ކުދިން އަބަދުވެސް އެޑްވާންޓޭޖް ނަގަން ބޭނުންވާނެ. އެހެންނޫންނަަމަ މަށާއި ހެދި އެހެން ބަޔަކު އުޅެނީއެއްވެސް ނޫން......" އާލިއާއާއިމެދު ހިތް ސާފުވެލިއިރަށް ޝައިތާނާ އެހެންގޮތަކަށް ސިކުނޑިއަށް ވަސްވާސްދިނެވެ.

"ސޯ މިންކާ. އަހަރެމެން ސައިބޯން ތިއްބަސް އެ މައުޟޫއަށް ވާހަކަދެއްކިދާނެ. ސައިކޭޓްރިސްޓްގެ ސެޝަންތަކުންވެސް ހިތަށް މާ ބޮޑު ހަމަޖެހުމެއް ނުލިބޭކަމުގައި މިންކާ ތިބުނަނީ. ގުރުއާނުގައި މާތްﷲ ވަހީ ކުރައްވާފައިވާ ރީތި އާޔަތް ކިޔައިލުމުންވެސް ހިތަށް ފިނިކަމެއް ލިބޭނެ...ތިމާ ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުކުރަން އެންމެ ފުރަތަމަ ސްޓެޕްއަކީ ނަމާދުކުރުން. ނަމާދުކުރުމުން ފިކުރުތަކާ ދުރުހެލިވެވޭނެ. އަބަދު ނަމާދުކުރާ މީހާވެސް ފަހަރެއްގައި ޚުޝޫއަތްތެރިކަމާއިއެކު ނުކުރެވި ހިގައިދާނެ. އެހެންވެ އަގީދާ ވަރުގަދަ ކުރަންވީ. އަޅުގަނޑުވެސް ކުރީކޮޅު ލެކްޗާސްތައް ބަލަންފެށީ އެކަމަކު ހަމައެކަނި އެ ބަލައިގެން އިންސަޕަޔާވެގެން ހުއްޓަސް އެ ޕްރެކްޓިސް ނުކުރަންޏާ ފެއިތް ހަމަ ދަށްވެދާނެ.........."އާލިއާ ދެއްކި ވާހަކަތައް މިންކާއަށް ފަހުމެއްނުވިއެވެ. އޭނަ އެވާހަކަ ގަބޫޅުކުރަން ތައްޔާރެއްނޫނެވެ. ޑިޕްރެޝަންއަށް ނަމާދަކީ ފަރުވާއެއް ހެއްޔެވެ؟ ނަމާދުކުރާ ސޯލިހު ކުދިންވެސް ޑިޕްރެޝަން މިކިޔާ ނަފްސާނީ ބަލީގެ ޝިކާރައަށް ވެއެވެ.

އާލިޔާ ކޭކު ކޮޅު ސަޔާއި ޖަހައިގެން ކެއުމުން މިންކާއަށް ހެވިއްޖެއެވެ.

"ހާދަ ތަފާތުކުއްޖެކޭ. ހެހެ. އަހަރެން ނުދެކެން އަދި އެހެން ކުއްޖަކު ކޭކު ސަޔާ ޖަހައިގެން ކާތަނެއް....."

"ޓްރައިކޮށްބަލަ. ހާދަ މީރޭ......" އާލިޔާ ހިނިތުންވެލުމުން ވަކިން މޫނުމަތި ރީތިވިއެވެ. "ލައިކް އެން އެންޖެލް" މިންކާގެ ހިތަށް ތަދުވިއެވެ. އާލިއާ ކިޔާވަރުން އެގޮތަށް އެތިކޮޅެއް ކާލަފައި މިންކާއަށްވެސް މީރުވިއެވެ. އާލިއާގައި ޖާދޫއެއް ހުންނަނީހެއްޔެވެ؟ މިކުއްޖާ ކޫސަނި ކަމަކުކިޔަސް އެކަމެއް އޭނައަށް އެބަކުރެވެއެވެ. ފަހަރެއްގައި އަދާއަށްވުރެ މިކުއްޖާއާ އެކީ ވަގުތު ހޭދަކުރަން ފަސޭހަވެދާނެއެވެ. އެކަމަކު ދީނީ ދަރުސް ފެށީމަ ބޮލަށް ތުރާ ވެއެވެ. އެހެންވެ މިއަދު އޭނަ އެދުނީ އިހަށް ދީނީ ވާހަކަ ނުދައްކާ އޭނައަށް ވަގުތުކޮޅެއް ހުސްކޮށްލަދިނުމަށެވެ. މިހެން ސައިބޮއި އެކީ ގަ އަނގަ ތަޅާލަން އިނދެވުނަސް ހިތްހަމަޖެހުމެއް ލިބިދާނެއެވެ.

***

ސުކައިނާގެ އަތުގައިވަ ޒަޚަމްތައް ވަރަށް ބޮޑަށް ފަސޭހަވިއެވެ. އެކަަމަކު ކޮންމެވެސް ވަރަކަށް ލަކުނު ހުރުމުން ސުކައިނާގެ ހިތުގައި ޝަކުވާ އުފެދުނެވެ. އެންމެ ލަފެއް ކޫރުމެއްނެތް ހަށިގަނޑުގައި ލަކުނެއް ހުރީމަ މާޔޫސްވާގޮތްވިއެވެ. އެންމެ ބިއްސެއް ހުއްޓަސް ސުކައިނާ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. ރައީސް މައިމޫން ބުނުއްވީ ލޭޒަރުން ނަމަވެސް ރަގަޅުކުރާނީކަމުގައެވެ.

***

އަދާގެ ބިއުޓީ ސެލޫންގެ ހުރިހާ ތައްޔާރީތަށް ވުމަށްފަހު އޭނަ ގަސްތުކުރީ ފަސްޓްލޭޑީ ސުކައިނާ ލައްވާ އެތަން ހުޅުވުމަށެވެ. އަދާ އެގޭގެ ބެލް ޖަހައިލުމުން ދޮރު ހުޅުވީ އަރްސަންއެވެ. މަންމައާއި ބައްޕަ އަދި ބޭބެއާއި ކޮއްކޮމެން ތިއްބަސް އޭނަ އަދާގެ ގައިގާ ބައްދާލިއެވެ. މަޑުމަޑުން ތައުރީފުކޮށްލިއެވެ. އަދާގެ މޫނަށް ފިޔާތޮށިކުލަވެރިވިއެވެ. އެހެން އެންމެންވެސް އަދާއަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. މައިމޫންގެ ދެމަފިރިން އަމިއްލަ ދަރިއެއްކަމުގައި ދެކޭއިރު އެހެން ޒުވާނުން ފަހަރި ކަމުގައި ބަލައިގެންފިއެވެ. އެކި ވާހަކަތައް ދައްކަމުންގޮސް އަދާ ސެލޫން ހުޅުވާ ވާހަކަ ފެށިއެވެ.

"އަޅުގަނޑު ބޭނުމީ ފަސްޓްލޭޑީ އެތަން ހުޅުވުން. އޭރުން ލިބޭ ޝަރަފަކަށްވާނީ..." އަދާ ބުނެލިއެވެ.

"ތި ގޯސްވީ. ޕްރެޒިޑެންޓް ހުޅުވާލީމަ މާ ފަޚުރުވެރިވެވޭނެއްނު. އެކަމަކު ޖެންޑާ ޑިސްކްރިމިނޭޝަން............" މައިމޫން ސަމާސާގެ ރާގަކަށް ބުނުއްވިއެވެ. އެެހެން އެންމެން ހޭންފެށިއެވެ. އެކި ވާހަކަ ދައްކަމުންގޮސް އަރްސަން ކުޑައިރު ކުރާ މޮޔަކަންތައްތަކުގެ ވާހަކަ ސުކައިނާފެށިއެވެ.

"ހޫމް އެހެން ބުނީމަ ހަދާންވީ. ސޭމް ކުޑައިރުވެސް އަމިއްލަ އެއްޗެއް ނޫނީ ބޭނުން ނުކުރާ އުސޫލެއް ހުރޭ. އެގޮތަށް އަމިއްލަ ފާޚާނާ ވަރަށް ސްޕެޝަލްވާނެ. އެހެން ތަނަކަށް ވަނުން ހަމަ މުޅިން މަނާ. އެއްފަހަރު ފެމިލީ އެއްކޮށް ދިޔައީ މޯލްއަކަށް. މޯލް ތެރޭ ހުއްާޓާ މިއޮތް ކޫލް ބޭބީ ވަރަށް ހާސްވެ އަވަސް އަރުވާލާފައި ބުނެފި ޑެޑީ ޑެޑީ. ނީޑް ޓު ޕީ ޕި އޭ....ބުނެގެން ޓޮއިލެޓަކަށް ގެންދިޔައީ. ސާފުކަމުން އޮފްއަރާ. އާ ތަނެއްފަދަ ތަނެއް. ފައި ޖައްސާނުލި..ގަދަކަމުންވެސް އެކަން ނުކުރެވިގެން ގޮވައިގެން ނުކުތީ. ކާރާއި ހަމަޔަށް ދެވުނުއިރު ސޯޓުކޮޅުން ވާރޭ ވެހެން ފެށީ....." މައިމޫން ބުނުއްވިއެވެ. އަރްސަންގެ މޫނު ރަތްވިއެވެ. ދެއަތުން މޫނުގައި އަތް އެޅިއިރު އެހެން އެންމެން ބާރަށް ހޭންފެށިއެވެ.

comment ކޮމެންޓް